05 Jan 2012, 14:47
ވީބީ ސްޕޯޓްސް ކުލަބްގެ ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ކުރިއަށް އޮތް ސީޒަންގައި އީގަލްސްއަށް ކުޅުމަށް ސޮއިކޮށްފި އެވެ. ބަކާ އީގަލްސްއަށް ސޮއިކޮށްފައި ވަނީ ހަ ލައްކަ ރުފިޔާ އަށެވެ. އެކަން ވަނީ އީގަލްސްގެ އިސް އޮފިޝަލް މިއަދު ސަންއަށް ކަށަވަރު ކޮށްދީފައެވެ.
މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު އަގުގައި ކްލަބް ބަދަލު ކުރި ކުޅުންތެރިޔާ އެވެ.
އީގަލްސްގެ އޮފިޝަލު ވިދާޅުވީ، ސީޒަން ފެށެން ވާއިރަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުލަބުން ކުރަމުން އަންނައިރު، އެންމެ ފަހުން ކްލަބާ ގުޅުނު ކުޅުންތެރިޔަކީ ބަކާ ކަމަށެވެ.
ބަކާ އީގަލްސްއަށް ސޮއި ކޮށްފައި ވާއިރު، އޭނާ ހޯދުމަށް ވީބީ އާއި ވިކްޓަރީން ވެސް މަސައްކަތް ކުރި އެވެ.
މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ބަކާ ވީބީގައި ހުރީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. އެހެން ނަމަވެސް މިއަހުގެ ސީޒަންގައި އީގަލްސްއަށް ކުޅުމަށް ބަކާ ސޮއިކޮށްފައި ވަނީ ކިތައް އަހަރަށް ކަމެއް އަދި މުޅިން ވަނީ ސާފުވާ ގޮތް ނުވެ އެވެ.
މި އަހަރުގެ ސީޒަން ފަށަންވާއިރަށް ކުލަބްތަކުން މަޝްހޫރު ކުޅުންތެރިން ހޯދާ ދަނޑިވަޅުގައި އީގަލްސްއިން ވަނީ ރާއްޖޭގެ މަޝްހޫރު ކުޅުންތެން ހޯދައި، ސްކޮޑް ވަރުގަދަ ކޮށްފައެވެ. އެގޮތުން ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީއާއި މުޚުތާރު ނަސީރުފަދަ ކުޅުންތެރިން ވަނީ އީގަލްސްއާ ގުޅިފަ އެވެ.