21 Jul 2020, 00:23
ވ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ވ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއްގައި އެ ރިސޯޓުގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް މަސައްކަތަށް ހުރަސް އަޅައި އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގަމުންދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ނަމަވެސް، އެ ރިސޯޓުގެ ސުޕަވައިޒަރުގެ ކޮޓަރިއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދިމާވެފައިވާ މައްސަލަ ހައްލު ކުރަން އެ ބިދޭސީންގެ ސްޕޮންސަރުން އެ ބިދޭސީންނާއެކު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މި ހަމަނުޖެހުނުން، ހިނގާފައިވާއިރު، މި މަހުގެ ތެރޭގައި ބ. ބޮޑުފިނޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރި ބިދޭސީންތަކެއް ވަނީ މުސާރަ ނުދީގެން ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާވެސް ދީފައެވެ. އެ މައްސަލައާ ގުޅިގެން 19 ބިދޭސިއަކު ހައްޔަރުވެސް ކުރިއެވެ.
ބޮޑުފިނޮޅުގެ ހާދިސާއަށް ފަހު މާލެއާއި ހުޅުމާލޭގައިވެސް ބިދޭސީން ވަނީ އިހުތިޖާޖުކޮށްފައެވެ. އެގޮތުން އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުންތަކެއްވެސް ވަނީ މުޒާހަރާކޮށް ފުލުހުންނަށް ހަމަލާ ދީފަ އެވެ.