ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ، ކަނޑު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައި ވާތީ، ގަދަ ވަޔާއި އުދައިގެ ސަބަބުން ލިިބިދާނެ ގެއްލުންތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ އިން އިލްތިމާސް ކޮށްފި އެވެ.

ޑިޒާސްޓާ އިން ބުނީ ވަޔާއި ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މެޓުން ލަފާކޮށްފައިވާ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ޑިޒާސްޓާއިން ބުނީ މޫދާ ކައިރީ ހުންނަ ގޭގޭގެ ދޮރުމަތީ، ވެލިބަސްތާ ޖަހާ ފެން ނުވަންނާނެހެން ހެދުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ގޭތެރޭ ފެންބޮޑުވެއްޖެނަމަ މުދަލަށް ގެއްލުން ނުވާނެހެން ފެން ނުޖެހޭ ތަންތަނަށް މުދާ ބަދަލު ކުރުމަށް ވެސް އެ އޮތޯރިޓީ އިން އިލްތިމާސްކުރެ އެވެ.

މީގެ އިތުރުން ވައި ގަދަވެ، ގޭގެ ފުރާޅު އެއްލައިލަފާނެ ކަމަށް ލަފާކުރެވޭ ނަމަ، ކުރިއާލާ ވަލެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާނެ ގޮތަކަށް ހައްޔަރު ކުރުމަށާއި ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ އެހެން ތަކެތި ވެސް ރަނގަޅަށް ބަނދެ ހައްޔަރު ކުރުމަށް ޑިޒާސްޓާ އިން އިލްތިމާސް ކުރެ އެވެ.

މީގެ އިތުރުން ބޭނުން ނުކުރާ ނަމަ އިލެކްޓްރިކް ތަކެތި ނިއްވާލާފައި ބެހެއްޓުމަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އެ އިދާރާ އިން އިލްތިމާސް ކުރެއެވެ. ދަތުރަށް ފުރާއިރު މުވާސަލާތީ ނިޒާމު ފުރިހަމަތޯ ޔަގީން ކުރުމަށްވެސް އެ އިދާރާ އިން އިލްތިމާސް ކުރެއެވެ.

ވިއްސާރަވެ، މޫސުން ގޯސްވާނެތީ މެޓުން ވަނީ ހއ. އިން ފެށިގެން ހައްދުންމައްޗާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ.