20 Jul 2020, 09:53
އެމެރިކާގައި އެންމެ ބާރަށް ކޮވިޑް ފެތުރޭ ސަރަހައްދަކަށް އެގައުމުގެ ދެކުނު އިރުމަތީ ސަރަހައްދުގައި އޮންނަ ފްލޮރިޑާ ސްޓޭޓް ވެއްޖެއެވެ.
އެގޮތުން ފާއިތުވި ހަފްތާގެ ތެރޭގައި އެ ސްޓޭޓުން ވަަނީ ދުވާލަކު 10،000 މީހުންނަށް ކޮވިޑް ޖެހިފައެވެ. އަދި މިމަހުގެ 12 ވަނަ ދުވަހު އެކަނި އެ ސްޓޭޓުން ވަނީ ވަނީ 15،300 މީހުންނަށް ކޮވިޑް ޖެހިފައެވެ. މިއީ މުޅި އެމެރިކާގައިވެސް ރެކޯޑެކެވެ.
ރޮއިޓާސްއިން ބުނީ ފްލޮރިޑާއަކީ ގައުމެއް ނަމަ އެއް ދުވަހުން އެންމެ ގިނައިން ކޭސް ފެންނަ ހަތަރު ވަނަ ގައުމަށް ވާނެ ކަމަށެވެ.
މިމަހުގެ 14 އާ ހަމައަށް ފްލޮރިޑާގައި ކޮވިޑް ޖެހިގެން 4،400 މީހުން މަރުވިއިރު ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު އެވްރެޖްކޮށް އުޅެނީ 81 އެއްގައެވެ. އަދި މިމަހުގެ 14 ވަނަ ދުވަހު އެކަނި ވަނީ 132 މީހުން ބަލީގައި މަރުވެފައެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު ފްލޮރިޑާއިން ވަނީ ބަލި ޖެހިގެން 400 އަށް ވުރެ ގިނަ މީހުން އެޑްމިޓްވެސް ކޮށްފައެވެ. އެ ދުވަހު ވަނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކުވެސް މަރުވެފައެވެ.
ފްލޮރިޑާއާއެކު ދެން އެންމެ ގިނައިން ކޮރޯނާ ފެނިފައިވަނީ ޓެކްސަސް އަދި އެރިޒޯނާގައެެވެ. އެ ހުރިހާ ސްޓޭޓްތަކަކީވެސް އެހެން ސްޓޭޓްތަކަށްވުރެ ބޮޑަށް އަވިލިބޭ ސްޓޭޓްތަކެކެވެ.
ޖީން ހޮޕްކިންސް ޔުނިވާސިޓީން ނެރުނު ތަފާސް ހިސާބުތަކެއްގައި ހާމަކުރިގޮތުގައި މިދިޔަ މަހު 22 ގައި ފްލޮރިޑާއިން ކޮރޯނާގެ 100،000 ކޭސް ފެނިފައިވެއެވެ. އަދި މިހާރު އެ ސްޓޭޓްގައި 287،000 ކޭސް ވަނީ ރެކޯޑްކުރެވިފައެެވެ.