ބ. ދަރަވަންދޫގައި އަށް މިލިއަން ރުފިޔާއަށް އިމާޖެންސީ ސިއްހީ ހިދުމަތް ދޭ ސެންޓަރެއް ގާއިމުކުރުމަށް އެއްބަސްވެއްޖެ އެވެ.

ހެލްތު މިނިސްޓްރީއިން ކުރިއަށް ގެންދާ އެ މަޝްރޫއަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ 106 މިލިއަން ރުފިޔާގެ ގްރާންޓް ސްކީމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އިންޑިއަން ހައިކޮމިޝަން އާއި ހެލްތު މިނިސްޓްރީއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރު އަބްދުﷲ އަމީނެވެ. އަދި ހައިކޮމިޝަންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

ދަރަވަންދޫގައި ގާއިމުކުރާ އިމާޖެންސީ މެޑިކަލް ސެންޓަރާ ގުޅޭގޮތުން އިންޑިއާއިން ބުނެފައިވަނީ އެ ސެންޓަރަށް ބޭނުންވާ އުުމްރާނީ ތަރައްގީއާއި މެޝިނަރީ ފޯރުކޮށްދޭނެ ކަމަށެވެ.

އަދި އެ ސެންޓަރު ގާއިމުކުރުމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ފަހުރެއް ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ. އެގޮތުން ރާއްޖެއަށް ސީދާ ފައިދާކުރާގޮތަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށްވެސް ވަނީ އިންޑިއާއިން ބުނެފައެވެ.

އިންޑިއާއިން ބުނީ އެފަދަ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ވާ ޒަމާންވީ ގުޅުމަށް އިތުރު އާރޯ ކަމެއް ލިބިފައިވާ ކަމަށެވެ.

އިންޑިއާއިން އުއްމީދުކުރަނީ މަސައްކަތް ހިނގަމުންދާ ހުރިހާ މަޝްރޫއުތަކެއް މިއަހަރުގެ ތެރޭގައި ނިމިގެންދިޔުމަށެވެ.

ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ 106 މިލިއަން ރުފިޔާގެ ގްރާންޓްގެ ދަށުން ވަނީ ބައެއް މަޝްރޫއުތައް ހިންގައި ނިންމާވެސްލާފައެވެ. އޭގެތެރޭގައި މިދިޔަ އަހަރު ހުޅުވި އުކުޅަސް ކޮންވެންޝަން ސެންޓަރާއި މިއަހަރުގެ މާޗު މަހުގައި ނިންމާފައިވާ ރަސްދޫ ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް ހިމެނެއެވެ.