20 Jul 2020, 10:02
ތުރުކީގެ އިސްތަންބޫލްގައި ހުންނަ ހާޔާ ސޮފީއާ މިސްކިތަކަށް އެގައުމުގެ ރައީސް ތައްޔިބް އުރުދުއާން ޒިޔާރަތްކުރައްވައިފި އެވެ.
މިއީ ހާޔާ ސޮފީއާ މިސްކިތަކަށް ބަދަލުކުރި ފަހުން އުރުދުއާން އެތަނަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ. އެތަން މިސްކިތަކަށް ބަދަލުކުރަން ނިންމީ މިދިޔަ ހަފްތާގަ އެވެެ.
ހާޔާ ސޯފިއާއަކީ ބައިޒެންޓައިން ޒަމާނުގައި ބިނާކުރި ކްރިސްޓިއަނުންގެ މުގައްދަސް ފައްޅިއެކެވެ. ނަމަވެސް ކޮންސްޓެންޓިނޯޕަލް (މިހާރުގެ އިސްތަންބުލް) މުސްލިމުންގެ އުސްމާނީ ދައުލަތުގެ ބާރުގެ ދަށަށް ދިޔަ ފަހުން އެތަން ބޭނުންކުރަމުން ދިޔައީ މިސްކިތެއްގެ ގޮތުގަ އެވެ.
ތުރުކީގެ ރައީސް މުސްތަފާ ކަމާލްގެ ވެރިކަމުގައި 1934 ވަނަ އަހަރު އެތަން ވަނީ މިއުޒިއަމްއަކަށް ހަދައިފަ އެވެ. ނަމަވެސް 1990 އިން ފެށިގެން ހާޔާ ސޯފިއާގެ ކުޑަ ތަންކޮޅެއްގައި ނަމާދުކުރެވެ އެވެ.
އުރުދުއާން ވަނީ ހާޔާ ސޮފީއާއަށް ވަޑައިގެން އެތަން އަލުން މިސްކިތެއްގެ ގޮތުގައި ފުރިހަމައަށް ބޭނުންކުރުމަށް ކުރަމުންދާ މަސައްކަތް ބައްލަވާލައްވައިފަ އެވެ.
ތުުރުކީގެ ދީނީ ކަންތައްތައްތަކާ ބެހޭ އޮތޯރިޓީ ދިޔަނެތު އިން ބުނީ ހާޔާ ސޮފީއާ މިސްކިތަކަށް ބަދަލުކުރިޔަސް އެތަނުގައި ކުރިން ހުރި ކްރިސްޓިއަން ނިޝާންތައް ހުންނާނެ ކަމަށާއި ނަމަވެސް ނަމާދު ކުރާ ގަޑީގައި އެ ނިޝާންތައް ފަރުދާއަކުން ފޮރުވާނެ ކަމަށެވެ.
ނަމަވެސް ނަމާދު ގަޑިތައް ނޫން ގަޑީގައި އެތަނަށް ކޮންމެ ދީނެއްގެ ބަޔަކަށް ވަދެވޭއިރު ކްރިސްޓިއަނުންގެ ނިޝާންތައް ފެންނާނެ އެވެ.
ހާޔާ ސޮފީއާ އަލުން މިސްކިތަކަށް ބަދަލުކުރުމަށް ފަހު އެތަނުގައި ފުރަތަމަ ފަހަރަށް އަންނަ ހުކުރު ދުވަހު ޖަމާއަތުގައި ނަމާދު ކުރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.-- އަލްޖަޒީރާ--