19 Jul 2020, 20:34
އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕްގެ މެނޭޖިންގް ޑިރެކްޓަރު މ. އެކްސަލް، މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާއެއް، ދަށު ކޯޓުން އަލުން ބެލުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މީގެ ފަސް އަހަރުން ކުރިން 2015 ވަނަ އަހަރު، މުސްތަފާގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލާފައިވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 112 މީހެއްގެ އަތުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގުމަށް ފަހު އެ މީހުން ހައްޖަށް ގެންގޮސްދީފައި ނުވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
މުސްތަފާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލާފައިވަނީ ސަރުކާރުން ދިން ކޯޓާއަށް ވުރެ އިތުރަށް 72 މީހެއްގެ އަތުން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކައަށް ވުރެ ގިނަ ޑޮލަރު އޮޅުވާލައިގެން ނަގާފައިވާ ކަމަށް ބުނެއެވެ.
ކްރިމިނަލް ކޯޓުން 2018 ވަނަ އަހަރު ކުރި ހުކުމުގައި ބުނެފައިވަނީ، ޝަރީއަތުގެ މަޖިލީހުގައި މުސްތަފާ ދެއްކެވި ވާހަކަތަކަށް ބާރުލިބޭ ގޮތަށް ދިފާއީ ހެކިން ހެކިބަސް ދީފައިވާ ކަމަށާއި އެކަން ނަފީކުރުމަށް ދައުލަތުން އެއްވެސް ހެއްކެއް ގަރީނާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، މިއަދު ކުރި ހުކުމުގައި ވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ މުސްތަފާގެ މައްޗަށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށްފަ އެވެ.
"މި މައްސަލައިގައި މުޞްޠަފާ މުޙައްމަދު ދީދީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ބުނެވުނު ފަދައިން މުޞްޠަފާ މުޙައްމަދު ދީދީ ބައެއްގެ އަތުން ފައިސާ އަތުލައި އެފައިސާއިން ކުރަން ބުނި ކަންކަން ކޮށްނުދީ އެ ފައިސާ ބޭނުންކުރީ ކަމަށް
ބުނަމުންނެވެ. މިހެންކަމުން މުޞްޠަފާ މުޙައްމަދުދީދީ ކުރިކަމަށް އެބުނާ ޢަމަލު ދައުލަތުން ސިފަ ކޮށްދީފައިވާ ގޮތުން ޓެކުމުގެ ކުށާއި މަކަރާ ޙީލަތުގެ ކުށުގެ ތެރެއިން އެ އަމަލު ވަދެގެންދަނީ ޓެކުމުގެ ތެރެއަށެވެ،" ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.
މުސްތަފާ ކޮށްފައިވާ ކަމަށް ތުހުމަތުކުރާ އަމަލު ޤާނޫނުގައި ބަޔާންކޮށްފައިވާ ޓެކުމުގެ މާނައިން ބޭރުވެ މަކަރާ ޙީލަތުގެ މާނައިގެ ތެރެއަށް ވަންނަ ގޮތެއް
ސާފުކޮށްދެވިފައިނާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
"މިހެންކަމުން ކްރިމިނަލް ކޯޓުގެ ނަންބަރު 2015/C-Cr/630 ޤަޟިއްޔާގައި ދައުލަތުން މުޞްޠަފާ މުޙައްމަދުދީދީގެ މައްޗަށް ހުށަހެޅި މަކަރާ ޙީލަތް ހެދުމުގެ ދަޢުވާގައި ބަޔާން ކުރާ ޢުންސުރުތައް ސާބިތުނުވާތީ މަކަރާ ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ އެ ސަބަބަށްޓަކައި ސާބިތު ނުވާކަމަށް ނިންމި ނިންމުމުގައި ގޯހެއް ނެތެވެ،" އެހުކުމުގައި ބުނެފައިވެ އެވެ.
ހިޔާނާތްތެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން ވަނީ ބުނެފަ އެވެ. އަދި އެ ދައުވާ ބާތިލްކުރީ އެ މައްސަލާގައި ކުރި ތަހުގީގަކީ ބާތިލު ތަހުގީގެއް ކަމަށް ކަނޑައެޅުމަށް ފަހު ކަމަށާއި ނަމަވެސް ހިޔާނާތުގެ އުންސުރުތައް ފުރިހަމަ ވޭތޯ އެ މައްސަލާގައި ދަށު ކޯޓުން ބަލާފައި ނުވާ ކަމަށެވެ.
އެހެންކަމުން ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މުސްތަފާގެ މައްޗަށް ކުރި ހިޔާނާތްތެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުން އަލުން ބެލުމަށެވެ.
"ގާނޫނު ނަންބަރު 3232/33(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ކުރިމިނަލް ކޯޓުގެ ނަންބަރު 2015/C-Cr/631 ޤަޟިއްޔާ އަލުން ބަލައި ފައިސަލާކުރަނިވި ޙުކުމެއް ކުރުމަށްޓަކައި ކުރިމިނަލް ކޯޓުގެ ނަންބަރު 2015/C-Cr/631 ޤަޟިއްޔާ އެކޯޓަށް ތަޙްވީލުކޮށް އެގޮތުގެ މަތިން މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފީމެވެ،" ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.
ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ހައްޖަށް ނުގެންދިޔަ މައްސަލައިގައި ފުލުހުން މުސްތަފާ ހައްޔަރުކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ފުލުހުން ވަނީ މުސްތަފާ ދޫކޮށްލާފައެވެ.
ފަތުހު ޖަމާއަތަށް ސަރުކާރުން ދޫކުރި 125 މީހުންގެ ކޯޓާއަށް ވުރެ އިތުރަށް މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް ގެންގޮސްދީފައިނުވުމުން އެ ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ސަރުކާރުގެ ޚަރަދުގައި ވަނީ ހައްޖަށް ފޮނުވާފައެވެ.