ބޮލީވުޑްގެ ކުރީގެ ބަތަލާ އަދި މިހާރުގެ ޓީވީ ހޯސްޓް ސިމީ ގާވެލް ބަތަލާ ކަންގަނާ ރަނައުތު އަށް ތައުރީފްކޮށްފި އެވެ.

ބަތަަލާ ކަންގަނާ ވަނީ ރިޕަބްލިކް ޓީވީ މެދުވެރިކޮށް މުޅި ދުނިޔެއަށް ބޮލީވުޑްގެ އަޑިނޭނގޭ ގިނަ ސިއްރުތަކެއް ހާމަކޮށްފަ އެވެ. އެކަމާ ގުޅިގެން ސިމީ ކުރި ޓްވީޓެއްގައި ބުނީ ކަންގަނާ އަކީ ފެށުނީއްސުރެ ބޮލީވުޑްގެ ނެޕޮޓިޒަމްގެ ވާހަކަ ދައްކާ އެކްޓަރެއް ކަމަށެވެ. ސިމީ ބުނީ ބޮލީވުޑް އިންޑަސްޓްރީގައި ހުދު އޭނާއަށް ވެސް އެފަދަ ކަންތައްތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

"ބޮލީވުޑްގެ ވަރަށް ވަރުގަދަ މީހެއް އުޅުނު އަހަރެންގެ ކެރިއަރު ވެސް ފުޑުފުޑުކޮށްލަން. އެކަމަކު އަހަރެން ހުރީ މަޑުން. އަހަރެން ކަންގަނާ ހާ ހިތްވަރުގަދަ އެއް ނޫން،"

ބޮލީވުޑްގެ ތަރި ސުޝާންތުގެ މަރާއެކު ކަންގަނާ ވަނީ އެ މަރާ ގުޅޭ ގޮތުން ވެސް ތަފާތު ވާހަކަތަކެއް ދައްކައިފަ އެވެ. އަދި ސުޝާންތު އަމިއްލަ އަށް މަރުވީ ނޫން ކަމަށާއި ބަޔަކު މީހުންވެގެން އޭނާ މަރާލީ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ އިންޓަވިއުގައި ކަންގަނާ ވަނީ ސުޝާންތު އާއި އޭނާ އާ ދެމެދު އިހާނެތިކޮށް ކަންތައް ކުރި މީހުންގެ ނަންތައް ވެސް އިއްވާފަ އެވެ.