20 Jul 2020, 12:27
އިންޓަނެޓް ބޭންކިންއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އެދި ބީއެމްއެލްގެ ނަމުގައި އީމެއިލް ފޮނުވަނީ އޮޅުވާލައިގެން ކަމަށާއި އެކަމަށް ސަމާލުވުމަށް އެ ބޭންކުން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ އީމެއިލްގައި ބުނެފައިވަނީ އެއީ މުހިންމު ސެކިއުރިޓީ ޗެކެއް ކަމަށާއި އިންޓަނެޓް ބޭންކިންގެ މައުލޫމާތު، މެއިލްގައި ހިމަނާފައިވާ ލިންކުގައި ހިއްސާކުރުމަށެވެ.
ނަމަވެސް ބީއެމްއެލްއިން ބުނީ މިއީ "ފިޝިން" އީމެއިލްއެއް ކަމަށެވެ. އަދި އެ ބޭންކުން އިންޓަނެޓް ބޭންކިން ނުވަތަ އެކައުންޓްގެ އެއްވެސް މައުލޫމާތެއް އީމެއިލް މެދުވެރިކޮށް ނުހޯދާނެ ކަމަށް ވެސް ބުނެ އެވެ.
މިގޮތަށް ބީއެމްއެލްގެ ނަމުގައި މެއިލްއެއް ލިބިއްޖެނަމަ، މެއިލް ފޮނުވި ފަރާތް ބްލޮކް ކޮށްލުމަށްފަހު އެ މެއިލް ޑިލީޓު ކުރުމަށް ވެސް ބީއެމްއެލްއިން ވަނީ އެދިފަ އެވެ.
މެއިލްގެ އިތުރުން ބީއެމްއެލްގެ ނަމުގައި ފޯނުން ގުޅައި، އޮޅުވާލައިގެން އެކައުންޓްގެ މައުލޫމާތު ހޯދަން އުޅޭކަމުގެ ޝަކުވާއަކީ ދޭތެރެ ދޭތެރެއިން އާންމުން ކުރާ ޝަކުވާއެކެވެ.