ސްޕެނިޝް ލީގުގެ ކުޅުން ރޭ ނިމުނު އިރު ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ސްޕެއިނުގެ ސެލްޓާ ވީގޯ ޕޮއިންޓެއްގެ ތަފާތުން ރެލިގޭޝަނުން ސަލާމަތް ވެއްޖެ އެވެ.

ސެލްޓާއިން ލީގުގައި ރޭ ކުޅުނު ފަހު މެޗުގައި ތާވަލުގެ ފުލުގައި އޮތް އެސްޕަންޔޯލް އަތުން ލިބުނު ޕޮއިންޓާ އެކު އެ ޓީމު ރެލިގޭޝަނުން ސަލާމަތްވީ 38 މެޗުން ލިބުނު 37 ޕޮއިންޓާ އެކު އެވެ. އެ ޓީމުގެ ފަހަތުން އެއް ޕޮއިންޓް މަދުން ލިބިގެން ރެލިގޭޓްވީ ރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި އެއްވަރު ކުރި ލެގަނޭސް އެވެ.

ލޮކްޑައުނަށް ފަހު ސެލްޓާއިން ރެލިގޭޝަން ޒޯނުން ސަލާމަތްވާ ކުރި މަސައްކަތް ކާމިޔާބިވި އިރު އެ ޓީމުން މިފަހަކުން ވަނީ ބޮޑެތި މޮޅުތަކެއް ހޯދައި، ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެ ޓީމު ވެސް ހިފަހައްޓާފަ އެވެ. ސެލްޓާ ވީގޯއާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާއިން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެ މެޗު ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަ ކޮށްފަ އެވެ.

ރޭގެ މެޗުން ރެލިގޭޓް ވެފައި އޮތް އެސްޕަންޔޯލް އަތުން ސެލްޓާ ހޯދި ޕޮއިންޓާ އެކު އެ ޓީމަށް އަންނަ ސީޒަނުގައި ވެސް ސްޕެނިޝް ލީގުގެ ޖާގައެއް ކަށަވަރުވެފައިވާ އިރު ރާއްޖެ އިސްތިހާރު ކުރުމަށް ހަދާފައިވާ އެއްބަސްވުން އަދި އިތުރު ދެ އަހަރަށް އޮންނާނެ އެވެ. އެހެން ކަމުން ސެލްޓާ ލީގުގައި ރެލިގޭޓް ނުވެ އޮތުމަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ލިބުނު މުހިއްމު ކާމިޔާބެކެވެ.

ސެލްޓާއިން މިފަހަރުގެ ސީޒަނާއި ކުރިމަތިލީ ބޮޑު އުންމީދަކާ އެކު އެވެ. ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ ޑެނިސް ސުއަރޭޒްއާއި ރަފީނިއާ އަލަކަންޓްރާ ވެސް ޓީމުގައި ހިމެނިގެން އެ ޓީމުން ލީގާއި ކުރިމަތިލީ ނަމަވެސް އެ ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައެއް ނުވެ އެވެ.

ސެލްޓާއިން މިފަހަރުގެ ސީޒަނުގައި މޮޅު ހޯދާފައިވަނީ އެންމެ ހަތް މެޗުންނެވެ. އަދި 16 މެޗަކުން އެއްވަރުވެފައިވާ އިރު 15 މެޗުން ވަނީ ބަލިވެފަ އެވެ.

ރާއްޖެ އިން ސެލްޓަ ވީގޯއާއެކު ދެމެދު ސްޕޮންސާޝިޕް ހެދުމަށް އެއްބަސްވެފައި ވަނީ އަހަރަކު 900،000 އެމެރިކާ ޑޮލަރަށެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެ އިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.