އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހަތަރުވަނާގައި އޮތް ލެސްޓާ ސިޓީ ބޮޑު ތަފާތަކުން ބަލިކޮށް ޓޮޓެންހަމުން ޔޫރޮޕުގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ އުންމީދު ދަމަހައްޓައިފި އެވެ.

ޓޮޓެންހަމްގެ ހޯމް ދަނޑުގައި ރޭ ކުޅުނު އެ މެޗުން ލެސްޓާގެ މައްޗަށް އެ ޓީމު ކުރި ހޯދީ 0-3ގެ ތަފާތަކުންނެވެ. އެ ނަތީޖާއާ އެކު ޓޮޓެންހަމް 37 މެޗު ކުޅެގެން 58 ޕޮއިންޓް ހޯދާފައިވާ އިރު މިހާރު ތާވަލު އޮތް ގޮތުން އެ ޓީމަށް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ކޮލިފިކޭޝަންގެ ޖާގައެއް ލިބޭނެ އެވެ.

އެކަމަކު މާދަމާ ރޭ ވޮލްވާހަމްޓޮނުން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދައިފި ނަމަ އެ ޖާގަ އަލުން ޓޮޓެންހަމް ހޯދަން ޖެހޭނީ ލީގުގެ ފަހު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން މޮޅުވެގެންނެވެ.

ޓޮޓެންހަމް ތާވަލުގެ ހަ ވަނާގައި މިވަގުތު އޮތް އިރު އަންނަ މެޗު މޮޅުވެގެން ވެސް އެ ޓީމަށް ފަސްވަނާގައި އޮތް މެންޗެސްޓާ ޔުުނައިޓެޑާ އެއްވަރު ނުވާނެ އެވެ.

ރޭގެ މެޗު ފަށައިގެން ހަވަނަ މިނަޓުގައި ޓޮޓެންހަމަށް ލީޑު ލިބުނީ ލެސްޓާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި ބައި ކޮޅަށް ވަން ގޯލަކުންނެވެ. އެއަށް ފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ހެރީ ކޭންގެ އިތުރު ދެ ގޯލާ އެކު ޓޮޓެންހަމުން ވަނީ މެޗުގެ މޮޅު ޔަގީން ކޮށްފަ އެވެ.

މި މެޗުން ލިބުނު ބައްޔާ އެކު ގަދަ ހަތަރެއްގެ ޖާގަ ލެސްޓާއަށް ވަނީ ހަނިވެފަ އެވެ. އެއީ ފަސް ވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އެއް މެޗު މަދުން ކުޅެގެން ލެސްޓާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތުމުންނެވެ. އެހެން ކަމުން އަންނަ މެޗުގައި ޔުނައިޓެޑް މޮޅުވެއްޖެ ނަމަ ލެސްޓާ ފަސްވަނައަށް ވެއްޓޭނެ އެވެ.

މިއީ 2017 ވަނަ އަހަރުގެ ފަހުން ވިދިވިދިގެން އަށް މެޗުން ލެސްޓާއަށް މޮޅެއް ނުލިބި ދިޔަ ފުރަތަމަ ފަހަރެވެ. އަދި 1966 އަށް ފަހު ޓޮޓެންހަމް ކައިރިން ވިދިވިދިގެން ބަލިވި ތިން ވަނަ ފަހަރު ވެސްމެ އެވެ.

ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ޓޮޓެންހަމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މެޗުން ލިބުނު މޮޅާ އެކު ޔޫރޮޕުގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ އުންމީދު އާ ވެއްޖެ ކަމަށާއި، އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހެރީ ކޭންއަކީ އޭނާ ކޯޗުކަން ކޮށްދިން އެންމެ މޮޅު އެއް ސްޓްރައިކަރު ކަމަށެވެ.