ރިޔާޟް (ޖުލައި 20) : ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އެގައުމުގެ އެންމެ ފެންވަރުމަތީ ހޮސްޕިޓަލްކަމަށްވާ ކިންގް ފައިސަލް ސްޕެސިއަލިސްޓް ހޮސްޕިޓަލުގައި އެނދުމަތިކޮށްފި އެވެ.

ސައޫދީ ރަސްކަމުގެ ކަންތައްތަކާބެހޭ އިދާރާ ކަމަށްވާ "ދީވާނުލްމަލަކީ" އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަލްމާން ރަސްގެފާނަށް ކުރިމަތިވެވަޑައިގެންފައިވާ އާލާސްކަންފުޅަކީ ގޯލްބްލެޑާގައި އިންފްލެމޭޝަން އުފެދުން ކަމަށާއި ހޮސްޕިޓަލުގައި އެނދުމަތި ކުރީ އެކަމަށް ފަރުވާ ހޯދުމަށް ކަމުގަ އެވެ. ސަލްމާން ރަސްގެފާނުގެ ސިއްޙީ ހާލުކޮޅާމެދު އިތުރު ތަފްސީލެއް "ދީވާނުލްމަލަކީ" ން ދީފައެއް ނުވެ އެވެ.

އުމުރުން 84 އަހަރުގެ ސަލްމާން ރަސްގެފާނު އުޅުއްވަނީ އާންމު ގޮތެއްގައި މުސްކުޅި ބަލީގެ އާލާސްކަންފުޅުގައި ކަމަށް މައުލޫމާތު ލިބެ އެވެ. މުސްކުޅި ބައްޔާ އެކު ހިންގަވައި އުޅުއްވެނީ ވެސް ވަރަށް އުނދަގުލުން ކަމަށާއި ސައޫދީ ސަރުކާރުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކާ ހަވާލުވެ ހުންނަވަނީ ސަލްމާން ރަސްގެފާނުގެ ބަދަލުގައި އޭނާގެ ދަރިކަލުން އަދި ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މުހައްމަދު ބިން ނާޔިފް އާއި މުހައްމަދު ބިން ސަލްމާން

ސައޫދީ ވަލީއުލްއަހްދުގެ މަގާމުގައި ހުންނެވި މުހައްމަދު ބިން ނާޔިފްގެ ބަދަލުގައި 2017 ވަނަ އަހަރު އެމަގާމަށް މުހައްމަދު ބިން ސަލްމާން ހަމަޖެއްސީ ސަލްމާން ރަސްގެފާނަށް ފަހު މުހައްމަދު ބިން ސަލްމާނަށް ރަސްކަން ލިބޭނެގޮތް ހެދުމަށްޓަކައި ކަމަށްވަނީ ބެލެވިފަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު މުހައްމަދު ބިން ނާޔިފް ވަލީއުލްއަހްދު ކަމުން އިސްތިއުފާ ދެއްވީ ސައޫދީ ބާރުގަދަ މީހާގެ ގޮތުގައި އޭރު ވެސް އަދި މިހާރު ވެސް ސިފަކުރެވޭ މުހައްމަދު ބިން ސަލްމާންގެ ފިއްތުންތައް އާދަޔާ ޚިލާފަށް ބޮޑުވެގެން އެހެން ގޮތެއް ނެތިގެން ކަމަށް އެދުވަސްވަރުގެ ޚަބަރުތަކާއި ރިޕޯޓްތަކުން އެނގިފައިވެ އެވެ. އިސްތިއުފާ ދެއްވި ފަހުން މުހައްމަދު ބިން ނާޔިފް ބަހައްޓާފައި ވަނީ ގޭބަންދުގައި ކަމަށާއި އަދި މިދިޔަ އަހަރުގެ ފަހުކޮޅު ނޫނީ މި އަހަރުގެ ކުރީކޮޅު އޭނާ ޖަލަށްލާފައިވާ ކަމަށް ވެސް ސައޫދީ ވަރަށް އެތެރޭގެ މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ ވޮޝިންޓަން ޕޯސްޓާއި ނިޔުޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ.

މިމައްސަލާގައި ސައޫދީ ޝާހީ އާއިލާ ތެރޭގައި ކޯޅުންތަކެއް އުފެދިފައިވާ ކަމަށް ގިނަ ރިޕޯޓްތަކަކުން ހާމަވެފައިވެ އެވެ. ނަމަވެސް މިކޯޅުންތައް އޮތް މިންވަރު ސާފުވެފައެއް ނުވެ އެވެ.

ސައޫދީ ދާޚިލީ ވުޒާރާގެ އިސް ބޭފުޅެއް ކަމަށްވާ ޑރ. ސަޢުދު ބިން އަބްދުﷲ އަލްޖަބްރީ ވަނީ 2017 ވަނަ އަހަރު ސައޫދީ ދޫކުރައްވައި ގައުމުން ބޭރަށް ފިއްލަވާފަ އެވެ. އާޓިފިޝަލް އިންޓެލިޖެންސް ދާއިރާއިން އިނގިރޭސިވިލާތުގައި ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. އަލްޖަބްރީއަކީ މުހައްމަދު ބިން ނާއިފްގެ ވަރަށް އަރިސްބޭފުޅެކެވެ. ސައޫދީގެ އެތެރެއިން ކުރިމަތިވި ފިއްތުންތަކާ ގުޅިގެން ގައުމުން ބޭރަށް ފިއްލެވުމަށް ފަހު އޭނާ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން މިހާރު އުޅުއްވަނީ ކެނެޑާގަ އެވެ. ސައޫދީ ސަރުކާރުން ޑރ. އަލްޖަބްރީގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު މިއީ ސިޔާސީ ކަމެއްކަމަށް ލަންޑަންގައި ދިރިއުޅުއްވާ ސައޫދީ އިދިކޮޅު ލީޑަރުން ވިދާޅުވެ އެވެ.

ޑރ. އަލްޖަބްރީއަށް ސައޫދީ ޝާހީ އާއިލާގެ ކޯޅުންތަކުގެ ގިނަ ސިއްރުތަކެއް އެނގޭކަމަށްވެ އެވެ. އަދި އޭނާއަކީ މުހައްމަދު ބިން ސަލްމާނާ ދެކޮޅަށް މުހައްމަދު ބިން ނާއިފް އަށް ވާގިވެރިވި ބޭފުޅެއްކަމަށްވެ އެވެ. އޭނާގެ އަތްޕުޅުގައިވާ ސައޫދީ ޝާހީ އާއިލާގެ ސިއްރުތައް ހުޅަނގުގެ ގައުމުތަކާ ހިއްސާކޮށްފާނެކަމުގެ ބިރަށް އޭނާ އަނބުރައި ގައުމަށް ގެނެވޭތޯ ސައޫދީ ސަރުކާރުން މަސައްކަތްކުރާ ކަމަށް ކެނެޑާގެ މީޑިއާ ބުނެ އެވެ. ދާދި ފަހުން ސައޫދީ ސަރުކާރުން ވަނީ ޑރ. އަލްޖަބްރީގެ ދަރިކަލަކާއި ދަރިކަނބަލަކު ހައްޔަރު ވެސްކޮށްފަ އެވެ.

މުހައްމަދު ބިން ނާއިފް އާއި މުހައްމަދު ބިން ސަލްމާނުގެ ކޯޅުންތައް ސައޫދީ ޝާހީ އާއިލާގެ ތެރޭގައި ބޮޑުވެފައިވާއިރު ސަލްމާން ރަސްގެފާނު އަވަހާރަވެއްޖެ ހާލަތެއްގައި މުހައްމަދު ބިން ސަލްމާން ރަސްކަމަށް އިސްވެވަޑައިގަންނަވަން އުޅުއްވައިފި ނަމަ މިއަރާރުންގަނޑު ފަޅައިގެން ދިޔުމުގެ ފުރުސަތު ބޮޑުކަމަށް ނަންހާމަކުރަން ނޭދޭ ސައޫދީ ޝާހީ ބައެއް މެންބަރުންނާ ހަވާލާދީ ހުޅަނގުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުގައި އަމިއްލައަށް އަރުވާލެވިގެން އުޅުއްވާ ސައޫދީ އިދިކޮޅު ލީޑަރުން މިކަންކަންވަނީ ކަށަވަރު ވެސް ކޮށް ދެއްވައިފަ އެވެ. (ސައޫދީ ނޫސްއެޖެންސީ + އަލްޖަޒީރާ + ކެނެޑާގެ މީޑިއާ)