20 Jul 2020, 13:53
ރިޝްވަތު ނެގުމާއި ޖިންސީ ގޯނާގެ މައްސަލަތަކެއް ސާބިތުވެ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމްއާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށް ސާބިތުވާ ކަމަށެވެ. މީގެ އިތުރުން އިސްމެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުއާމަލާތްތައްވެސް ކޮށްފައިވާކަން ސާބިތުވާކަމަށް ބަޔާނުގައިވެ އެވެ. އަދި ބުނީ، މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، އޭނާގެ ބޭންކް އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަަށެވެ.
މީގެ އިތުރުން ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު އިސް މެޖިސްޓްރޭޓް މައުސޫމް މުހާތަބުކޮށްފައިވާ ކަމަށާއި އަދި އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މުހައްމަދު މައުސޫމުގެ މި އަމަލުތަކަކީ ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި 14 ވަނަ ނަންބަރާއި، އަދި މި ޤާނޫނުގެ 7 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.6 އާއި، 4.7 އާއި 12 އާއި، 2.2 އާއި، 3.1 އަދި 3.2 ވަނަ ނަންބަރާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށް ވާތީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 32-1 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އިއްޔެ ބޭއްވި މި ކޮމިޝަންގެ މި އަހަރުގެ 51 ވަނަ ބައްދަލުވުމުގައި ވަނީ ނިންމަވާފަ އެވެ،" ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.