20 Jul 2020, 12:54
ރައްޔިތުން މަޖިލީހުގެ ކޮމިޓީއިން ދިރާސާކޮށް ފާސްކުރުމަށް ތަޅުމަށް ފޮނުވި އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުއްވާލައްވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވީ، ރެސިޑެންސް ވިސާ ދޭ އުސޫލުތައް ވަރަށް ބޮޑަށް ލުއިކޮށްލުމާ މެދު ވިސްނުމަށެވެ. އެގޮތުން 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ގެއެއް ކުއްޔަށް ހިފާ ފަރާތްތަކާއި 100،000 ރުފިޔާއިން ފެށިގެން މަތީގެ އިންވެސްޓްމަންޓެއް ރާއްޖޭގައި ފަށާ ކޮންމެ ބިދޭސީއަކަށް ރެސިޑެންސް ވިސާއަށް ޝަރުތު ހަމަވާނެ ކަމަށް ގާނޫނުގައި ކަނޑައެޅުމާ މެދު ވިސްނާލުމަށް މަޖިލިސް ރައީސް އެދިވަޑައިގެންނެވި އެވެ.
މިއީ ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން އަދި އާންމުންނަށް ވެސް ބަލައިގަނެވޭ ވަރަށް ވުރެ ހައިރާންކުރުވަނިވި ހުށަހެޅުއްވުމަކަށްވި އެވެ. މަޖިލިސް ރައީސްގެ މި ހުށަހެޅުއްވުމަށް އެތައް ބައެއްގެ ނުރުހުމާއި ދެކޮޅު ހެދުންތައް އަދި ގައުމިއްޔަތުގެ ޝުއޫރުތައް ބަންޑުންވި އެވެ.
އެހާ ލުއި ގޮތެއްގައި ރާއްޖެއިން ދިގު މުއްދަތެއްގެ ވިސާއެއް ބޭރު ގައުމެއްގެ ރައްޔިތުންތަކަކަށް ބަހާލުމަކީ ގިނަ ބަޔަކު ރުހުން ދޭނެ ކަމަކަށް ނުވި އެވެ. އާންމުން އެންމެ ބޮޑަށް ކަންބޮޑުވީ، މިހާރު ވެސް ބޮއްސުންލާފައި އޮތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އޮތް ގޮތަށް އޮއްވައި، އަނެއްކާ ވިސާގެ ލުއިތަކެއް ދިނުމުން ދެން ނިކުމެދާނެ މައްސަލަތަކާ މެދު އެވެ.
މި ހޫނު ބަހުސްގެ ތެރެއިން، އެތައް ބަޔަކަށް އެތައް ގޮތަކުން އޮޅުންތަކެއް ވެސް އަރައިފި އެވެ. އެއް ބަޔަކަށް ހީކުރެވުނީ، އެއީ ދިވެހި ރައްޔިތުކަން ބޭރު ބަޔަކަށް ދިނުން ކަމަށެވެ. ރެސިޑެންސް ވިސާއަކީ އެއީ ހެއްޔެވެ؟
އެއަށް ވުރެވެސް ބޮޑަށް ވަރަށް ގިނަ ބަޔަކަށް މިހާރު އުފެދިފައި އޮތް ސުވާލަކީ؛ ރެސިޑެންސް ވިސާގެ މި ހޫނު ބަހުސެއްގެ ދެ ފުށުގައި މި މިވަނީ ކޮން ކަންތައްގަނޑެއް ހެއްޔެވެ؟ މި ވިސާއެއް މާ ލުއިގޮތެއްގައި ދީގެން ގައުމަކަށް ލިބެން އޮތީ ކޮން ފަދަ ބޮޑު ގެއްލުމެއް ހެއްޔެވެ؟ ނޫނީ ފައިދާއެއް ކުރާނެ ހެއްޔެވެ؟
ރެސިޑެންސް ވިސާއަކީ ކޮބާ؟
މި ބަހުސްގެ ދެ ފުށް ފުރޮޅާލުމުގެ ކުރިން ރެސިޑެންސް ވިސާއަކީ ކޮބައިކަން ސާފުވެ އެނގިފައި އޮތުން ވަރަށް މުހިންމެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅެފައިވާ ބައެއް މީހުންނަށް މި ވިސާއަކީ ކޮބައިކަން ފަހަރެއްގައި ސާފުވެފައި ވެސް އޮވެދާނެ އެވެ.
ރެސިޑެންސް ވިސާއަކީ ބޭރު ގައުމެއްގެ ރަށްވެއްސަކަށް ރާއްޖޭގައި ވަކި މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ދިނުމަށް ދޫކުރާ ހުއްދައެއް ނުވަތަ ފާހެކެވެ. ގިނަ ފަހަރަށް އެއީ އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ދޫކުރާ ހުއްދައެކެވެ. އެއީ، އެއްވެސް ހާލެއްގައި ރަށްވެހިކަން ދިނުމެއް ނޫނެވެ.
އިމިގްރޭޝަންގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްގެ ދަށުން މިހާރުވެސް، ރާއްޖޭގައި ރެސިޑެންސް ވިސާ ދޫކުރެ އެވެ. ރާއްޖޭގައި ޒަމާނުއްސުރެ ރެސިޑެންސް ވިސާ ދޫކުރަމުން އަންނަނީ، ދިވެއްސަކާ ކައިވެނި ކުރާ ބޭރު މީހުންނަށެވެ. އެ ވިސާ ދެނީ، ފުރަތަމަ އެއް އަހަރަށެވެ. އެއަށް ފަހު، ޕާސްޕޯޓް މުއްދަތަށް ރެސިޑެންސް ވިސާދެ އެވެ. ރެސިޑެންސް ވިސާގެ ތެރެއަށް "ކޯޕަރޭޓް ރެސިޑެންސް ވިސާ" އިތުރު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު އެވެ.

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް -- ފޮޓޯ: އިމިގްރޭޝަން
އެހެންވީމާ، ފުރަތަމަ ކަމަކަށް ރެސިޑެންސް ވިސާއަކީ ރާއްޖެއަށް ތައާރަފްވާ އާ ބާވަތެއްގެ ވިސާއެއް ނޫނެވެ. ނަމަވެސް ފަސް އަހަރުގެ ދުވަހުގެ މުއްދަތަކަށް ދޭ ގޮތަށް އޭރު ތައާރަފް ކުރި ކޯޕަރޭޓް ރެސިޑެންސް ވިސާ ދެމުން އަންނަނީ ވަރަށް ހަރުކަށި އުސޫލުތަކެއްގެ ތެރެއިން ވަރަށް ބޮޑެތި ހިފެހެއްޓުންތަކާ އެކު އެވެ. އެގޮތުން ރާއްޖޭގައި 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާ ފަރާތްތަކާއި ސަރުކާރުން އެޕްރޫވަލް ދީފައިވާ ހައުސިން މަޝްރޫއަކަށް އެއް މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ވިސާއެއް އަންނަނީ ދޫކުރަމުންނެވެ. އެ ވިސާ ލިބޭ ފަރާތްތަކަށް އާންމު ދިވެހިންނަށް ވެސް ނުލިބޭ ވަރުގެ ލުއިތަކެއް ނޫނީ ޕްރިވިލޭޖްތަކެއް ރާއްޖޭގައި ލިބޭނެ އެވެ. އޭގެ ތެރޭގައި އަމިއްލަ ބޭނުމަށް ޑިއުޓީ ފްރީކޮށް އުޅަނދު އެތެރެ ކުރުމާއި ދައުލަތުގެ އޮފީސްތަކުން ހިދުމަތް ދިނުމުގައި އިސްކަން ދިނުން ފަދަ އިނާޔަތްތައް ލިބެ އެވެ. މީގެ އިތުރަށް ކޯޕަރޭޓް ވިސާ ލިބޭ ފަރާތެއްގެ އަނބިން، ފިރިން އަދި 18 އަހަރު ނުވާ ދަރިންނަށް ވެސް އެ ވިސާއަށް ޝަރުތުހަމަވެ އެވެ. އެކަމަކު އެ ވިސާގެ ތެރެއިން ދިވެހި ރައްޔިތަކަށް ލިބޭ ބައެއް ހައްގުތައް އޭނާއަށް ނުދީ ހިފަހައްޓަ އެވެ. ރެސިޑެންސް ވިސާ ކާޑެއް އޮތް ނަމަވެސް، ދިވެހިންނަށް ލިބިދޭ މަދަނީ ހައްގުތަކާއި ސިޔާސީ ހައްގުތައް އެ މިންވަރަށް އޭނާއަށް ލިބިއެއް ނުދެވޭނެ އެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިހާރު ޝަރުތުތައް ހުރި ގޮތުން ކޯޕަރޭޓް ރެސިޑެންސް ވިސާ ރާއްޖެއިން ދީފައި ވަނީ ވަރަށް މަދު ބަޔަކަށެވެ. އަދި އެ ވިސާ ދޭނެ ފަރާތްތައް ނިންމަނީ ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީއިން ބެލުމަށް ފަހު ޝަރުތުތައް ހަމަވާ ނަމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ވަރަށް ބޮޑަށް ބެލިގެން ވެޓިން ޕްރޮސެސްއެއްގެ ތެރެއިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދަނީ. އެހެންވެ، ނިސްބަތުން ވަރަށް ވެސް މަދު ބަޔަކަށް އެ ވިސާ ދީފައި މިހާތަނަށް އޮތީ ވެސް،" އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
އެހެންވީއިރު، މަޖިލިސް ރައީސް އެ ވިދާޅުވާ ގޮތަށް ރެސިޑެންސް ވިސާ ލުއިކޮށްލުމުން އޮތީ ކޮން ގޯހެއް ހެއްޔެވެ؟
ވިސާ އެހާ ފަސޭހަވެގެން ނުވާނެ!
މީގެ ކުރިން އިމިގްރޭޝަންގެ ދާއިރާގައި ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވުމަށް ފަހު މިހާރު ރިޓަޔާ ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ގިނަ ފަހަރަށް ރެސިޑެންސް ވިސާގެ ބޭނުމަކީ ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން ނޫނީ ގައުމަކަށް ހިދުމަތްކޮށްގެން އެ ގައުމެއްގައި ދިގު މުއްދަތަކަށް އުޅެން ބޭނުންވާ ފަރާތްތަކަށް ލުއިތަކެއް ދިނުމެވެ. އެ މީހުންގެ ބައިވެރިވުން ގައުމެއްގެ ތެރެގީގައި އިތުރު ކުރުމަކީ އޭގެ ބޭނުމެވެ.
އެހެން ނަމަވެސް، އެހާ ލުއި ގޮތެއްގައި ރެސިޑެންސް ވިސާ ދިނުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އޭގެ ސަބަބުން، ރެގިއުލޭޓް ކުރަން އުނދަގޫ މައްސަލަތަކެއް ދިމާވެދާނެ ކަމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ. ބިދޭސީ މަސައްކަތްތެރިންނަށް ވިސާ ދިނުމުގެ ކަންކަން ގޯހުން ގޯހަށް ގޮސް މައްސަލަ ބޮއްސުން ލައިގެން ދިޔަ ގޮތުން މިސާލު ނަންގަވަމުން އޭނާ ވިދާޅުވީ ވަރަށް ލުއި ގޮތްތަކެއްގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އަންނަން ފުރުސަތު ހުޅުވާލުމުގެ ނަތީޖާއަކަށްވީ އެއްވެސް ހިފެހެއްޓުމެއް ނެތި ބިދޭސީން ރާއްޖެ އެތެރެވާން ފެށުން ކަމަށެވެ. އަދި އޭގެ ތެރެއިން އެތައް ނާޖާއިޒު ކަންތައްތަކެއް އުފަންވީ އެވެ. ދެން، ކަންކަން ރެގިއުލޭޓް ނުކުރެވޭ ހިސާބަށް ބިދޭސީންގެ މައްސަލަ ބޮއްސުން ލީ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ރެސިޑެންސް ވިސާގެ ޝަރުތުތައް ލުއިކޮށްލައިފި ނަމަ، އެ ވިސާގެ މަގުސަދު ހާސިލް ނުވާނެ ގޮތަކަށް އެތައް ބަޔަކު ރާއްޖެ އެތެރެވެ ނާޖާއިޒު ފައިދާ ނެގުމުގެ ދޮރު ހުޅުވިގެން ދާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.
"ހަގީގަތަކީ ރާއްޖޭގެ އިމިގްރޭޝަން އެ އިދާރާ ވެސް އޭގެ ޒާތުގައި ވަރުގަދައެއް ނޫން. ތިޔަ ބޭފުޅުން ބައްލަވާ ޔޫރަޕް ގައުމުތައް ވެސް އެ އުޅެނީ އެބޭފުޅުންގެ ގައުމުތަކަށް އަންނަ ބޭރު މިހުންގެ ކަންކަން ވެސް ނުބެލެހެއްޓިގެން. ހަގީގަތުގައި ރާއްޖެ ކަހަލަ، ލޯއެންފޯސްޑް މުއައްސަސާތައް އެހާ ހަރުދަނާ ނޫން ގައުމެއްގައި ބަޔަކު އެހާ ލުއި ގޮތަކަށް ރާއްޖެ އެތެރެވެ، ދިރިއުޅުން، ދިގު މުއްދަތެއްގައި އުޅުމަށް ދޫކޮށްލެވޭ ދޫކޮށްލުން އޭގެ ސަބަބުން ގައުމީ ސަލާމަތަށް އަދި އިޖުތިމާއީ ގޮތުން އުފެދިދާނެ މައްސަލަތައް ގިނަވެދާނެ. އަޅުގަނޑުމެން ގައުމަށް އިންވެސްޓްމަންޓް ގެންނާށޭ ކިޔާފައި އެ ކުރެވޭ ކަމަކީ އެތެރޭގެ މަސްލަހަތު ގެއްލި އާ މައްސަލަތަކުގެ ފެށުމަށް ވެގެން ނުވާނެ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެބޭފުޅާ ވިދާޅުވި އެވެ.
'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ގެ ދަށުން 'ރެގިއުލަވައިޒްވާން' އެދޭ ބިދޭސިން ދަފްތަރު ގައި ރަޖިސްޓްރީ ވުމަށްޓަކައި ކިޔޫ ނަންބަރު ދޫކުރުން ގަލޮޅު ދަނޑަށް ޖަމާވެ -- ފޮޓޯ؛ އިކޮނޮމިކް މިނިސްޓްރީ
ރެސިޑެންސް ވިސާގެ ކަންކަން ލުއިކޮށްލުމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހިފެހެއްޓުމެއް ނެތި ބަޔަކު ރާއްޖެ އެތެރެވެ، އޭގެ ނާޖާއިޒު ފައިދާ ނަގާފާނެތީ އެވެ. ރާއްޖޭގައި މި އޮންނަ ބިދޭސީ މަސައްކަތު މީހާ ގެނައުމުގެ ލުއި އުސޫލުގެ ތެރެއިން ވެސް އުފަންވެފައި އޮތީ މިކަހަލަ ޒާތެއްގެ މައްސަލަތަކެކެވެ. ނަތީޖާއަކީ، ރާއްޖޭގެ އިގްތިސާދުގެ ކޮންމެ ސިނާއަތެއްގެ ކޮންޓްރޯލްހެން މިހިރީ ރާއްޖެ ވަށައިގެން މިހިރަ އެކިއެކި ކަރަކަރައިގެ އަތް މަތީގައި ކަމަށްވުމެވެ. މިސާލަކަށް ބަލާއިރު، ރާއްޖޭގެ އެކައުންޓިން ދާއިރާ އާއި ޝިޕިން ދާއިރާ އަދި އެފްއެންޑްބީ ވިޔަފާރި ކޮންޓްރޯލް ނަގާފައި ވަނީ އަވަށްޓެރި ސިލޯނުގެ މީހުންނެވެ. ރާއްޖެ އެތެރެކޮށް ބާޒާރުމަތީ ވިއްކާހާ މޭވާ އާއި ތަރުކާރީގެ ވިޔަފާރީގެ ކޮންޓްރޯލް އޮތީ އިންޑިއާ މީހުންގެ އަތުގަ އެވެ. ކަންމަތީ ފިހާރަތަކާއި އާދައިގެ ވަޒީފާތަކުގެ ހުރިހާ ބާރެއްހެން އޮތީ ބަންގަލްދޭޝްގެ މަސައްކަތްތެރިންގެ އަތުގަ އެވެ. ސުވާލަކީ އެންމެ އެއްލަކަ ރުފިޔާގެ އިންވެސްޓްމަންޓެއް ކުރާ މީހަކަށް ކޯޕަރޭޓް ރެސިޑެންސް ވިސާ ދޭން ފަށައިފި ނަމަ، ދިވެހިންގެ އިގްތިސާދުގައި ދިވެހިންނަށް މިހާރު ލިބިފަ މި އޮންނަ ކުޑަކުޑަ ޖާގައަށް ވާނީ ކިހިނެއް ހެއްޔެވެ؟
މީގެ ކުރިން ވެސް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި އެއްލައްކަ ރުފިޔާ އަކީ އިންވެސްޓްމަންޓެއްގެ ގޮތުގައި މިޒަމާނުގައި ނުވެސް ގުނެ އެވެ. އެހެންވެ، އެއްލައްކަ ރުފިޔާ ހިފައިގެން ރާއްޖެ އަންނަ މީހަކަށް ރެސިޑެންސް ވިސާ ދޭން ފަށައިފި ނަމަ، ބޭރު ބައެއްގެ ބާރު އިގްތިސާދުގެ މައްޗަށް ގަދަވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އެހެންވެއްޖެ ނަމަ، ވަރަށް ބޮޑެތި ކޮންފްލިކްޓްތައް އުފެދި ގައުމުގެ އެތެރޭގެ ހަމަނުޖެހުމަށް ބުރޫއަރާ ކަންކަން ވެގެން ދާނީ. އެ ފުރުސަތު ދެވޭ އެއްޗަކަށް ކޯޕަރޭޓް ރެސިޑެންސް ވިސާ ނޫނީ ކޮންމެ ނަމެއް ކިޔަސް ރާއްޖޭގައި ބަޔަކު ތިބުމަށް ދެވޭ ހުއްދަ ވެގެން ނުވާނެ. އެއީ ކުރާ ޒާތުގެ ކަމެއް ނޫން،" އެބޭފުޅާ ވިދާޅުވި އެވެ.
އެހެން ނަމަވެސް، އިންވެސްޓްމަންޓްތައް ގެނައުމުގެ މަގުސަދުގައި ރަނގަޅު އަދަދެއް އިންވެސްޓް ކުރާ މީހުންނަށް ހަރުދަނާ އުސޫލެއްގެ ދަށުން ރެސިޑެންސް ވިސާ ދިނުން މައްސަލައެއް ނޫން ކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ. އަދި މިހާރު އޮތް އުސޫލު މެދުމިނުގެ ހައްލަކަށް ކުޑަކޮށްލުން ވެސް އެންމެ ރަނގަޅު ކަމަށް އޭނާ ދެކިއްލަ އެވެ.
"ލުއި ދޭއިރު އެއީ ހައްދު ފަހަނައަޅާ ވަރަށް ދެވޭ ލުއިތަކަކަށް ވެގެން ނުވާނެ. ހިފެހެއްޓުންތައް ހުންނަން ޖެހޭނެ،" އިމިގްރޭޝަން ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި އެބޭފުޅާ ވިދާޅުވި އެވެ.
ދުނިޔޭގައިވެސް ރެސިޑެންސް ވިސާއަކީ ސަމާސާއެއް ނޫން!
ދުނިޔޭގައި އެންމެ ތަހުޒީބު ވެފައިވާ ކަމަށް ބަލާ، ޔޫރަޕްގެ ބައްރުގައި ވެސް ރެސިޑެންސް ވިސާއަކީ ކުޅިކުޅިވަރަށް ދޫކުރާ ހުއްދައެއް ނޫނެވެ. އެގައުމުތަކުގައި އާންމު ފަރާތަކަށް ދޫކުރާ ރެސިޑެންސް ވިސާއަށް ހުށަހެޅެނީ ވެސް މެދުކެނޑުމެއް ނެތި ޔޫރަޕްގެ ގައުމެއްގައި ދިރިއުޅޭތާ ފަސް އަހަރު ދުވަސް ވުމުންނެވެ. އަދި އެ ގައުމުގެ ސަގާފަތްތަކާއި ގާނޫނީ ނިޒާމާއި އިޖްތިމާއީ ނިޒާމަށް މީހާ އަހުލުވެރިވެފައި ހުންނަން ޖެހެ އެވެ. މީގެ އިތުރަށް އަމިއްލައަށް ދިރިއުޅެވޭ ވަރުގެ އާމްދަނީއެއް ވެސް ލިބޭކަން ސާބިތުކޮށްދޭން ޖެހެ އެވެ. ދިރިއުޅޭނެ ތަނަކާއި ހެލްތު އިންޝްއަރެންސެއް ނަގާފައިވުން ވެސް ލާޒިމްވެ އެވެ. އަދި އިންވެސްޓް ކުރާ ފަރާތްތަކަށް ރެސިޑެންސް ވިސާ ދޭ ނަމަ، ޔޫރަޕްގެ ގިނަ ގައުމުތަކުގައި 200،000 ޔޫރޯއަށް ވުރެ މަތީގެ އަދަދެއް އެ ގައުމެއްގައި އިންވެސްޓް ކުރަން ޖެހެ އެވެ. ނޫނީ ބައެއް ގައުމުތަކުގައި އެ އަދަދު މިލިއަން ޔޫރޯއަށް ވުރެ ވެސް މައްޗަށް ޖައްސާފައިހުރެ އެވެ.
ގެއަކަށް ގޮސް ޕާސްޕޯޓް ހައްދައިދިނުމުގެ ހިދުމަތް އިމިގްރޭޝަނުން ދެނީ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ރާއްޖެއާ އެންމެ ކައިރިން އޮތް، ސްރީލަންކާގައި އިންވެސްޓަރުންނަށް ދޫކުރާ ރެސިޑެންސް ވިސާ ދެނީ، ލަންކާ ބޭންކެއްގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއްގައި މަދުވެގެން 250،000 ޑޮލަރު ބެހެއްޓުމުންނެވެ. އަދި އޭނާގެ ޑިޕެންޑެންޓްގެ އެކައުންޓްގައި މަދުވެގެން 35،000 ޑޮލަރު ހުންނަން ޖެހެ އެވެ. އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް ކަހަލަ ތަނަވަސް ގައުމުތަކުގައި ރެސިޑެންސް ވިސާ ހޯދާ ނަމަ، ފަސް މިލިއަން ދިރުހަމަށް ވުރެ މަދު ނޫން އަދަދެއް އިންވެސްޓް ކުރުމުން ނޫނީ ރެސިޑެންސް ވިސާއެއް ނުލިބެ އެވެ.
ރެސިޑެންސް ވިސާއަކީ އެހެން ގައުމެއްގެ ރައްޔިތަކަށް އަނެއް ގައުމުގައި ދިގު މުއްދަތަކަށް އުޅުމަށް ދެވޭ ލައިސެންސަކަށްވާ އިރު ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އެކަން ކުރަނީ ބޮޑެތި ހިފެހެއްޓުންތަކާ އެކު އެވެ. ސަބަބަކަށް ވަނީ އެކަން ރަނގަޅަށް ނުބެލެހެއްޓިއްޖެ ނަމަ، އޭގެ ސަބަބުން ނުކުމެދާނެ އެތައް އެތައް އެހެން މައްސަލަތަކެއް ހުރެދާނެތީ އެވެ. އެއީ އެހާ ލުއިކޮށް ނެގޭ ވަރަށް ވުރެ އެތައް ބޮޑެތި ކަންބޮޑުވުންތަކެއް އޭގައި އެކުލެވިފައިވާ ކަމެކެވެ. ރާއްޖެ ކަހަލަ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ މިހާރު ވެސް ބޮޑުވެ، ފުނި ޖެހިފައި އޮތް ގައުމަކަށް އެހާ ލުއި ގޮތަކަށް ރެސިޑެންސް ވިސާ ލިބޭނެ ގޮތް ހަދައިފި ނަމަ، އެއާ އެކު އާ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ. ރެސިޑެންސް ވިސާގެ އަގަކީ އެންމެ ލައްކައެއްހާ ރުފިޔާ ކަމަށް ހަދައި ދޫކޮށްލައިފި ނަމަ، އަނެއްކާ ވެސް އެ އުފަން ކުރުވެނީ ރާއްޖެއަށް ދިގު މުއްދަތެއްގައި ނުރައްކާ ކުރާނެ މުޅިން އާ މައްސަލައެކެވެ.