އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ 2-0ގެ ނަތީޖާ އަކުން ބަލިކޮށް އެމުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި މުބާރާތުގެ ރޭ ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ސިޓީގެ މައްޗަށް އާސެނަލް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އާސެނަލް މުބާރާތުގެ ފައިނަލަށް ދަތުރުކުރި 21 ވަނަ ފަހަރެވެ. އާސެނަލުން ވަނީ މިހާތަނަށް 13 ފަހަރަކު އެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މިކެލް އާޓެޓާ އާސެނަލްގެ ކޯޗު ކަމާއި ހަވާލުވުމަށް ފަހު ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އިރު މިފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެގޮތުން މި ސީޒަނުގައި އެންމެ މޮޅަށް ކުޅެމުން އައި ލިވަޕޫލުގެ އަމިއްލަ ދަނޑުގައި އެ ޓިމު 1-2 އިން މިދިޔަ ހަފުތާގައި އާސެނަލުން ވަނީ ބަލިކޮށްފަ އެވެ.

ލީގުގެ ގަދަ ހަތަރެއްގެ އުންމީދު އާސެނަލަށް ގެއްލިފައި އޮތް ނަމަވެސް އެފްއޭ ކަޕުގައި އެ ޓީމުން ރޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ މެޗުގައި އާސެނަލުން ޖެހި ދެ ގޯލު ވެސް ގޭބޮންގެ ހުނަރުވެރި ފޯވާޑް ޕިއޭ-އެމެރިކް އޮބަމިޔަން އެވެ.

އޭނަގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ 19 ވަނަ މިނިޓްގަ އެވެ. ނިކޮލަސް ޕެޕޭ ނަގައިދިން ހުރަހަކުން އޮބާމަޔަން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ފުރަތަމަ ހާފުގައި ސިޓީން އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. އާސެނަލް ޑިފެންސް ލައިނުގައި ރޭ ސިޓީ ހުއްޓުވަން އެންމެ ރަނގަޅަށް ކުޅުނީ ޑޭވިޑް ލުއިޒް އެވެ.

އާސެނަލް އަތުން ސިޓީ ބަލިވި އިރު، މިއީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ފަހު އިނގިރޭސި ކަޕް މުބާރާތަކުން ސިޓީ ކެޓި ފުރަތަމަ ފަހަރެވެ. ސިޓީ ވަނީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގާއި، ލީގު ކަޕް އަދި އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ. އެކަމަކު މި ސީޒަނުގައި ސިޓީއަށް ކާމިޔާބުކުރެވުނީ ލީގު ކަޕް އެކަންޏެވެ.

އާސެނަލާ ދެކޮޅަށް ފައިނަލުގައި ނުކުންނަ ޓީމެއް އެނގޭނީ މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީއާ ކުޅޭ ދެ ވަނަ ސެމީ މެޗުންނެވެ. މި ދެޓީމު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 10:00 ގަ އެވެ.