05 Jan 2012, 16:05
ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ކަރަޕްޝަންގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ގްލޯބަލް އިން ކުރި ކޮރަޕްޝަނާ ބެހޭ ސާވޭއަކުން ދައްކައިފި އެވެ.
ޓްރާންސް ޕޭރަންސީ އޮފް ދަ މޯލްޑިވްސް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ސާވޭއަކީ އާއްމު ދިރިއުޅުމުގައި ކަރަޕްޝަން ހުރި މިންވަރު ބެލުމަށްޓަކައި ޓްރާންސް ޕޭރަންސީ އިންޓަނޭޝަނަލް އިން ހަދާފައިވާ ސާވޭއެއް ކަމަށާއި މި ސާވޭއަށް ފަހު "އާއްމު ދިރިއުޅުމާއި ކަރަޕްޝަން" މިނަމުގައި ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި ސާވޭގައި ރާއްޖޭ ހިމަނައި، ކަރަޕްޝަނާ މެދު އާއްމު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދާފައިވާ ކަމަށެވެ.
ޓްރާންސް ޕޭރަންސީން ބުނީ ކަރަޕްޝަނާއި މެދު އާއްމު ރައްޔިތުންގެ ދެކޭ ގޮތް ހޯދުމުގެ ގޮތުން ހަދާފައިވާ މިސާވޭގައި ރާއްޖޭން ބައިވެރި މީހުންގެ 90 ޕަސެންޓް މީހުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކަރަޕްޝަން އިތުރުވެފައިވާ ކަމަށް ބުނުމަކީ ރާއްޖޭގައި އަލަށް ތައާރަފުވެ، ފޯދެމުން އަންނަ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ކަރަޕްޝަން ހުއްޓުވުމަށް ނުކުޅެދިފައިވާ މިންވަރުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.
މިސާވޭގައި 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ދެކުނު އޭޝިޔާގައި ޖުމްލަ 7500 މީހުން ބައިވެރިވެފައިވާއިރު އޭގެތެރެއިން 1001 މީހުންނަކީ ރާއްޖޭގެ މީހުންނެވެ. ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ސްރީލަންކާ، އިންޑިއާ، ޕާކިސްތާނު، ނޭޕާލްގެ ކޮރަޕްޝަންގެ ހާލަތު އޮތް ގޮތް ނުވަތަ ކަރަޕްޝަންގެ އަމަލުތައް ހިނގާގޮތް ވަނީ އެ ރިޕޯޓްގައި ހިމަނާފަ އެވެ.
ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ މިސާވޭގައި ރާއްޖޭން ބައިވެރިވި ފަރާތްތަކުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އެންމެ ބޮޑަށް ކަރަޕްޝަން އަށަގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގަ އެވެ. ދެވަނައަށް ސިޔާސީ ޕާޓީތައް ކަމަށް ބައިވެރިން ބުނެފައިވާއިރު ތިން ވަނަ އަށް ޝަރުއީ ނިޒާމުގައި ކަމަށް ވަނީ ބުނެފަ އެވެ. އަދި އެންމެ ކުޑަކޮށް ކަރަޕްޝަން އަށަގެންފައިވަނީ އަސްކަރީ ބާރުތަކާއި އެކިއެކި ދީނީ މުއައްސަސާތަކުގައި ކަމުގައި ވަނީ ބުނެފަ އެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ރައީސް އައިމަން ރަޝީދު މިއަދު ވިދާޅުވީ މި ސާވޭއަކީ ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ކޮންމެ ތިން އަހަރަކުން އެއް އަހަރު ކުރަމުން އަންނަ ސާވޭއެއް ކަމަށާއި މިސާވޭ ކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ގަލަޕްސް ޕާކިސްތާނު މެދުވެރިކޮށް ކަމަށެވެ.
" ރާއްޖޭގެ މިސާވޭގައި މީހުން ހިމެނުމަށް ސެލެކްޓްކޮށްފައި ވަނީ ރެންޑަމްކޮށް ނަމްބަރުތައް ނަގައިގެން، މިސާވޭ ހަދާފައިވާ ގަލަޕް ޕާކިސްތާނަކީ މިފަދަ ސާވޭތައް މުޅި ދުނިޔޭގައި ވެސް ހަދަމުން ގެންދާ ބައެއް،" އައިމަން ވިދާޅުވި އެވެ.
ސާވޭގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މިސާވޭގައި ރާއްޖޭން ބައިވެރިވި މީހުންގެ ހަޕަސެންޓް މީހުންނަކީ ހުސްވި އަހަރު ކޮންމެވެސް ކަހަލަ ރިސްވަތެއް ދީފައިވާ މީހުންނެވެ. މީގެތެރެއިން އެންމެ ގިނަ މީހުން ރިޝްވަތު ދީފައިވަނީ ކަސްޓަމްސްއަށް އަދި އެންމެ މަދުން ރިޝްވަތުދީފައިވަނީ ފުލުހުންނަށް ކަމަށް ވަނީ ބުނެފަ އެވެ.
ކަރަޕްޝަނާއި ދެކޮޅަށް އެންމެ އިފެކްޓިވްކޮށް މަސައްކަތް ކުރެވޭނެ އެއް މުއައްސަސާއަކީ ސަރުކާރު ކަމަށް ސާވޭގައި ބައިވެރިވި މީހުންގެ ދެބައިކުޅައެއް ބަޔަށް ވުރެ ގިނަ މީހުން ވަނީ ބުނެފަ އެވެ.