01 Sep 2020, 11:44
ހެންވޭރުގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސެންޓަރުން މިދިޔަ ހަފްތާ ފައިސާ ނަގައިގެން ނިކުތްތަނާހެން ބިދޭސީއަކު އައިސް ސުވާލުކުރި އެވެ؛ "ބޭބޭ ޑޮލަރު ވިއްކަނީތަ؟،" ހިތުގައި އުފެދުނު ސުވާލުތަކާ އެކު އަހަރެން އޭނާއާ އިތުރަށް ވާހަކަ ދައްކަން ފެށީމެވެ.
"ކިހާވަރަކަށް ޑޮލަރު ގަންނަނީ؟،" އެ ބިދޭސީމީހާއާ ސުވާލުކުރީމެވެ.
އޭނާގެ ޖަވާބަކަށްވީ؛ "19 ރުފިޔާ ގަންނަނީ، ޑޮލަރު ހުރީތަ؟" ލިބުނީ ކުއްލި ހައިރާން ކަމެކެވެ.
ޒަމާނުއްސުރެ ވެސް ރާއްޖޭގެ ގާނޫނުތަކުން ކަނޑައަޅާފައި އޮންނަނީ، ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓަކީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ކަނޑައަޅާފައި އޮންނަ ފިކްސްޑް އަދަދެއް ކަމަށެވެ. އެގޮތުން، 15.42 އަކީ، ޑޮލަރު ގަނެވިއްކޭނެ އަގެވެ. ގިނަ ގައުމުތަކުގައި އޮންނަ ގޮތަށް ޑިމާންޑާއި ސަޕްލައިއާ އެއްވަރަށް ޑޮލަރުގެ އަގު މަތިވެ ތިރިވާ ގޮތަށް އޮންނަ ފްލޯޓިން އެކްސްޗޭންޖް ރޭޓަކަށް ރާއްޖޭގެ މަނިޓަރީ ގާނޫނުތަކާއި ގަވާއިދުތައް އެއްގޮަތަކަށް ވެސް ތަނެއް ނުދެ އެވެ.
އެ ބިދޭސީ މީހާ ބުނާ ގޮތުގައި އޭނާ މީހުންގެ އަތުން ޑޮލަރު ގަންނަން ނިކުމެ ހުރީ މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ލައިސަންސް ދީގެން ހިންގާ މަނީ އެކްސްޗޭންޖަރެއްގެ މުވައްޒަފެއްގެ ގޮތުގަ އެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ޓީޝާޓްގެ ފުރަގަހުގައި "ލައިސަންސްޑް މަނީ އެކްސްޗޭންޖާ" ކަޅުކުލައިގާ ބޮޑު އަކުރުން ޖަހާލާފައި އޮތެވެ. އޭނާ ބުނާ ގޮތުގައި، ޑޮލަރު ލިބޭލެއް މިހާރު މަދުވުމުން މަގުމަތިން ޑޮލަރު ގަންނަން އެ އެޖެންސީއިން އޭނާ މަގުމައްޗަށް ފޮނުވީ އެވެ. -- އޭގެ ތެދެއް ދޮގެއް ނޭނގެ އެވެ.
އޭނާ ނޫނަސް އެ ޒާތުގެ ޓީޝާޓް ލާފައި ތިބި ދެތިން މީހަކު އެ އޭޓީއެމްތައް ކައިރީ އުޅޭތަން ފެނެ އެވެ. އޭޓީއެމް ސެންޓަރުން ނިކުންނަ މީހުން ކައިރީ ޑޮލަރު ހުރިތޯ އެ މީހުން ސުވާލުކުރެ އެވެ. އަހަރެން އެތާ ހުއްޓާ ވެސް އެހެން އައި ދެ މީހަކު 19.30 ރުފިޔާގެ ރޭޓުން 500 އެއްހާ ޑޮލަރު ބިދޭސީއަކަށް ވިއްކި އެވެ. ބިދޭސީ މީހާ ވަގުތުން ޖީބުން ލާރި ބޮޑިއެއް ނަގާ ގުނާލުމަށް ފަހު ދިވެހި މީހާއަށް ރުފިޔާ ދިނެވެ.
ޑޮލަރުތަކެއް ގުނަނީ: ރާއްޖޭގައި ޑޮލަރުގެ ބުލެކް މާކެޓެއް އުފެދި 20 ރުފިޔާއަށް ޑޮލަރުގެ އަގު ވަނީ އަރާފައި -- ސަން ފައިލް ފޮޓޯ
މަނީ އެކްޗޭންޖަރު ހެދިގެން ޑޮލަރުގެ ގަތުމުގެ ވިޔަފާރި ކުރާ ބިދޭސީންނާ ދޭތެރެ ދޭތެރެއިން ކައިރިކޮށްލާ އެހެން ބިދޭސީން އެ މީހުން އަތަށް ޑޮލަރު ކޮޅުކޮޅު ހަވާލުކުރާތަން ވެސް ފެނެ އެވެ. އެއީކޮން ބައެއްތޯ ސުވާލުކުރުމުން ވާހަކަ ދެއްކި ބިދޭސީ މީހާ ބުނާ ގޮތުން، އެއީ މާލޭގެ އެހެން ދިމަދިމާލުން ޑޮލަރު ގަނެގެން ގެނެސްދޭ "އެ މީހުންނަށް ކުޑަ ހެލްޕް ކުރާ" ރަހުމަތްތެރިންނެވެ.
އޭނާ ބުނާ ގޮތުން އެ މީހުން ޑޮލަރެއް ނުއެއް ވިއްކަ އެވެ. އޭނާގެ ވަޒީފާއަކީ ޑޮލަރު ގަތުން އެކަންޏެވެ. ޑޮލަރު ގަންނަން ބޭނުމިއްޔާ ދާން ޖެހެނީ އޭނާ ބުނާ ގޮތުން "ބޮސް"ކައިރިއަށެވެ. އެ ނެޓްވޯކުގެ ބޮސްއަކީ ކާކު ކަމެއް ހިލާ އޭނާ ނުބުންޏެވެ. އޭނާ ބުނާ ގޮތުގައި ބޮޑެތި ވިޔަފާރިވެރިންނަށް "ބޮސް"އެނގޭނެ އެވެ.
ބޭންކުތަކުގެ ދޮރުމަތިންނާއި އޭޓީއެމް ސެންޓަރުތަކުގެ ކައިރީ ޑޮލަރު ގަނެ ވިއްކުމުގެ މި ބާޒާރަކީ މިއީ އާދައިގެ ކަމެއް ނޫނެވެ. ބޭރު ފައިސާ ގަތުމަށް މާލެ ތެރެއަށް ފެތުރިގެންފައިވާ ބިދޭސީންގެ މި ނެޓްވޯކުން ދައްކުވައިދޭ އެއްކަމެއް އެބަ އޮތެވެ.
ކޮވިޑް-19އާ އެކު ޓޫރިޒަމް ހުއްޓި ރާއްޖެއަށް ބޭރު ފައިސާ ލިބުން އެކީހެން ހުއްޓުމާ އެކު، ޑޮލަރުގެ ކަޅު ބާޒާރު އަނެއްކާ ވެސް ދިރިއްޖެ އެވެ. މީގެ އަހަރުތަކެއް ކުރިން މަރުވެފައި އޮތް ޑޮލަރުގެ ކަޅު ބާޒާރު ހަމަ ޔަގީނަށް ވެސް މިހާރު ބާރަށް ހިނގައިގެންފި އެވެ. މިފަހަރު އެ ބާޒާރުގައި ބިދޭސީންގެ ނުފޫޒު ވެސް މި ވަނީ ވަރުގަދަކޮށްލައިފަ އެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނަނީ، ޑޮލަރުގެ މުއާމަލާތްތައް އެގޮތަށް ކުރުމަކީ އެއްގޮތަކަށް ވެސް ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި އެމްއެމްއޭއިން އެދެނީ އެފަދަ ކަންކަން ހުއްޓުވަން އާންމުންނާއި އެންމެން އެ އިދާރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
"ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ އެކި ގަވާއިދުތަކާއި މި އޮތޯރިޓީން އަންގާ އެންގުންތަކާ ހިލާފުވެފައިވާކަން ހާމަވާ ފަރާތްތަކާމެދު މި އޮތޯރިޓީން ފިޔަވަޅު އަޅާފައިވާނެ،" އެމްއެމްއޭއިން ބުންޏެވެ.
މަނީޗޭންޖަރުން ކިޔާލަނީ ހިތުހުރި އަގެއް
ބިދޭސީ މީހާގެ ވާހަކަތަކުން ބޭރު ފައިސާގެ ބާޒާރު ހާވައި އިތުރަށް ބަލަން އުފެދުނު ޝައުގުވެރިކަމުގައި އޭޓީއެމް ސެންޓަރާ އިންވެގެން ކަހަލަ ގޮތަކަށް ހުރި މަނީ އެކްސްޗޭންޖާއަށް ވަދެ ޑޮލަރުގެ އަގު ސާފުކޮށްލިއިރު، އެ މީހުން ވެސް ޑޮލަރެއް ގަންނަނީ މަގުމަތީ އަގު 19.20 ރުފިޔާ އަށެވެ. އަދި ޑޮލަރެއް ވިއްކަނީ، 19.30 ރުފިޔާއަށެވެ. މުދާ ކޮޅެއް ރާއްޖެއިން ބޭރުން ގެންނަން، 50،000 ޑޮލަރު ބޮޑެތި ނޫޓުން ލިބިދާނެތޯ ސުވާލުކުރުމުން ކައުންޓަރުން ދިނީ އަދި މާ ވަރުގަދަ ޖަވާބެކެވެ. މިހާރު ޑޮލަރުގެ ބޮޑެތި ނޫޓްތައް ލިބުން ދަތިކަމުން ބޮޑެތި ނޫޓުން ނަމަ، ޑޮލަރު ލިބޭނީ 20 ރުފިޔާގެ ރޭޓުން ކަމަށް އޭނާ ބުންޏެވެ. މިއީ އެމްއެމްއޭއިން ހުއްދަ ނަގައިގެން އޮޮޕަރޭޓް ކުރާ މަނީ ޗޭންޖަރުންގެ ރޭޓްތައް ވެސް މިހާރު ހުރި ގޮތެވެ. ކުރިން ވެސް ލަފާވެފައިވާ ގޮތަށް ކޮވިޑުގައި އިގްތިސާދު މުގުރެން ފެށުމުން ޑޮލަރުގެ އަގު ހަމަ ޔަގީނުން ވެސް މިހާރު ހަމައިން ނައްޓަން ފަށައިފި އެވެ.
ބައެއް މަނީއެކްސްޗޭންޖްތަކުން "ސަން"އަށް ބުނީ އެ މީހުންނަށް ޑޮލަރު އެކަށީގެންވާ އަދަދަށް މިހާރު ނުލިބޭ ނަމަ، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށް ޑޮލަރު ވިއްކުމަކީ ވާނެ ކަމެއް ނޫނެވެ. އަދި ބާޒާރުގައި އެއްޗެއްގެ އަގު ނެތް ވަރަކަށް އެއްވެސް އެއްޗެއް ވިއްކުމަކީ ނުވާނެ ކަމެއް ކަމަށް އެ މީހުން ބުނެ އެވެ. އެހެން ނޫން ނަމަ، އެ މީހުން ކުރާ ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ވާނީ ދެކޮޅު ނުޖެއްސޭ ވިޔަފާރިއަކަށް ކަމަށް އެ މީހުން ބުނެ އެވެ. މިއީ އެ މީހުން ގަބޫލުކުރާ ގޮތެވެ. އަދި މިއީ ބާޒާރާއި ވިޔަފާރީގެ ހަމަ މިވަގުތަށް އޮތް ހަގީގީ މަންޒަރު ކަމަށް ވެސް ވެދާނެ އެވެ.
ސަބަބަކަށް ވަނީ އެއްޗެއްގެ އަގު މާރުކޭޓްގައި ކަނޑައަޅާނީ ޑިމާންޑް އެންޑް ސަޕްލައި އޮންނަ މިންވަރެއްގެ މައްޗަށް ކަމަށް ވާތީ އެވެ. އެ ހަމަތަކަށް ނުބަލައި އެއްޗެއްގެ އަގާ ބެހެން އުޅުމަކީ ބުއްދިވެރިކަމެއް ނޫނެވެ.
މީހަކު ޑޮލަރުތަކެއް ގުނަނީ---ސަން ފޮޓޯ// މުހައްމަދު އަފްރާހް
އެހެން ނަމަވެސް، އެމްއެމްއޭ އިން އަމަލުކުރަމުން އަންނަ މަނިޓަރީ ގަވާއިދުގައި އެމްއެމްއޭ އިން ކަނޑައަޅާ އަގު ނޫން އަގުތަކުގައި ބޭރު ފައިސާ ގަނެ ވިއްކުމަކީ ކަނޑައެޅިގެން ކުށެކެވެ. މާޗް، 1، 1987 އިން ފެށިގެން އަމަލު ކުރަމުން އަންނަ މަނިޓަރީ ގަވައިދުގެ ނުވަ ވަނަ މާއްދާގައި ބުނަނީ؛ "އެމެރިކާ ޑޮލަރު ގަންނަ އަގާއި، ވިއްކާ އަގު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ކަނޑައަޅާ އަގު ފިޔަވާ އެހެން އަގެއްގައި އެއްވެސް ފަރާތަކުން އެމެރިކާ ޑޮލަރު ގަނެ ނުވަތަ ވިއްކުމަކީ މަނާކަމެއް" ކަމަށެވެ. އަދި މަނީ އެކްސްޗޭންޖަރުންނަށް ކޮމިޝަނެއް ވެސް ނެނގޭނީ އެމްއެމްއޭ އިން ހުއްދަ ކުރާ މިންވަރަކަށް ކަމަށް އެ ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި ބުނަނީ ރާއްޖޭގައި ހިންގާ ބޭންކުތަކުގެ މައްޗަށް ވެސް އެ ގަވައިދުގެ އެ މާއްދާ ހިނގާނެ ކަމަށެވެ.
އެ ގަވާއިދުގައި ބުނާ ހަމަތަކާ ހިލާފުވާ ނަމަ، 2،000-10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު މަރުކަޒީ ބޭންކަށް ވަނީ ލިބިދީފަަ އެވެ. ނުވަތަ 2،000 ރުފިޔާ އާއި އެ ކުށެއްގައި ހިމެނޭ ފައިސާގެ އަދަދުގެ ފަސް ގުނަޔާ އެއްވަރުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ވެސް ވަނީ ދީފަ އެވެ.
އެމްއެމްއޭ އިން ބޭރު ފައިސާ ގަނެވިއްކޭނެ ވަކި އަގުތަކެއް ކަނޑައަޅާފައި ވަނީ ރާއްޖޭގެ އިގްތިސާދުގެ ކުޑަކަމާއި ނާޒުކު ކަމުގެ ސަބަބުން ބޭރު ފައިސާގެ އަގަށް އަންނަ ކުއްލި ބަދަލުތަކުގެ ސަބަބުން، ކުރިމަތިވެދާނެ ބޮޑެތި ލޮޅުންތަކުން އިގްތިސާދު ސަލާމަތް ކުރުމަށެވެ. އޭރުން ދިވެހި ރުފިޔާގެ އަގު ވެއްޓިގެން ނުގޮސް، އެއް ހަމައެއްގައި ހިފެހެއްޓޭނެ އެވެ.
އެކަމަކު އެ ހުރިހާ ހަމަތަކުން ޑޮލަރުގެ އަގު ކައްސާލައިގެން ގޮސް ކަޅު ބާޒާރެއް އުފަންވެ، ފައްކާވަމުން އަންނައިރު ސުވާލަކީ؛ އެމްއެމްއޭއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން ކަޅު ބާޒާރު ހަމަޔަކަށް އަޅުވަން އެބަ ފިޔަވަޅު އެޅޭ ހެއްޔެވެ؟
އެމްއެމްއޭއިން ބުނަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ މަނީ އެކްސްޗޭންޖަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ޑޮލަރަށް ވުރެ ރުފިޔާ ގިނަވެއްޖެ
ކޮވިޑާ އެކު އިގްތިސާދު ފުޑެން ފެށުމުން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައި ވަނީ، ޑޮލަރުގެ އަގަށް އަންނާނެ ބަދަލަށް ރިއާޔަތްކޮށް ބޭންކުތަކަށް ޑޮލަރު ދޫކުރާ ވަރު އިތުރުކޮށް ބާޒާރަށް ގިނަ ޑޮލަރު ދޫކުރުމަށް ވިސްނުން ހުރި ކަމަށެވެ. އެގޮތުން، ބޭންކުތަކުގައި އެމްއެމްއޭގައި ބަހައްޓާ ފައިސާ "މިނިމަމް ރިޒާވް ރިކުއަމަންޓް" ކުޑަކުރި އެވެ.
އެކަމަކު އެ ފިޔަވަޅުން ވެސް ޑޮލަރުގެ ކަޅު ބާޒާރު މައިތިރިވާ ހެނެއް ހިއެއް ނުވެ އެވެ. އެތެރޭގެ ބާޒާރުގައި މުދަލަށް އޮންނަ ޑިމާންޑް ދަށްވެ، މުދާ އެތެރެ ކުރާ އަދަދު މަދުވެފައި ވުމާއި ރާއްޖެ އިން ބޭރަށް ދިވެހިން ދަތުރުކުރުމާއި ބިދޭސީން ބޭރަށް ފައިސާ ފޮނުވުން މަދުވެފައިވީ ނަމަވެސް، ޑޮލަރުގެ އަގު މައިތިރި ނުވެގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟
އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި ޑރ. ފަޒީލް ނަޖީބު ވިދާޅުވި ގޮތުގައި ޑޮލަރުގެ އަގު ބޮޑުވާން ދިމާވި މައިގަނޑު ސަބަބަކީ، ރާއްޖެއަށް ވަންނަ ޑޮލަރު ބޮޑުތަނުން މަދުވެފައިވުމެވެ. އޭގެ ނަތީޖާއަކަށް ވަނީ، ޑޮލަރަށް ވުރެ ބާޒާރުގައި ދައުރުވާ ރުފިޔާގެ އަދަދު މާ ގިނަވުމެވެ. އެހެންވުމުގެ ސަބަބުން ޑޮލަރާ އަޅާބަލާއިރު ރުފިޔާގެ އަގު މާ ބޮޑަށް ދަށަށް ދަނީ އެވެ.
"މީގެ ކުރިން [މަހެއްގެ މައްޗަށް] ތިންލައްކަ ހަތަރު ލައްކަ ޓޫރިސްޓުން ރާއްޖެ އެބަ އާދޭ. އެކަމަކު މިހާރު ފަސްހާހެއްހާ ޓޫރިސްޓުން ކިރިޔާ މި އަންނަނީ އެހެން ވީމާ ޑޮލަރު ވަންނަ ވަރު ވަރަށް ވަރަށް މަދުވާނެ. އެކަމަކު އެހެނޭ ކިޔާފައި ސަރުކާރަކަށް ހަރަދު ނުކޮށް ތިބުން ވެސް އެއީ ޗޮއިސްއެއް ނޫން. މާގިނަ އާ ހަރަދުތަކެއް ސަރުކާރަކުން ވެސް ކުރާތަނެއް ނުފެނޭ. އެހެން ވެގެނެއް ނޫން ޑޮލަރުގެ އެކްސްޗޭންޖަށް މި ޕްރެޝަރެއް އައިސްގެން މި އުޅެނީ،" ފަޒީލް ނަޖީބު ވިދާޅުވި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުވެސް ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީގެ އަދަކަކީ، 4.75 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ވަނީ 50.56 މިލިއަން ޑޮލަރު ލިބިފަ އެވެ. އެހެން ކަމުން މިދިޔަ މަހު އެކަނިވެސް ލިބުނު ޑޮލަރަކީ 46 މިލިއަން ޑޮލަރު މަދު އަދަދެކެވެ. އެހެން ވީމާ، މާކެޓަށް މިވަގުތު ބޭނުންވާ ވަރާ ގާތަށް ވެސް ރާއްޖެއަށް ޑޮލަރު ވަންނަމަކުން ނުދެ އެވެ. ނަތީޖާއަކަށް ވަނީ އެކްސްޗޭންޖު މާކެޓަށް ޕްރެޝަރުތައް ބޮޑުވުމެވެ.

ޖޫން 1، 2020: މަނީ ޓްރާންސްފާ މަރުކަޒެއްގެ ބޭރުގައި ބިދޭސީންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ޕަބްލިކް ބޭންކުއަކައުންޓަށް ޖަމާވި އަދަދަށް ވުރެ އިތުރަށް ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ރުފިޔާ މިހާރު ވެސް ސަރުކާރުން އޯވަޑްރޯކޮށްފި އެވެ. އޭގެ މާނަ އަކީ، ސީދާ ސަރުކާރުގެ ހަރަދުތަކަށް މަރުކަޒީ ބޭންކުން ފައިސާ ދޫކުރަމުން ދިޔުމެވެ. އެއީ، މަނިޓައިޒްކުރުމެވެ. އެގޮތުން އާމްދަނީ ލިބުނު އަދަދަށް ވުރެ އިތުރަށް ދައުރުވާ ރުފިޔާގެ ތެރެއަށް ހަތަރު ބިލިއަނެއްހާ ރުފިޔާ އެމްއެމްއޭ އިން ވަނީ ދޫކޮށްފަ އެވެ. އެއީ މުވައްޒަފުންގެ މުސާރަ ދިނުން ފަދަ އިދާރީ ކަންކަމަށް ދޫކޮށްފައިވާ ރުފިޔާ ކަމަށް ބަލަން ޖެހެ އެވެ.
ޑެޕިއުޓީ ގަވަރުނަރަކަށް ނަން ފޮނުވާފައިވާ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އިމާދާ އިންޓަވިއުކުރުމަށް އިއްޔެ މަޖިލީހަށް ހާޒިރުކޮށް ކުރި ސުވާލުތަކާ ގުޅިގެން އޭނާ ވިދާޅުވީ، މިހާރު އެމްއެމްއޭގައި ހުރި ޑޮލަރުގެ ރިޒާވް ބޭނުން ކުރަނީ ކާބޯތަކެއްޗާއި ސިއްހީ ކަންކަމަށް ބޭނުންވާ ހަރަދުތައް ކުރުމަށް ކަމަށެވެ. އެގޮތުން މިހާރު ހުރި ޑޮލަރު ހަރަދު ކުރުމަށް އިކޮނޮމިކް މިނިސްޓްރީ އިން ލިސްޓެއް އެކުލަވާލައި ޑޮލަރު ބޭނުންވާ ވަރު ހިސާބު ޖަހައިގެން ޑޮލަރުގެ ރިޒާވް ބޭނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ދަށްވުމާ އެކު ޑޮލަރަށް އޮންނަ ޑިމާންޑް ވަރަށް ބޮޑުތަން ދަށްވާނެ ކަމަށް ބެލެވުނު ނަމަވެސް، އިމާދު ވިދާޅުވީ މިހާރު ލިބެމުންދާ ޑޮލަރުން ވެސް ބޭނުންތަކަށް ނުފުދޭ ކަމަށެވެ. އެކަމުގެ ސަބަބުން، އެކްސްޗޭންޖު ރޭޓަށް ބުރަ ބޮޑުވެފައިވާ ކަމަށް އޭނާ ވެސް ގަބޫލު ކުރައްވަ އެވެ.
"ހިސާބުތަކުން ދައްކާ ގޮތުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މިންވަރަކަށް ރާއްޖޭގެ އިމްޕޯޓް ދަށްވެގެން ދިޔަ. ޓުއަރިޒަމް ސެކްޓާއަށް ބޭނުންވާ މުދާ މިވަތު އެތެރެކުރާކަށް ނުއެއް ޖެހޭ. އެހެންކަމަށް ވުމާ އެކު ޑޮލަރަށް އޮންނަ ޑީމާންޑް ދަށްވާނެކަމަށް ގަބޫލުކުރީ. އެހެން ނަމަވެސް ދެންހުރި ކަންކަމަށް ލިބޭ ޑޮލަރު މަދުވެފަ ދެންހުރި ޑިމާންޑަށް ފުލީ ކޭޓާ ކުރުމުގައި ކެޕޭސިޓީ ނެތީމާ އެ މާކެޓަށް އެޕްރެޝާ އައިސްގެން އުޅޭކަން އަޅުގަނޑުމެންނަށް ވެސް ފާހަގަކުރެވޭ،" އިމާދު ވިދާޅުވި އެވެ.
ބާޒާރުގެ އާންމު ހަމަޔާ އެއްގޮތަށް، ދިވެހި ފައިސާގެ އަގު ދަށްވެގެން އުޅެނީ، ޑޮލަރާ އަޅާކިޔާއިރު ބާޒާރުގައި ރުފިޔާ ގިނަވުމުން ކަމަށް ގަބޫލު ކުރަން ޖެހެ އެވެ. އެކަމުގައި އެމްއެމްއޭއަށް މިވަގުތު ކުރެވޭނެ، މާބޮޑު ކަންތައްތަކެއް ނެތް ކަމަށް މީގެ ކުރިން ވެސް ވާހަކަ ދެއްކެވި ފަޒީލް ގަބޫލުކުރައްވަ އެވެ.
"މިވަގުތު އެމްއެމްއޭއަށް ވެސް ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނޯންނާނެ. ޓޫރިޒަމް ނޫނީ ބޭރު ފައިސާ ވަންނާނެ އެހެން ދޮރެއް ހުޅުވުން އެކްސްޗޭންޖު ރޭޓް ސްޓެބިލައިޒް ކުރެވޭނެ ގޮތަކީ،" ފަޒީލް ވިދާޅުވި އެވެ.
ބިދޭސީން ޑޮލަރުގެ ބާޒާރު ހިފައިފި
ރާއްޖޭގެ މަނިޓަރީ ގާނޫނުތަކާއި ގަވައިދުތައް ތަންދެނީ، ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް އެއްވެސް ސިފައެއްގައި ދެވޭނީ، މަރުކަޒީ ބޭންކު އެމްއެމްއޭގައި ރަޖިސްޓްރީކޮށް، ދޫކުރާ ހުއްދައެއްގެ ދަށުންނެވެ. ނަމަވެސް، ބިދޭސީން ބޭންކުތަކުގެ ދޮރުމަތީ ޑޮލަރު ގަނެ ވިއްކުމުގެ އުނގު ވިޔަފާރި ކުރުން އެއީ، ރާއްޖޭގެ ގާނޫނުތައް ތަންދޭ ގޮތެއް ނޫނެވެ. މިދަނޑިވަޅުގައި ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތްތަކެއް ސަރުކާރުން ކުރާއިރު، އަދި އެތައް ބިދޭސީންނަކަށް އާމްދަނީ ލިބޭނެ މަގު ބަންދުވެފައިވާ އިރު، ޔަގީނުން ވެސް ބޭރަށް ފޮނުވާ ޑޮލަރުގެ އަދަދުވެސް މަދުވާނެ އެވެ.
ނަމަވެސް، މާކެޓްގައި ދައުރުވާ ޑޮލަރު ބިދޭސީން ކޮންޓްރޯލް ކުރުމުގެ މައްސަލަ ބޮޑެވެ. އެކަމުގައި އުޅޭ ބައެއް ބިދޭސީން ބުނާ ގޮތުގައި، ރަށަށް ފޮނުވަން ޑޮލަރު ލިބުމުގައި ތާށިކަމެއް އުޅޭތީ ބިދޭސީން ކުރީބައިގައި ޑޮލަރު ގަނެ ފޮރުވަނީ އެވެ. އަނެއް ބަޔަކު ރަށަށް އެނބުރި ދިޔުމުގެ ކުރިން، އަތުގައި ރައްކާކޮށްފައި ހުރި ދިވެހި ރުފިޔާކޮޅު ޑޮލަރަށް ބަދަލުކުރަނީ އެވެ. ރާއްޖެއަށް މުދާ އެތެރެކުރުމަށް ކުރާ ހަރަދު ނަގާފައި ރާއްޖެއިން ބޭރަށް ބޭރު ފައިސާ ނިކުމެގެން ދާ އެންމެ ބޮޑު މަގަކީ، ބިދޭސީން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމެވެ.
އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި އެކަނި ރާއްޖެ އިން ބޭރަށް 75.1 މިލިއަން ޑޮލަރު (1.16 ބިލިއަން ރުފިޔާ) ވަނީ ބޭރަށް ފޮނުވައިފަ އެވެ. އެއީ، ބިދޭސީންނާއި ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ފަރާތްތައް ވެސް ހިމެނޭ ގޮތުންނެވެ. އެހެންކަމުން ބިދޭސީން ބޭރު ފައިސާ މާރުކުރުމުގެ މާކެޓްގެ ތެރެއަށް ވަދެ، ޑޮލަރު ފޮރުވާ ނަމަ، އެއީ ބޮޑު މައްސަލައަކަށްވާނެ އެވެ. މަންޒަރު ފެންނަނީ އެގޮތަށެވެ.

މެއި 27، 2020: ބިދޭސީއަކު ފިހާރައެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މާލޭގެ އެކި، ދިމަދިމާލުން ބިދޭސީން އާދޭސްކޮށްގެން ވެސް ޑޮލަރު ގަނެ، ޖަމާކުރަނީ ރޭވުންތެރި ނެޓްވޯކެއް ހަދައިގެންނެވެ. އެ ނެޓްވޯކް ހަރަކާތްތެރިވަނީ ރޭވުންތެރިކަމާ އެކު އެވެ. އެކަމަކު، އެކަން އެއީ ހުއްޓަން ޖެހޭ ކަމެކެވެ.
އެކަން ހުއްޓުވަން އެޅުނު ފިޔަވަޅެއް ވެސް ނެތެވެ. އެމްއެމްއޭ އަށް ވެސް އެނގޭ ކަމަކީ ޑޮލަރުގެ މާކެޓަށް ބާރު ބޮޑުވެފައިވާ ކަމެވެ. އަދި ބައެއް ފަރާތްތަކުން ހިތަށް އެރި އަގެއްގައި ޑޮލަރު ގަނެއްވިއްކާކަން އެއީ، މިހާރު އެއްވެސް މީހަކަށް ސިއްރެއް ނޫނެވެ.
ތަކެތީގެ އަގު ރާސްލާފައި މައްޗަށް
ރުފިޔާގެ އަގު ވެއްޓުމާ އެކު، ބާޒާރުގައި ތަކެތީގެ އަގުތައް މަޑުމަޑުން މައްޗަށް ޖެހެން ފަށައިފި އެވެ.
ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ އިންފްލޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ތަކެތީގެ އަގުތައް ވަނީ 0.41 ޕަސެންޓުން 2.81 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ. އެ ހިސާބުތަކުން ދައްކާ ގޮތުން ގާތްގަނޑަކަށް ހުރިހާ ތަކެތީގެ އަގުތައް ވެސް މިހާރު ވަނީ މައްޗަށް ޖެހެން ފަށައިފަ އެވެ.
އަގުތައް މައްޗަށް ދިޔަބައިތައް:
ކަރަންޓް: 66.67 ޕަސެންޓް
- ފެން: 42.86 ޕަސެންޓް
- މުވާސަލާތީ: 6.27 ޕަސެންޓް
- ދުންފަތުގެ ބާވަތްތައް: 3.94 ޕަސެންޓް
- ތަރުކާރީ: 1.84 ޕަސެންޓް
- ކާބޯތަކެތި (ކިރާއި/ބިސް): 0.19 ޕަސެންޓް
- ކެފޭ/ރެސްޓޯރަންޓް: 0.18 ޕަސެންޓް
- އިންޓަނެޓް: 0.66 ޕަސެންޓް
މިހާރު ބާޒާރު ދަށްކާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި މިއަށް ވުރެ ވެސް ބޮޑަށް ތަކެތީގެ އަގުތައް އުފުލުމުގެ ފުރުސަތު އެބަ އޮތެވެ. މިސާލަކަށް ބަލާ ނަމަ މީގެ ކުރިން މަމީ ބްރޭންޑުގެ ނޫޑުލްސް ކޭހެއް 119 ރުފިޔާއަށް ލިބުނު ނަމަވެސް މިހާރު ކޭހެއްގެ އަގު ވަނީ 140 ރުފިޔާ އަށް އުފުލިފަ އެވެ. އެއާ އެކު، ވަކިން ވިއްކާ ނޫޑުލްސް ޕެކެޓެއް ކަންމަތީ ފިހާރައަކުން މިހާރު ވިއްކަނީ އެއް ރުފިޔާ އިތުރަށް އަގުބޮޑުކޮށްފަ އެވެ. މީގެ ކުރިން 120 ރުފިޔާއަށް އަށް ލިބުނު ކޮފީ ފުޅިއެއްގެ އަގު، 180 ރުފިޔާއަށް ވަނީ މިހާރު ބޮޑުވެފަ އެވެ. ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އަގުވެސް ވަނީ މިހާރު އުފުލެން ފަށައިފަ އެވެ.
އަގު ބޮޑުކުރަން ވިޔަފާރިވެރިންގެ ބަހަނާއަކީ ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވުމެވެ. ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި މިހާރު ޑޮލަރު ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި އާންމުކޮށް ޑޮލަރު ލިބެނީ ވެސް 20 ރުފިޔާއަށެވެ. އެހެން ކަމުން ކުރިން ތަކެތި ގެނެވުނު އަގުގައި މިހާރު ތަކެތި ނުގެނެވޭ ކަމަށް އޭނާ ވިދާޅުވެ އެވެ. މީގެ އިތުރުން ވެސް ކޮވިޑްގެ ބަލިމަޑުކަމާ ހުރެ ދަތުރުފަތުރު ކުރިއަށް ވުރެ މަދުވުމާއި، ރައްކާތެރި ކަމަށް އިތުރު ބައެއް ހަރަދުތައް ކުރަން ޖެހުމުން ވެސް ތަކެތީގެ އަގުތައް ވަނީ އުފުލެން ފަށައިފަ އެވެ.

މެއި 14، 2020: ބާޒާރުމަތީގައި ތަކެތި ވިއްކުމުގައި މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ތަކެތީގެ އަގުތައް މި އުފުލެނީ ޑޮލަރު ނުލިބޭތީ. މިހާރު ޑޮލަރެއް މި ހުރީ 20 ރުފިޔާއަށް. ކުރިން 16 ރުފިޔާއަށް ވަރަށް އަޅުގަނޑުމެންނަށް ޑޮލަރު އެބަ ލިބޭ. މިހާރު އަނެއްކާ އެހާ އުނދަގޫ ޑޮލަރު ހޯދަން. ބޭންކުތަކުން ވެސް ނުލިބޭ. އެހެން ވީމާ، އަގުބޮޑުކޮށް ޑޮލަރު ގަނެގެން ބޭންކު ޗާޖްތަކާ އެއްޗިހިލައިގެން މުދާ ގަންނަން ވީމާ އަގުގެ ތެރެއަށް އެބައި އެބަ ޖެހޭ އިތުރުކުރަން. އެހެން ނޫނީ އޭގެ ފައިދާއެއް ނޯވޭ. ދެން އެހެން ވީމާ އަގުތައް މައްޗަށް ދާނެ،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވި ގޮތުގައި ތަކެތީގެ އަގު ކިރިޔާ ވެސް ދަށްކުރެވެން މިވަގުތަށް އޮތީ، ޑޮލަރު ލިބޭނޭ ފަސޭހަ އިންތިޒާމެއް ހަމަޖެހިގެންނެވެ. މިސާލަކަށް، ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރު ބޭންކުތަކުގެ ތެރެއިން ލިބޭނެ ގޮތް ހަމަޖެހުމަކީ މިވަގުތަށް އޮތް ހައްލެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ރުފިޔާގެ އަގު ނުވެއްޓޭނެ ކަމަށް ވިދާޅުވި ނަމަވެސް، މިނިސްޓަރު ވެސް މިހާރު ގަބޫލުކުރައްވަނީ ޑޮލަރުގެ އަގު ބޮޑުވެފައިވާ ކަމަށެވެ. މިނިސްޓަރު ވެސް ވިދާޅު ވަނީ، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ 80 ޕަސެންޓް ޓޫރިޒަމުން ވަންނައިރު އެ ސިނާއަތް ހުއްޓުމުން ރާއްޖެއަށް ޑޮލަރު ލިބުން ހުއްޓިފަައިވާ ކަމަށެވެ. އެއާ، އެކު ޑޮލަރުގެ ބްލެކްމާކެޓް އޮތްކަން މިނިސްޓަރު ވެސް ގަބޫލުކުރައްވަ އެވެ. އެ މާކެޓަށް ބަލަން ސަރުކާރުން ނުތިބެ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އޮގަސްޓް 27، 2020: މާލިއްޔަތު ކޮމެޓީގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އެކަން މެނޭޖުކުުރުމަށް އިންޑިއާގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ތެރެއިން އެމްއެމްއޭ އިން ދަނީ މަސައްކަތް ކުރަމުން. ކުރިއަށް އޮތްތަނުގައި، ބަޖެޓު ސަޕޯޓަށް ހޯދާ ފައިސާއާއި ބޭރުން ހޯދާ ލޯނާއި ހިލޭ އެހީ ބޭނުންކޮށްގެން ޑޮލަރުގެ ފިކްސްޑް ރޭޓައި ކައިރި ރޭޓަކަށް ގެންދެވޭތޯ މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އިއްޔެ ބީއެމްއެލްއިން ބޭއްވި އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ ވެސް ވަނީ ވިޔަފާރިވެރިންނާއި އެހެނިހެން ވެސް ކޮންމެހެން ވެސް ޑޮލަރު ބޭނުންވާ ފަރާތްތަކަށް ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭންކުން ވެސް އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށް ވިދާޅުވެފަ އެވެ.
ޑޮލަރުގެ ބުލެކް މާކެޓް މީގެ ކުރިން ހަމަޔަކަށް އަޅުވާފައި އޮތީ ޑޮލަރު ބޭނުންވާ މީހުންނަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު ދޫކޮށްގެންނެވެ. މީގެ ކުރިން އެކަންކޮށްފައި ވަނީ، ބުލެކް މާކެޓުން ޑޮލަރު ގަތުމަށް އޮތް ހާލެއް ހުއްޓުވައިގެން ނަމަވެސް މިފަހަރު މި އޮތީ ތަފާތު ހާލަތެއް ކުރިމަތިވެފަ އެވެ. ރާއްޖޭގެ ބޭނުންތަކާ ގާތަށް ވެސް ޑޮލަރު އަހަރުމެންނަށް މިހާރު ނުލިބެނީ އެވެ. ޑޮލަރުގެ އަގު އަރައިގެންދާ ދިޔުން މައިތިރިކުރަން މަރުކަޒީ ބޭންކުން އަވަސް ފިޔަވަޅު އަޅަން ޖެހެ އެވެ. ނޫން ނަމަ، ޑޮލަރުގެ ކަޅު ބާޒާރުގެ މޫތަށް ބާރު މިނުގައި އިގްތިސާދަށް ފެތުރިގަނެ ހަލާކުވެދާނެ އެވެ. އެ ހިސާބަށް ދަންދެން އިދާރާތަކުން ތިބޭނީ ހެއްޔެވެ؟