ކުވައިތު (19 ޖުލައި 2020) : ކުވައިތުގެ އަމީރު ޝައިޚް ސަބާހުލްއަހްމަދުއްސަބާޙް އަށް ކުރިމަތިވި އާލާސްކަންފުޅަކާ ގުޅިގެން ކުއްލި އޮޕަރޭޝަނެއް ކުރައްވައިފި ކަމަށާ އެއޮޕަރޭޝަން ކާމިޔާބު ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ކުވައިތުގެ އަމީރުގެ އޮފީސް "ދީވާނުއްޝުއޫނުލްއަމީރީ" އިން ބުނީ އޮޕަރޭޝަނަށްފަހު އަމީރު ޝައިޚް ސަބާހުލްއަހްމަދުގެ ހާލުކޮޅު ރަނގަނޅުވެ ހަމައަކަށް އެޅިފައިވާ ކަމުގައެވެ. އަމީރުގެ އޮޕަރޭޝަން ކޮށްފައިވަނީ ކުވައިތުގެ ހޮސްޕިޓަލެއްގައި ކަމަށާ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި ކުވައިތުގެ އާންމު ރައްޔިތުންގެ ފަރާތުން އަމީރަށް ހަމްދަރުދީގެ މެސެޖްތައް ލިބެމުންދާކަމަށް "ދީވާނުއްޝުއޫނުލްއަމީރީ" ގެ ފަރާތުން ނެރުނު ބަޔާނެއް ބުނެއެވެ. ނަމަވެސް އަމީރުގެ ބައްޔާބެހޭ އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.

ކުވައިތުގެ ރަސްމީ ނޫސްއެޖެންސީން މިދިޔަ ހޮނިހިރު ދުވަހުވަނީ ރޫޓިން މެޑިކަލް ޗެކްއަޕެއް ހެއްދުމަށްޓަކައި އަމީރު އެގައުމުގެ ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އަމީރު ހޮސްޕިޓަލްގައި އެނދުމަތި ކުރުމާއެކު އޭނާގެ ވެރިކަމުގެ ބާރުތައް ވަލީއުލްއަހްދު ނުއްވާފުލްއަހްމަދާ ވަގުތީގޮތުން ހަވާލުކޮށްފައިވާކަންވެސް އަމީރުގެ އޮފީސްކަމަށްވާ "ދީވާނުއްޝުއޫނުލްއަމީރީ" އާ ހަވާލާދީ ކުވައިތުގެ ރަސްމީ ނޫސްއެޖެންސީން ބުނެފައިވެއެވެ.

އުމުރުފުޅުން 91 އަހަރުގެ ޝައިޚް ސަބާހު އަކީ މުސްކުޅި ބަލީގައި އުޅުއްވާ ބޭފުޅެއްކަމުން ވަރަށް ގިނައިން އޭނާ މެޑިކަލް ޗެކްއަޕްތައް ހައްދަވައެވެ. މިދިޔައަހަރުގެ އޮކްޓޯބަރު މަހު އެމެރިކާއަށް ވަޑައިގެންވެސް އަމީރު ޝައިޚް ސަބާހު މެޑިކަލް ޗެކްއަޕް ތަކެއް ހައްދަވާފައި ވެއެވެ.

16 ޖޫން 1929 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޝައިޚް ސަބާހަކީ ކުވައިތުގެ ދައުލަތުގެ 15 ވަނަ އަމީރެވެ. އަމީރުކަމާ ޝައިޚް ސަބާހް ހަވާލުވެވަޑައިގެންނެވީ 29 ޖެނުއަރީ 2006 ގައެވެ. އެއީ ކުރީގެ އަމީރު ޝައިޚް ޖާބިރުލްއަހްމަދުއްސަބާޙް އަވަހާރަ ވުމާ ގުޅިގެންނެވެ. އޭގެކުރިން ޝައިޚް ސަބާހް ކުވައިތުގެ ވަލީއުލްއަހްދުކަންވެސް ކުރެއްވިއެވެ. ނަމަވެސް އެންމެ ދިގު މުއްދަތަކަށް އޭނާ ހުންނެވީ ކުވައިތުގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައެވެ. ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި 40 އަަށްވުރެ ގިނަ އަހަރު ހޭދަ ކުރައްވާފައިވެއެވެ. އަރަބި ގައުމުތަކުގެ އިސް ވެރިންގެ ތެރެއިން މިހާރު އުމުރުން އެންމެ ދޮށީ ބޭފުޅަކީވެސް ކުވައިތުގެ އަމީރު ޝައިޚް ސަބާހުލްއަހްމަދެވެ.

ޝައިޚް ސަބާހް ގެ ހަތަރު ދަރިކަލުން ތިއްބަވައެވެ. އެއީ ތިން ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ. (ކުވައިތު ނޫސްއެޖެންސީ)