20 Jul 2020, 17:18
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ހުރި ގިނަ މައްސަލަތައް 1000 ދުވަހަށްވުރެ ގިނަ ދުވަސްވީއިރުވެސް ބެލިފައިނުވާތީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
މިއަދު މިނިވަން މުއައްސަސާ ކޮމިޓީއަށް އޭސީސީ ވަނީ ހާޒިރުކޮށްފަ އެވެ. ކޮމިޓީގައި އޭސީސީއިން ވަނީ އެ ކޮމިޝަނުގެ މަސައްކަތް ކުރިއަށް ދާ ގޮތާއި މަސައްކަތައް ހޭދަކުރާ ވަގުތާ ބެހޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފަ އެވެ.
އެ ޕްރެޒެންޓޭޝަނުގައި ހުރި ބައެއް ކަންކަމަށް އިޝާރާތްކުރައްވައި ރޮޒައިނާ ވިދާޅުވީ ގިނަ ދުވަސްވެފައި ހުރި ބޮޑެތި މައްސަލަތައް ނުނިންމައި ލަސްކުރާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

މިނިވަން މުއައްސަސާ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ --- ސަންފޮޓޯ / ފަޔާޒު މޫސާ
"ވަޒީފާއާ ގުޅުން ހުރި މައްސަލަތަކުގައިވެސް އެބަހުރި ދެއްތޯ 1071 ދުވަސް ވީމަ އެއީ ދެން ހާދަ ގިނަ ދުވަހެކޭ އަޅުގަނޑު މި ހިތަށް އަރަނީ. ޕްރޮކިއުމެންޓާ ގުޅުން ހުރި މައްސަލަތައްވެސް އެބަހުރި 949 ދުވަސްވެފައި ހުރި. ގޯތިގެދޮރާ ގުޅުން ހުރި މައްސަލަތައް 1531 ދުވަސް. ކުއްޔަށް ދޫކުރެވޭ ބިންތަކާ ރަށްތަކުގެ މައްސަލަތައްވެސް މިހުރި 1794 ދުވަސް. އެހެންވީމަ އަޅުގަނޑު މި ހިތަށްއަރަނީ ތިހާ ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމުގައި ކޮބާތޯއޭ ތިބޭފުޅުން ރާވާފައި އޮތް ގޮތަކީ،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒއަިނާ ވިދާޅުވީ ބިލިއަނުން ބިލިއަނުން ދައުލަތަށް ގެއްލުންވެފައި ހުރި ފައިސާގެ މައްސަލަތައް ނުބެލި ދާ ނަމަ އެއީ އޭސީސީގެ އެންމެ މުހިންމު މައްސަލަތައް ނުބެލެނީ ކަމަށެވެ. ޕީޖީއަށްވެސް މިހާތަނަށް ފޮނުވާފައިވަނީ އެންމެ ތިން މައްސަލަ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ މައްސަލަތަކަށް ހަތަރު ފަސް އަހަރު ނަގާފައި ހުރުމަކީ އެބޭފުޅުންވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އޭސީސީއިން އިސްކަމެއް ދޭ ތަރުތީބު ކޮންމެ ތިން މަހަކުން މައްސަލަތައް ތަރުތީބުކޮށް މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.
"އަސްލު މިދިޔަ ދުވަސްތަކުގެ އަޅުގަނޑުމެން ޕްރިއޮރެޓައިޒްކޮށްގެން ކުރި މަސައްކަތުގެ ނަތީޖާ ހަމަ ކުރިއަށް އޮތް މަސްތެރޭގައި އަސްލު ކުރިއާ ބަލާފައި ދައުވާ ކުރެވޭ ރޭޓްވެސް އަވަސް ވާނެ މިހާރު" ޝިއުނާ ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވީ މިވަގުތު ހިނގަމުންދާ ރައްޔިތުންނަށް ގުޅުން ހުރި ބޮޑެތި ކޭސްތަކަށްވެސް ހާއްސަ ޓީމެއް އެކުލަވާލައިގެން އޭސީސީއިން މަސައްކަތްކުރަމުން ދާ ކަމަށެވެ.

މިނިވަން މުއައްސަސާ ކޮމިޓީގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ --- ސަންފޮޓޯ / ފަޔާޒު މޫސާ
ރޮޒައިނާ ވިދާޅުވީ އޭސީސީއަށް އަލަށް މެމްބަރުން އައްޔަނު ކުރެވުނު ފަހުން އަންނަ މައްސަލަތައް އަވަސް ކުރާ ކަމަށް ވިދާޅުވި ނަމަވެސް ރައްޔިތުންގެ ބޮޑެތި މަސްލަހަތު ހިމެނޭ މުހިންމު މައްސަލަތަކަށް އިސްކަން ދޭން ޖެހޭ ކަމަށެވެ.
"ތިބޭފުޅުންގެ ދައުރުގައިވެސް އަންނަ ކޮފީ ޕެކެޓުގެ މައްސަލައަށްވުރެ އަޅުގަނޑުމެން ބޭނުންވޭ މިލިއަނުން މިލިއަނުން ރުފިޔާ ހިމެނޭ ބޮޑެތި ހިޔާނާތުގެ މައްސަލަތައް އަވަސްކޮށްދެއްވުމަށް. އެއީ އަދި ކުރީގެ މައްސަލަތައް ކަމުގައި ވީނަމަވެސް." ރޮޒައިނާ ވިދާޅުވި އެވެ.
ޝިއުނާ ވިދާޅުވީ އޭސީސީއިން މައްސަލަތަކަށް އިސްކަންދޭނެ އުސޫލެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.