އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީންނަށާއި، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭން، އިމިގްރޭޝަން ގާނޫނަށް އެއްވެސް އިސްލާހެއް ހުށަހަޅުއްވާފައި ނުވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިމިގްރޭޝަން ބިލަށް އިސްލާހު ހުށަހެޅުއްވީ، ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބިލު ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވުމުން، އަނބުރާ ކޮމިޓީ އަށް ބިލު ފޮނުއްވަމުންނެވެ. އެމަނިކުފާނު އެދިވަޑައިގެންވީ، ރިޔާސަތުން ހުށަހަޅާފައިވާ އިސްލާހާއެކު، އެ ބިލާ މެދު އަލުން ކޮމިޓީއިން ވިސްނުމަށެވެ.

ރައީސް ނަޝީދުގެ ހުށަހެޅުއްވީ، އިމިގްރޭޝަންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދެވޭ ހާލަތްތަކަށް އިސްލާހު ގެނައުމަށެވެ. އެގޮތުން އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީނަށާއި، 10 އަހަރަށްވުރެ ދިގު މުދަތަކަށް ގެއެއް ކުއްޔަށް ދޭ ފަރާތްތަކަށް އަދި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސިންނަށް ރެސިޑެންސް ވިސާ ދިނުމަށް ވަނީ ހުށަހަޅުއްވައިިފައެވެ.

އެ އިސްލާހާ ގުޅިގެން މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅި ނަމަވެސް، އެ މައްސަލަ ބަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ. ކުއްލި މައްސަލައިގެ ވޯޓަށް އެހުމުގެ ކުރިން މަޖިލިސް ރައީސް ވިދާޅުވީ އެއްވެސް މައުލޫމާތެއް އޮޅިފައި އޮވެގެން ނުވާނެ ކަމަށާއި އުސޫލު އޮންނަ ގޮތުން އެމަނިކުފާނަށް އެއްވެސް ކޮމެޓީއަކަށް އިސްލާހު ހުށަނޭޅޭނެ ކަމަށެވެ.

"އަޅުގަނޑެއް ކޮމެޓީއަކަށް އިސްލާހެއް ހުށަހަހެއް ނާޅަން. އަޅުގަނޑު ކޮމެޓީއަށް އިސްލާހެއް ހުށަހެޅި ކަމަށް ވިދާޅުވީ އަޅުގަނޑަކަށް ނުވިސްނޭ އަޅުގަނޑު ހިތުން ކޮމެޓީގެ މުގައްރިރު އެގޮތަށް އެ މައުލޫމާތު ދެއްވީ. އަޅުގަނޑު ވަރަށް ސާފުކޮށް ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވަން އަދި އަޅުގަނޑު އިދާރީ މޭޒުން ވެސް އެހެނިގެން ގޮތްގޮތުން ބެލީމާވެސް ވަރަށް ބޮޑަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ އަޅުގަނޑު ހުށަހަޅާފައިވާ އިސްލާހެއް ނުވާނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ އިސްލާހުގައި ބުނެފައިވާ އަދަދުތަކަކީ ކިހިނެތް ނުކުމެފައިވާ އަދަދުތަކެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އިބްތިދާއީ ބަހުސްގައި ބައެއް މެމްބަރުން އަދަދުގެ ވާހަކަ ދެއްކެވި އިރު މުޅިން ވެސް ފާހަގަކުރެއްވީ އެއް ލައްކަ ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދުތަކެއް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ނިޒާމު އިތުރަށް އޮޅުންފިލުވައިދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ ކޮމެޓީއަށް ފޮނުވެނީ އިބްތިދާއީ ބަހުސްގައި މެމްބަރުން ދައްކަވާ ވާހަކަތައް ކަމަށާއި ކޮމެޓީން ބިލެއް ނިންމައި އެ ބިލު ތަޅުމުގައި ބަހުސްކުރުމަށް ހުށަހަޅާ ދިނުމަށް ފޮނުވާއިރު އިބްތިދާއީ ބަހުސްގައި ދެކެވުނު ވާހަކަތައް ކޮމެޓީގެ މަޝްވަރާތަކުގައި، ދިރާސާތަކުގައި ހިމެނިފައިވޭތޯ ބެލުމަަކީ ރިޔާސަތުގެ ޒިންމާއެއް ކަމަށެވެ.

އަދި ބިލަކާ ގުޅޭގޮތުން ގޮތް ނިންމުމަކީ ކޮމެޓީގެ މަސައްކަތެއް ނޫން ކަމަށާއި އެއީ އިބްތިދާއީ ބަހުސްގެ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިބްތިދާއީ ބަހުސްގައި މެމްބަރުން ފާހަގަކުރެއްވި ނުކުތާތަކާއި އަދި އާންމުންގެ މަޝްވަރާއާއި ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކުން ހުށަހަޅާ ނުކުތާތަކެއް ނަމަ، ކޮމެޓީން ބިލުގެ ތެރޭގައި އެކަންކަން ހިމަނަން ޖެހޭނެ ކަމަށެވެ.

އަދި ކޮމެޓީގެ ރިޕޯޓަށް ވޯޓަށް އަހައި، ރިިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮތްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިމިގްރޭޝަން ގާނޫނު އަލުން އަނބުރާ ބަލައިދިނުމަށް އަޅުގަނޑު އެދުނީ ކޮމެޓީގައި ދެކެވުނު އެއްވެސް ވާހަކައެއް، ބިލުގައި ދިރާސާކޮށް ނިންމައި ގެނެވުނު ރިޕޯޓުގައި ހިމެނިފައި ނުވާތީ. މިހާރު އަލުން އަނބުރާ އަޅުގަނޑު ހިތުން ކޮމެޓީން ދަނީ އެ މަސައްކަތް ކުރަމުން. ކުރަމުން ދިޔަ އިރެއްގައި މި ދެންނެވި ވާހަކަތައް ދިވެހިރާއްޖޭގައި ޕާމަނަންޓް ރެސިޑެންސީއަށް ޖާގަދިނުމަކީ އަޅުގަނޑުމެންގެ ގައުމިއްޔަތާ އަދި އަޅުގަނޑުމެންގެ އެހެން ބާވަތުގެ ކަންކަމާ ގުޅުންހުރި ކަމެއްގެ ގޮތުގައި ބައެއް އިއްޒަތްތެރި މެމްބަރުންނަށް ފާހަގަވެގެން މި ދިޔައީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ އިސްލާހުތަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން މަޖިލިސް ރައީސް އަށް ވަނީ އަމާޒުވެފަ އެވެ. އަދި ކޮމެޓީ މަރުހަލާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ އެ ބިލަށް ފާޑު ވިދާޅުވެފައެވެ. އޭގެ ތެރޭގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދުއާއި މަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފު ހިމެނެ އެވެ.

މި ވާހަކަ ދެކެވެމުންދާއިރު، ބިދޭސީންގެ މައްސަލައާ ގުޅޭ ގޮތުންވެސް މަޖިލިސް ރައީސް ވަނީ ހިޔާލުފާޅުކުރައްވައިފައެވެ. އެމަނިކުފާނު ލިޔުއްވި މަޒުމޫނުގައި ވިދާޅުވީ، ބިދޭސީން ރަށަށް ފޮނުވާލުމާއި، އެމީހުން ހައްޔަރުކޮށް ބަންދު ކުރުމަކީ، މުޅި މައްސަލައަށް އޮތް ހައްލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރަން ޖެހޭނީ އެ މީހުން ރާއްޖޭގައި ބައިތިއްބައިގެން ކަމަށް ވިދާޅުވި އެވެ. އަދި އެހެން ގައުމުތަކުންވެސް ބިދޭސީން ގައުމުގައި ބައިތިއްބައިގެން އެކަން ހައްލުކުރަން ވިސްނާ ކަމަށް ވިދާޅުވެ މިސާލު ދައްކަވާފައިވެ އެވެ.