އަޔޯވާ (ޖަނަވަރީ 5): އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް އެމެރިކާގެ ކުޑަ ސްޓޭޓެއް ކަމަށްވާ އަޔޯވާ ގައި ބޭއްވި ޕްރައިމަރީ ވަރަށް ހަނިގޮތަކަށް މިޓްރުމްނީ ކާމިޔާބު ކުރައްވައިފި އެވެ.

މިހާތަނަށް ބޭއްވި އެންމެ ފުރަތަމަ ފްރައިމަރީ މިޓްރުމްނީ ކާމިޔާބު ކުރެއްވީ އަށް ވޯޓުގެ ތަފާތަކުންނެވެ. މިޕްރައިމަރީ ގައި މިޓްރުމްނީ އާއި އެންމެ ގާތުން ވާދަކުރެއްވީ ރިކްސެންޓްރޯމް އެވެ. އަޔޯވާ ސްޓޭޓްގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް އޮބާމާއާ ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ހޮވުމަށް އެތަށް ސްޓޭޓެއްގެ ޕްރައިމަރީތައް ކާމިޔާބު ކުރައްވަން ރުމްނީއަށް ޖެހިވަޑައިގަންނަވާނެ އެވެ.

އަނެއްކޮޅުން އެންމެފަހުން ބޭއްވި ރިޔާސީ ރޭހުން ބަލިވެވަޑައިގެންނެވި ރިޕަބްލިކަން ޕާޓީގެ ނުފޫޒުގަދަ ދެބޭފުޅުން ކަމަށްވާ ކުރީގެ ރައީސް ޖޯޖްޑަބްލިޔު ބުޝްއާއި ޖޯން މެކޭން ވަނީ އެބޭފުޅުންގެ ތާއީދު މިޓްރުމްނީ އަށް އޮތްކަން ހާމަކުރައްވާފަ އެވެ. ހަރުކަށި ނިއުކޮންޒަވެޓިވް ޚިޔާލުގެ ބުޝް އާއި މެކޭން އަކީ ރިޕަބްލިކަން ޕާޓީގައި ނުފޫޒުގަދަ ދެބޭފުޅުން ނެވެ. މިދެބޭފުޅުންނަކީ އެމެރިކާގެ އިޤްތިސާދީ އަދި ސިޔާސީ ދާއިރާއަށް އެންމެބޮޑު ނުފޫޒެއް ފޯރުވަމުންގެންދާ ޔަހޫދީންގެ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތަކުގެ އިތުބާރު ލިބިވަޑައިގެން ތިއްބެވި ދެބޭފުޅުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިއްޔެ ނަތީޖާ އިޢްލާންކުރި އަޔޯވާ ސްޓޭޓްގެ ޕްރައިމަރީގައި ފަސް ޕަސެންޓް ލިބިވަޑައިގެންނެވި އަންހެން ކެންޑިޑޭޓް މިޝައިލް ބެކްމޭން ވަނީ އޭނާގެ ނާކާމިޔާބީ އާއެކު ޕްރައިމަރީ ރޭހުން ވަކިވެވަޑައިގެންނެވިކަން އިޢުލާން ކުރައްވާފަ އެވެ. މިއީ ރިޕަބްލިކަން ޕާޓީގެ މިއަހަރުގެ ޕްރައިމަރީ ރޭހުން ވަކިވެވަޑައިގެންނެވި އެންމެ ފުރަތަމަ ކެންޑިޑޭޓެވެ.

ޚިޔާލު ހޯދުމުގެ ސާވޭތަކުގެ ނަތީޖާތައް ދައްކާގޮތުން ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން ރައީސް ބަރަކް އޮބާމާއާ ވާދަކުރައްވަން ނުކުމެ ވަޑައިގަތުމުގެ ފުރުސަތު އެންމެ ބޮޑީ މިޓްރުމްނީ އަށެވެ.