ދާދި ފަހުން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް އަށް ދޭ ޓްރިބިއުޓެއްގެ ގޮތުން "ޕަވިތްރަ ރިޝްތާ"ގެ ސީކުއަލެއް ގެނެސްދޭން ނިންމައިފި އެވެ.

ޕަވިތްރަ ރިޝްތާ އަކީ ސުޝާންތު އެންމެ ފުރަތަމަ ލީޑު ރޯލު ކުޅުނު ޓީވީ ޑްރާމާއެވެ. ޓީވީ ޑްރާމާތަކުން ބޮލީވުޑަށް ނުކުތް ސުޝާންތު ކުޅުނު އެންމެ ފުރަތަމަ ޑްރާމާއަކީ ސްޓާ ޕްލަސްގެ "ކިސް ދޭޝް މޭހޭ މޭރާ ދިލް" އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޕަވިތްރަ ރިޝްތާގެ ސީކުއަލެއް ހެދުމުގެ ހިޔާލު ޑްރާމާގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް ހުށައެޅީ އެ ޑްރާމާގެ ލީޑު ތަރި އަދި ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭއެވެ. ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި މި ޑްރާމާ ދެއްކީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ޒީޓީވީ މެދުވެރިކޮށެވެ.

"މި ޝޯ އަކީ ސުޝާންތުގެ ހިތާ ގުޅި ލާމެހިފައި ވާ ޝޯއެއް. މި ޝޯ މެދުވެރިކޮށް އަންކިތާ އާއި ސުޝާންތު ގުޅުނީ ވެސް. ޕަވިތްރަ ރިޝްތާ އަކީ ސުޝާންތުގެ އެކްޓިން އެންމެންނަށް ދައްކާލި ޑްރާމާ. އެހެންވެ އޭނާއަށް ޓްރިބިއުޓެއް ދޭނަމަ ޕަވިތްރަ ރިޝްތާގެ ސީކުއަލެއް ހެދުމަކީ އެންމެ ރަނގަޅު ހިޔާލު،" މުމްބާއި މިރޯ އަށް އަންކިތާގެ ގާތް މީހަކު ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އަންކިތާގެ މި ޚިޔާލަށް ތާއީދުކުރަމުން އެކްތާ ކަޕޫރު ބުނީ ސީކުއަލް ކުރިއަށް ގެންދާނެ ގޮތާ މެދު މަޝްވަރާކުރުމަށް އަންކިތާ އާއި ސްކްރިޕްޓް ރައިޓަރާ އެކު ބައްދަލުވުންތަކެއް ބާއްވާނެކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރު ސުޝާންތަށް ބޮލީވުޑްގެ ފިލްމު "ކައި ޕޯ ޗޭ" އިން ޖާގަ ލިބުމުން ވަނީ އެ ޑްރާމާ ދޫކޮށްލާފަ އެވެ. ޕަވިތްރަ ރިޝްތާގައި ލީޑު ރޯލު ކުޅުނީ ސުޝާންތާ އަންކިތާ އެވެ.

ބަތަލާ އަންކިތާ އާއި އެކްޓަރު ސުޝާންތު ރުޅިވީ 2016 ވަނަ އަހަރުގައެވެ. ސުޝާންތު މަރުވުމާއެކު އަންކިތާ ވަނީ ސުޝާންތުގެ އާއިލާ އާ ބައްދަލުކޮށް އިންސްޓަގްރާމްގައި ޕޯސްޓެއް ވެސް ހިއްސާކޮށްފަ އެވެ.