19 Jul 2020, 14:48
ކޮވިޑް19ގެ ހާލަތުގައި ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ޕާމިޓްގައި އަންނަ މީހުން އަދި އެމީހުންގެ ޑިޕެންޑެންޓުން މާލެ އައިސް ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށް ކަނޑައަޅައިފި އެވެ.
އެޗްޕީއޭ އިން މިއދު ވަނީ ގޭގައި ކަރަންޓީނުވުމުގެ އުސޫލު އިސްލާހުކޮށް އާންމުކޮށްފަ އެވެ. އެ އިސްލާހުގައި ބުނާގޮތުން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާ އޮންނަ މީހުން އަދި އެމީހުންގެ ޑިޕެންޑެންޓުން ހާލު ބެލުން ޕޯޓަލްގައި ރެޖިސްޓްރީ ވާން ޖެހޭނެ އެވެ. އަދި ޕޯޓަލް މެދުވެރިކޮށް ކަރަންޓީނުވުމަށް އެދެން ޖެހޭނެ ކަމަށާއި ކަރަންޓީނުވާނީ އަމިއްލައަށް ކަނޑައަޅާ ތަނެއްގައި ކަމަށް ބުނެފައިވެ އެވެ.
މީގެ ކުރިން މިމަހުގެ 14 ވަނަ ދުވަހު އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލު ބުނާގޮތުން، ރާއްޖެއިން ބޭރުން އައިސް މާލޭގައި ތިބޭ މީހުންގެ ތެރެއިން ދިވެހިންނާއި ވޯކް ވިސާ އޮންނަ މީހުން އަދި އެމީހުންގެ ޑިޕެންޑެންޓުން ހޯމް ކަރަންޓީނުގައި ތިބުމަކީ ރައްކާތެރިކަމުގެ ގޮތުން ކުރުން ބޭނުން ކަމެކެވެ. އޭރު، ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން މާލޭގައި ތިބޭ މީހުން ހޯމް ކަރަންޓީނުވުން ލާޒިމެއް ނޫނެވެ.
މިއީ ރައްކާތެރިވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރާ ކަމެއްކަމަށް އޭރު އާންމުކުރި އުސޫލުގައިވެ އެވެ.
ނަމަވެސް މިއަދު އާންމުކުރި އުސޫލުގައިވާގޮތުން އެމީހެއް އަމިއްލަ އަށް ކަނޑައަޅާތަނެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި އެމީހަކު ކަރަންޓީނުން ދޫކޮށްލާނީ ޓެސްޓުކޮށް، ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ކަމަށް އުސޫލުގައި ބުނެ އެވެ.
މީގެ ކުރިން އުސޫލު އޮތްގޮތުން ނަމަ، މާލޭގައި ކަރަންޓީނުވާ މީހުން ކަރަންޓީނު މުއްދަތު ހަމަވުމުން އަމިއްލަ އަށް ފްލޫ ކްލިނިކަމަށް ގޮސް ޓެސްޓު ހަދަން ޖެހެ އެވެ.
މާލެ ފިޔަވައި އެހެން ރަށްރަށަށް ކަރަންޓީނަށް ދިޔުމުގެ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
މާލޭގައި ކަރަންޓީނު ކުރުމުގެ އުސޫލު ހަރުކަށިކޮށްފައި މިވަނީ ރާއްޖޭގެ ބޯޑަރު މިމަހުގެ 15 ގައި ހުޅުވާލާ، ބޭރުގައި ތިބި ދިވެހިންނަށް ރާއްޖެ އާދެވޭނެ މަގު ފަހިވެފައި ވަނިކޮށެވެ.
ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފުރަބަންދަށް މިމަހުގެ އެކަކުން ފެށިގެން ދީފައިވާ ލުއިތަކާއެކު ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ އިތުުރުވަން ފަށައިފަ އެވެ. ފިޔަވަޅުތަކާއެކު މީގެ ކުރިން 10 އާއި 15 އާއި ދެމެދުގެ އަދަދަކަށް ޕޮޒިޓިވްވި ނަމަވެސް މިދިޔަ ހަފްތާ އިން ފެށިގެން މިއަދަދު ވަނީ 40 އާއި 60 އާއި ދެމެދަށް އުފުލިފައެވެ. އަދި އެއްވެސް ކޭސް އަކާ ގުޅުން ނެތް ކޭސްތައް ފެންނަމުންދާ މިންވަރުވެސް ވަނީ އިތުރުވާން ފަށައިފަ އެވެ.
ރާއްޖޭގައި މިހާތަނަށް 2.930 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. ބަލިން ރަނގަޅުވެފައިވަނީ 2354 މީހުންނެވެ. ބަލީގައި މިހާތަނަށް 15 މީހަކު މަރުވެފައިވެ އެވެ.