19 Jul 2020, 14:42
ކޮވިޑްގެ ނުރައްކަލާއެކު، އެޅި ފިޔަވަޅުތަކަށް ލުއި ދިނީ، މިމަހު އެއްވަނަ ދުވަހު އެވެ. އެތަށް ދުވަހަކު ގޭގައި ބަންދުވެގެން ތިބުމަށްފަހު، ދިން ލުއިތަކާއެކު، ބަލީގެ ނުރައްކާ ދިޔައީކަމަށް ބައެއް މީހުންނަށް ހީވާކަހަލެވެ. މަގުމަތިން ފެންނަނީ ވެސް އެ މަންޒަރެެވެ. އެންމެންގެ ސަލަމާތާއި ރައްކާތެރިކަމަށްޓަކައި ގައިދުރުކަމާއެކު، އާ އާންމު ހާލަތެއްގައި ދިރިއުޅެން މަޖުބޫރުވެފައިވާ މި ދަނޑީވަޅުގައި އަދިވެސް ދިވެހިން އެ އާންމު ހާލަތައް ފިޓުވާކަށް ނޫޅެ އެވެ. ލުއިތައް ދިންތާ މާކަ ގިނަ ދުވަހެއް ނުވަނީސް، ކޮވިޑް ކޭސްތައް މިދަނީ މައްޗަށެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ނަންބަރުތަކުން ބުނެދޭ ވާހަކަ އަކީ، ނުރައްކަލުގެ ރަގަބީލެވެ.
ލުއިތައް ދިން ފަހުން މިއަދަށް 18 ދުވަސްވީ އިރު، މިހާތަނަށް 569 ކޭސް މިވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 70 ޕަސެންޓަކީ ދިވެހިންނެވެ. ލުއިތަކަށް ފަހު، ބިދޭސީންނަށްވުރެ ގިނައިން ބަލި ޖެހިފައި މިވަނީ، ދިވެހިންނަށެވެ. މި ހިސާބުން އެނގެނީ، ދިވެހިން އަދިވެސް ކަމުގެ ސީރިއަސްކަން ނެތްވަރެވެ. އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމެވެ.
އެންމެ ފުރަތަމަ މާޗު ހަތް ވަނަ ދުވަހު ރާއްޖެއިން ފެނުނު ކޮވިޑް ކޭސްއާއެކު، މިހާތަނަށް ރާއްޖެއިން ފެނުނު ޖުމްލަ ކޭސްގެ އަދަދަކީ، 2،930 އެވެ. އެއީ ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ފެނުނު ކޭސްތަކުގެ އަދަދެވެ. އޭގެ ތެރޭގައި 20 ޕަސަންޓު ކޭސްއަކީ، މިވީ 18 ދުވަހު ތެރޭ އެކަނި ފެނުނު ކޭސްތަކެވެ. ނިސްބަތުން ބަލާއިރު، އެއީ ބޮޑު އަދަދެކެވެ.
ފުރަބަންދާ ގުޅިގެން ގިނަ ބަޔަކު ގޭ ބަންދުގައި ތިބެން ޖެހުމުން ކޮންޓެކްޓް ބަބުލް ނުވަތަ ޕޮޒިޓިވްވާ މީހަކާ ދިމާވާ މީހުންގެ އަދަދު މަދުކުރެވުނެވެ. ނަމަވެސް ލުއިތަކާއެކު އެ އަދަދު އިތުރުވާނެ ކަން ކަށަވަރެވެ. އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ސަމާލުކަން ނުދީފި ނަމަ، ފެންނަ ކޭސްތައް އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތެވެ.
އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ކޭސްތައް މައްޗަށް، ސަމާލުވޭ!

މެއި 24، 2020: "ތޫފާނު"ގެ ތެރެއިން އައި ހިމޭން ފިތުރު އީދު 1441 -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮވިޑްގެ މައި މަރުކަޒު، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓެކްޓިނިކަލް އެޑްވައިޒަރީ ގުރޫޕުގައި އިސްކޮށް އުޅުއްވާ، ޑރ. އަހްމަދު ޝަހީދު ވިދާޅުވި ގޮތުގައި، ފުލޫގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަދަދު މިހާރު ގިނަ އެވެ. އަދި އެއާއެކު އަންލިކްޑް ކޭސް ނުވަތަ އެއްވެސް ޕޮޒިޓިވް ކޭސްއަކާ ގުޅުމެއް ނެތް ކޭސްތައް އިތުރުވެގެންދާ ކަމަށް ޑރ. ޝަހީދު ފާހަގަ ކުރެއްވި އެވެ.
ޑރ. ޝަހީދު ހިއްސާ ކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ފުލޫ ކްލިނިކަށް ދައްކައިގެން ޓެސްޓް ކުރާ ސާމްޕަލްތަކުގެ ތެރެއިން އާންމުކޮށް ޕޮޒިޓިވްވަނީ ފަސް ޕަސެންޓެވެ. ނަމަވެސް ފުރަބަންދުގެ ލުއިތަކާއެކު ނިމިދިޔަ ހަފްތާގައި އެ އަދަދު ނުވަ ޕަސެންޓަށް މައްޗަށް ގޮސްފަ އެވެ. އެވެސް ކޭސްތަކާ ގުޅުމެއް ނެތް ކޭސްތަކުގެ އަދަދު ހުރީ މިދިޔަ ހަފްތާގައި 33 ޕަސެންޓުގަ އެވެ.
"ނިމިގެން ދިޔަ ހަފްތާގެ ސްޓެޓިސްޓިކްސްތަކަށް ބަލާލައިފިއްޔާ އަޅުގަނޑުމެންނަށް ފާހަގަ އެބަކުރެވޭ ފުލޫ ކްލިނިކުތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްސް ފެންނަ އަދަދު މިވަނީ މައްޗަށް ގޮސްފައި ކުރީގެ ހަފްތާތަކާ އަޅާ ބަލާއިރު... އަންލިންކްޑް ކޭސްތައްވެސް މިހުރީ ފުދޭވަރަަކަށް މަތީގައި،" ޑރ އަހުމަދު ޝަހީދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވާހަކަ ދައްކަަވަނީ --- ފޮޓޯ/ އެޗްއޯއީސީ
އޭނާ ވިދާޅުވީ، ފުލޫ ކްލިނިކުން ޕޮޒިޓިވްވާ މީހުންގެ އަދަދުގެ އިތުރުން، އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން މީގެ ތިން ހަފްތާ ކުރިއާ އަޅާ ބަލާއިރު ރާއްޖޭގެ ޑަބްލިން ޓައިމްވެސް އިތުރުވަމުން އަންނަ ކަމަށް ޑޮކްޓަރު ޝަހީދު ފާހަގަ ކުރެއްވި އެވެ. ޑަބްލިން ޓައިމްއަކީ، ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ އަދަދު ދެގުނަވުމަށްޓަކައި ހޭދަވާ ދުވަހެވެ.
"ގްރާފަށް ބަލާއިރު، މީގެ ތިން ހަފްތާ ކުރިން ޑަބަލިން ޓައިމް ހުރީ 116 ގައި. މިހާރު 39 ދުވަސް، ޑަބަލިން ޓައިމް ކުރުވާ ވަރަކަށް މީގެ މާނައަކީ ބަލި ފެތުރޭ މިންވަރު އަވަސްވަހޭ މުޖްތަމައު ތެރޭގައި، "ޑރ. ޝަހީދު ވިދާޅުވި އެވެ.
މި ނަންމަބަރުތަކުންވެސް ބުނެދެނީ، މިހާރު މާލޭގައި މި ވައިރަސް އަދިވެސް ވަކިހިއްޕާލާފައިވާ މިންވަރެެވެ. އަދިވެސް މިހާރަށްވުރެ އާންމުން ފަރުވާތެރިކަން ބަހައްޓަން ޖެހޭ ކަމެވެ. އެ ވައިރަސް ފެތުރެމުން ދާ ގޮތުގެ ނަމްބަރުތަކުން ފެންނަ ކަންބޮޑުވުމެވެ.
ކުރަންވީ ހަަތަރު ކަމެއް!
ޑރ. ޝަހީދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި އަދަދުތައް އިތުރުވާ ނަމަ އަޅާފައި ހުރި ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭނެ އެވެ.
ހަމަ ގައިމުވެސް ގިނަ ދިވެހިން އަނެއްކާވެސް ގޭ ބަންދަކަށް ދާން ބޭނުން ނުވާނެ އެވެ. ލައްކަ ދުވަހު ވޭނާ ކެކުޅުމުގައި އުޅެފި އެވެ. އަނބުރާ ގޭބަންދަކަށް ނުދިޔުމަށް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް މިހާރަށްވުރެ ފަރުވާ ތެރިވާން އެބަ ޖެހެ އެވެ. މިއީ ސިއްހީ މާހިރުންގެވެސް އާދޭހެވެ.
މި ނަންބަރުތަކުގެ ކަންބޮޑުވުމާއެކު، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ހުރިހާ އެންމެންނަށްވެސް ހަނދާންކޮށްދެއްވީ ހަތަރު ކަމެއް ކުރަމަށެވެ. އެއީ ބަލިން ރައްކާތެރިވުމުގެ ގޮތުން، އާދޭހާއެކު ޑރ. ނަޒްލާ އެދިވަޑައިގެންނެވި އެވެ.
"ފުރަތަމަ ކަމަކީ، މާސްކު ރަނގަޅަށް އެޅުން. ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައިގެން ތިއްބެވުން، ވާހަކަ ދެއްކުމަށްވެސް މާސްކު ތިރި ނުކުރެއްވުމަށް އެދެން. އަނގައާއި ނޭފަތާ ރަނގަޅަށް ނިވާ ވާ ގޮތައް މާސްކު އެޅުން. ދެވަނަ ކަމަކީ، ގައިދުރުކުރުން އިސްކުރުން. ތިން ވަނަ ކަމަކީ، ރަނގަޅަށް އަތް ސާފު ކުރުން. ހަތަރު ވަނަ ކަމަކީ، އަލާމާތެެއް ހުރި ނަމަ، ބޭރަށް ނުނިކުމެއް، އެކަން ވީހާވެސް އަވަހަކަށް ރިޕޯޓުކޮށް، ޑޮކްޓަރަށް ދެކުން،" ރޭގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައްވަމުން ޑރ. ނަޒްލާ ވިދާޅުވި އެވެ.