21 Jul 2020, 00:37
ގްރޭޑް ހަތެއް އަދި އަށެއްގެ ކްލާސްތައް ސްކޫލުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ އަންނަ މަހުގެ ދެވަނަ ހަފްތާއިން ފެށިގެން ގްރޭޑް ހަތަކާއި ގްރޭޑް އަށެއްގެ ދަރިވަރުން ސްކޫލަށް ނިކުންނަން ފެށޭނެ ކަހަލަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާ މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެން މިހާރު ވިސްނަމުން މިދަނީ އޯގަސްޓުގެ ދެވަނަ ހަފްތާގެ ތެރޭގައި ގްރޭޑް ހަތެއް އަށެއްގެ ކިޔެވުން މާލޭ ސަރަހައްދުގައި ފަށްޓަން،" އާތިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ ގިނަ ސްކޫލުތަކަކީ އާބާދީ ބޮޑެތި ސްކޫލުތަކަށް ވާތީ އެ ސްކޫލުތަކުގެ އެރޭންޖްމެންޓުގެ ކަންތައްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އިތުރު ދެ ގްރޭޑެއްގެ ކިޔެވުން ސްކޫލްގައި ފެށި ނަމަވެސް މިހާރު ކުރިއަށް ގެންދާ ގޮތަށް ކުދީންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅައިގެން ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމަށް އާތިޔާ ވިދާޅުވި އެވެ.
"މާނައަކީ ގައިދުރުކުރުން ވެސް ބެހެއްޓޭނެއޭ، ކުދީން އަންނާނީވެސް މާސްކް އަޅައިގެންނޭ. އަދި ހަމަ އަތްދޮވުމާއި ހުންބެލުން ފަދަ ކަންތައްތައް މިހާރުވެސް ކުރިއަށް ގެންދާ ގޮތަށް ކުރިއަށް ގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މި މަހުގެ އެއްވަނަ ދުވަހު މާލޭގެ ސްކޫލުތައް އަލުން ހުޅުވާލިއިރު އަލުން ފަށާފައިވަނީ ގްރޭޑް ނުވައަކުން މަތީގެ ގްރޭޑްތަކުގެ ކިޔެވުމެވެ.
އެހެން ނަމަވެސް ކޮވިޑް-19 ނެތް ރަށް ރަށުގައި ގްރޭޑް އެކަކުން ފެށިގެން ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވާލާފައިވެ އެވެ.