05 Jan 2012, 17:53
އިތުރު 23 ސުކޫލެއްގައި މިއަހަރު އެއްދަންފަޅިއަށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ 121 ސުކޫލެއްގައި މިހާރު އެއް ދަންފަޅިއަށް ކިޔަވައިދެ އެވެ. އެއީ މާލޭގެ 11 ސުކޫލެއްގެ ތެރެއިން ހަ ސުކޫލަކާއި އަތޮޅު ތަކުގެ ސްކޫލްތަކެވެ.
އެޑިއުކޭޝަންގެ ޑިރެކްޓާ މުހައްމަދު ޔޫސުފް ވިދާޅުވީ މިއަހަރު އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށަނީ އަތޮޅު ތަކުގެ 23 ސުކޫލެއްގައި ކަމަށައި އެއް ދަންފަޅިޔަށް ކިޔަވައިދިނުމުގެ ސިޔާސަތުގެ 57 ޕަސެންޓް މިހާރު ހާސިލްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަހަރުގެ މެދާ ހަމައަށް އެ ސިޔާސަތުގެ 78 ޕަސެންޓް ހާސިލް ކުރެވޭނެ ކަމަށެވެ.
މުހައްމަދު ޔޫސުފު ވިދާޅުވީ އިތުރު 23 ސުކޫލެއް އެއް ދަންފަޅިއަށް ބަދަލު ކުރަން ނިންމި ނަމަވެސް އެ ބަދަލު ގެންނަނީ މާޗުގެ ތެރޭގައި ކަމަށެވެ.
"މިއަހަރުގެ މާޗް މަހުގެ ތެރޭގައި އަތޮޅު ތަކުގެ 23 ސުކޫލެއްގައި 180 ކްލާސްރޫމެއްގައި އެއްދަން ފަޅިއަކަށް ކިޔެވަދޭން ފަށާނަން،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރީން ބުނީ މާލޭގެ ސުކޫލު ތަކުގެ ތެރެއިން ވަށައިޖެހޭ ތައުލީމްގެ އުސޫލަށް ބަދަލުކުރަން މިހާރު މަސައްކަތް ކުރަނީ ހުޅުމާލޭގެ ގާޒީ ސްކޫލާއި ވިލިމާލޭގެ މުހިއްޔިއްދީން ސުކޫލާއި އިމާދުއްދީން ސުކޫލާއި އިސްކަންދަރު އަދި ޖަމާލުއްދީން ސްކޫލުގައި ކަމަށާއި މަޖީދިއްޔާ އާއި ކަލާފާނުގެ މަސައްކަތް ވެސް ކޮންޓްރެކްޓްކޮށްފައިވާ ކަމަށެވެ.