ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެމްއެމްޕީއާރްސީގެ މައްސަލަތަކުން ތަނާޒުލުވިޔަސް ނުފުދޭނެ ކަމަށާއި އޭނާ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ގޮވާލައިފި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ތުހުމަތު ކުރެވޭ މުހައްމަދު ހުސެއިން (އޮއިއްޓޭ) އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތްކުރައްވާފައިވާތީ އެމްއެމްޕީއާރްސީގެ މައްސަލާގައި އޭނާގެ މަސްލަހަތު ފުށޫ އަރާ ކަމަށް ބުނެ ބާ ކައުންސިލަށް މިހާރު ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވާފައިވާތީ އޭނާގެ މަސްލަހަތު ފުށޫ އަރާ ކަމަށެވެ. އެއީ އެމްއެމްޕީއާރްސީއިން ފައިސާ ބޭރުވުމުގައި ޒިޔަތުގެ ރޯލު ބޮޑުކަމުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އެމްއެމްޕީއާރްސީއިން ބޭރުވި ކޮންމެ ޗެކެއް ވެސް ބޭރުވެފައި ވަނީ ޒިޔަތު އެ ޗެކެއްގައި ސޮއިކޮށްގެން. އެހެންވީމާ ގެއްލުނު ކޮންމެ ރުފިޔާއަކީ ވެސް ޒިޔަތު ސޮއިކޮށްގެން އެ ދިޔަ ތާކަށް ދިޔަ ފައިސާ. އެހެންކަމުން ޒިޔަތުގެ ވަކީލަކަށް. މުޅި އެމްއެމްޕީއާރްސީގެ މައްސަލައިން ތަނާޒުލް ނުވެ މަސްލަހަތު ފުށޫއެރުން ހުއްޓުވޭނެ ގޮތެއް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޝަމީމް ޕީޖީގެ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރްސީގެ މައްސަލަ އިންސާފުވެރިކޮށް ނުބެލޭނެ ކަމަށް ބުނެ، ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާ ދެއްވަން ވެސް އަބްދުއްރަހީމް ގޮވާލެއްވި އެވެ. އަދި އޭނާ އިސްތިއުފާ ނުދެއްވައިފި ނަމަ މަގާމުން ވަކިކުރަން ސަރުކާރަށާއި މަޖިލީހަށް ގޮވާލެއްވި އެވެ.

"ހަމައެކަނި މި މައްސަލައިިން ތަނާޒުލްވުމަކުންނެއް، ހުސެއިން ޝަމީމް ތަނާޒުލްވުމަކުން ނުފުދޭ. ހުސެއިން ޝަމީމް އެބަ ޖެހޭ މިހާރުން މިހާރަށް ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ހުސެއިން ޝަމީމް އެ މަގާމުގައި ހުރެގެން އެމްއެމްޕީއާރްސީގެ މައްސަލަ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،"

ޝަމީމް ވިދާޅުވެފައިވާ ގޮތުން އޭނާ ވަނީ ޒިޔަތާއި އޮއިއްޓޭގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވައިފަ އެވެ. ނަމަވެސް، ޕީޖީގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޒިޔަތާއި އޮއިއްޓޭގެ މައްސަލަތަކުގައި ތަނާޒުލްވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މީހުންގެ މައްސަލަތަކާ ގުޅޭ ކަންކަން ނިންމަވަނީ ޑެޕިއުޓީ ޕީޖީ ކަމަށް ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރައްވާ ކަމަށް މީގެ ކުރިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ. އޭނާ މަސަައްކަތް ކުރެއްވީ، އަދީބުގެ މައްޗަށް ތުހުމަތު ކުރެވުނު ފިނިފެންމާ ލޯންޗުގެ މައްސަލައިގައި ކަމަށާއި، ވަކީލުކަމުން ސަސްޕެންޑު ކުރުމުގެ ސަބަބުން އަދީބުގެ އެމްއެމްޕީއާރްސީގެ މައްސަލާގައި މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ޝަމީމް ހެއްދެވީ އިތުރުފުޅެއްކަން މިހާރު ވަނީ އާންމުވެފަ އެވެ. މި މަހު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ޝަމީމު ވިދާޅުވެފައި ވަނީ، "އަދީބުގެ ވަކީލަކަށް، އެމްއެމްޕީއާރުސީ މައްސަލައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތެއް އަޅުގަނޑަކަށް އެއްވެސް އިރަކު ނެތް" ކަމަށެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ނޫސް ކޮންފަރެއްސެއްގައި ޝަމީމު ވިދާޅުވަނީ "މިއަދު އަޅުގަނޑު ތިޔަ ބޭފުޅުންނާ [ނޫސްވެރިންނާ] މި ބައްދަލު ކުރަނީ ނާއިބު ރައީސް އަހުމަދު އަދީބުގެ ވަކީލުގެ ހައިސިއްޔަތުންނާއި އަދި އަހުމަދު އަދީބާ އެކު ހައްޔަރުކޮށްފައި ހުރި، އަބްދުﷲ ޒިޔަތު، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު"ގެ ވަކީލުންގެ ގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ކަމަށެވެ.