ޑިސެމްބަރު 23 ގެ ބޮޑު މުޒާހަރާގައި މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން ފަސް ޑިމާންޑު ފުރިހަމަ ކުރަން ސަރުކާރަށް ދީފައިވާ މުހުލަތު ހަމަވެގެން ދިޔައިރު އެކަމަށް ސަރުކާރުން އިޖާބަ ދީފައިނުވާތީ އެކަމާ ގުޅޭ ގޮތުން ދެންކަންތައް ކުރާނެ ގޮތެއް އަންނަ އާދީއްތަ ދުވަހު ހާމަކުރާނެ ކަމަށް ބުނެފި އެވެ.

މަދަނީ އިއްތިހާދުން މިއަދު ބުނެފައިވަނީ ޑިސެމްބަރު 23 ވަނަ ދުވަހު އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން ބޭއްވި ބޮޑު މުޒާހަރާގައި ރައްޔިތުން ހުށައެޅި ކަންތައްތައް ކުރުމަށް ސަރުކާރަށް ދިން މުހުލަތު މިއަދު ހަވީރު 4:00 ޖެހިއިރު ހަމަވެގެން ދިޔައިރު ރައްޔިތުންގެ އިހުސާސް ތަކަށާއި ގޮވާލުމަށް އިޖާބަދީ އިސްލާމް ދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާނެކަމުގެ އެއްވެސް އިޝާރާތެއް ބަހުން ނުވަތަ އަމަލުން ވެސް ދައްކާފައިނުވާ ކަމަށެވެ.

ބަޔާނުގައި އަދި ބުނެފައިވަނީ މުޒާހިރާ ކުރަމުންދިޔަ ވަގުތު އެމުޒާހަރާއަކީ އެންމެ ދެ ތިން ހާހެއްހާ މީހުންގެ އެއްވުމެއްކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް ފަހުގެ މަރުހަލާތަކުގައި ދިވެހިންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވެ އަޑުއުފުލި މުޒާހަރާއެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރަށްވާފައިވާއިރު ވެސް އެކަމަށް އެއްވެސް އިޖާބައެއް ނުދީ އެ ގޮވާލުންތަކަށް މަލާމާތްކޮށް ޖެއްސުން ކުރުމުގެ ތަފާތު އަމަލު ހިންގުން އެ އިއްތިހާދުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"... އެ ގޮވާލުންތަކަށް މަލާމާތައި ޖެއްސުން ކުރުމުގެ ތަފާތު އަމަލްތައް ހިންގާ ދިވެހިންގެ އަބުރާއި ކަރާމާތަށާއި، ރާއްޖޭގެ އިގްތިސާދަށް އަރައިގަތުމުގެ ވިޔާނުދާ އެތަށް އަމަލެއް ހިންގާ ދުނިޔޭގެ ކުރިމަތީގައި ދިވެހިން ފަލީހަތްކުރުމުގެ ޖަރީމާތައް ސަރުކާރުން ހިންގަމުން ގެންދާ ގެންދިއުން އެއްމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ބަޔާނުގައި ވެއެވެ.

މަދަނީ އިއްތިހާދުގެ ރައީސް އަބުދުﷲ މުހައްމަދު މިއަދު ވިދާޅުވީ ނަސްރުގެ މައިދާނުގައި ވައުދުވި ގޮތަށް ސަރުކާރުން ފަސްޑ ިމާންޑަށް އިޖާބަ ނުދީފިނަމަ ހާސިލްކުރުމަށް ދެން ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމާއި ގުޅޭ އެންމެ ފަހުގެ ތައްޔާރީތައް މިއަދާއި މާދަމާ ވެސް ކުރިއަށް ދާނެކަމަށެވެ.


"ސަރުކަރަށް ދިން މުހުލަތު މިއަދު ހަމަވާނެ ހަމަވުމަށް ފަހު ދެން އަޅަން ޖެހޭ ފިޔަވަޅެއް އަޅުގަނޑުމެން ހާމަކުރާނަން. ރައްޔިތުން މިތިބީ ވަރަށް ސާބިތުގައި ކަން ކަށަވަރު. އަޅުގަނޑުމެން އެއްވެސް ފަސްޖެހުމެއްނެތި ރައިވަރު ބަނދި ކިޔުމެއްނެތި އަޅުގަނޑުމެން މިކަމުގެ ކުރިއަށް ދާން މިތިބީ ތައްޔާރަށް،" އަބުދުﷲ ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހު މަދަނީ އިއްތިހާދުން ބޭއްވި ނޫސް ކޮންފަރެއްސުގައި ބުނެފައިވަނީ އެ އިއްތިހާދުން ދިވެހި ރައްޔިތުންގެ ނަމުގައި ހުށައެޅި ފަސްކަމަކީ ސަރުކާރަށް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ފަދަ ފަސްކަން ކަމަށާއި އެކަމާ ގުޅޭ ގޮތުން ސަރުކާރުން ބަހަނާ ދައްކަމުން ދާތީ އެކަން ކުރުމަށް 5 ޖެނުއަރީއަށް މުހުލަތު ދިންކަމަށެވެ.

އިއްތިހާދުން ބުނެފައިވަނި އެދުވަހު ނަސްރުގެ މައިދާނުގައި ތިބި ދިވެހި ރައްޔިތުން ސަރުކާރަށް ހުށައެޅި ކަންތަށްތަކަށް ބީރުކަންފަތެއް ދީ ދީނުގެ އަސާސްތަކަށް ފުރައްސާރަކޮށް ރައްޔިތުންނަށް މަލާމަތްކުރުމުގެ ގޮތުން ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތް ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި އެދުވަހު އެމައިދާނުގަ ރައްޖޭގެ ކަންކޮޅުތަކުގައި ތިބެ ދީން ހިމަޔާތްކުރަންޖެހުނު ކޮންމެކަމެއް ކުރުމަށް އެއްވި މީހުން ހުވާކޮށްގެން ތިބިކަން ވެސް ވަނީ ފާހަކޮށްފަ އެވެ.

އަށް ގަޑި އިރުވަންދެން ސުނާމީ ބިނާ ސަރަހައްދުގައި 23 ޑިސެމްބަރުގައިކުރިއަށް ގެންދިޔަ މުޒާހަރާގައި ސަރުކާރަށް ޑިމާންޑް ކޮށްފައި ވަނީ ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމަންޓުތަކުން އައްޑޫ ސިޓީ ތާހިރު ކުރުމަށާއި އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު މައާފަށް އެދިވަޑައިގަތުމަށާއި އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއަލް އިޒްރާއިލް"ގެ ފުލައިޓްތައް ރާއްޖޭގައި ޖެސުމުގެ ހުއްދަ ބާތިލް ކުރުމަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ ބައެއް ހިސާބުތައް ފަޅު ރަށްތަކުގެ ގޮތަށް ނިންމެވި ނިންމުން ބާތިލް ކުރުމަށާއި ހަށި ވިއްކުމަށް ހުޅުވާފައިވާ މަސާޖު ޕާލާތައް ބަންދު ކުރުމަށެވެ.