05 Jan 2012, 18:34
ރަލާ އޫރު މަސް ވިއްކުމުގެ ގަވައިދާ މެދު ސުޕްރީމް ކޯޓުން ރޫލިންއެއް ނެރެން ޖެހެނީ އިންވެސްޓަރުންނަށް ޔަގީންކަން ދިނުމަށް ކަމަށް ދައުލަތުން ބުނެފި އެވެ.
ދައުލަތުން މިހެން ބުނީ ރާއްޖޭގައި ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ގަވާއިދަކީ ސައްޚަ ގަވާއިދެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހެއްގަ އެވެ.
މިއަދު ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ބޭއްވީ އެ މައްސަލަ ކޯޓަށް ބަލައިގަތުމުގެ ކުރިން އިޖުރާއީގޮތުން ބަލަންޖެހޭ ކަންތައްތައް ސާފުކުރުމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބަންޑާރަ ނައިބް އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް ފާތުމަތު ހަލީމް ވިދާޅުވީ ރާއްޖޭގައި ބަނގުރަލާއި އޫރު މަސް ވިއްކުމުގެ ގަވައިދަކީ ސައްހަ ގަވައިދެއް ކަމަށް ބަންޑާރަ ނާއިބް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ބަނގުލަރާއި އޫރުމަސް ވިއްކުމުގެ ގަވައިދަކީ ސައްހަ ގަވައިދެއް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޫލިން އެއް ނެރެދެއްވުމަށް ބަންޑާރަ ނައިބްގެ އޮފީހުން އެދޭ ކަމަށެވެ. އަދި ވިދާޅުވީ ރިސޯޓްތަކުގައި ސްޕާ ހިނގުމަކީ ހުއްދަކަމެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދޭ ކަމަށެވެ.
ރާއްޖޭގައި ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ގަވާއިދު ހިންގުމުގައާއި އަދި ގަވާއިދު ރެގިއުލޭޓް ކުރުމުގައި އެއްވެސް ދައްޗެއް ދައުލަތަށް ކުރިމަތި ނުވާކަމަށް ވެސް ފާތުން ވިދާޅުވި އެވެ.
ގަވާއިދު ހިންގުމާއި ރެގިއުލޭޓް ކުރުމުގައި އެއްވެސް ދަތިކަމެއް ނެތްއިރު ސުޕްރީމް ކޯޓުން އެފަދަ ރޫލިން އެއް ނެރެން ޖެހޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ދެކެވަޑައިގަންނަވަނީ ކީއްވެގެންތޯ އުއްތަމަ ފަނޑިޔާރު ވަނީ ބަންޑާރަ ނައިބް އޮފީހުގެ ވަކީލާއި ސުވާލު ކުރައްވާފަ އެވެ.
ފާތުން ވިދާޅުވީ ރާއްޖޭގައި ބަނގުލަރާއި އޫރުމަސް ވިއްކުމުގެ ގަވާއިދަކީ ސައްޚަ ގަވާއިދެއްކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޫލިން އެއް ނެރެން ޖެހޭ ސަބަބަކީ ރާއްޖޭގައި އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ޔަގީންކަން ލިބިދިނުމަށްޓަކައި ކަމަށެވެ.
ފާތުން ވިދާޅުވީ ގއ. އަތޮޅުގައި ވެސް އިންވެސްޓްކުރަން އުޅުނު ޗައިނާގެ ފަރާތަކުން ރާއްޖޭގައި މިހާރު އިންވެސްޓްކުރަން ފަސްޖެހެމުންދާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވައިލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަރަށް އަވަހަށް މި މައްސަލަ ކޯޓަށް ބަލައިގަތުމާއި މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.