ލަންޑަން (ޖުލައި 19): ފާއިތުވި 24 ގަޑި އިރު ތެރޭ ދުނިޔެއިން އަނެއްކާވެސް ރެކޯޑު އަދަދަކަށް މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި އިއްޔެ ދުނިޔެއިން 259،848 މީހަކު ވަނީ ކޮރޯނާވަހައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އެއީ 24 ގަޑި އިރު ތެރޭ 250،000އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނު ފުރަތަމަ ފަހަރެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ ހުކުރު ދުވަހުވެސް ދުނިޔެއިން ރެކޯޑު އަދަދަކަށް މީހުން ވައިރަހަށް ޕޮޒިޓިވްވި ކަމަށެވެ. އެއީ 237,743 މީހުންނެވެ.

އިއްޔެ ފެނުނު ވައިރަހުގެ ކޭސްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޭސްތައް ފެނިފައި ވަނީ އެމެރިކާ، ބްރެޒިލް، އިންޑިއާ އަދި ދެކުނު އެފްރިކާއިންނެވެ. އޭގެ ތެރެއިން ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމު ކަމަށްވާ އެމެރިކާގައި މިހާތަނަށް 3.7 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 140.000އަށް ވުރެ އިތުރުވެފަ އެވެ.

މީގެ އިތުރުން އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު އެއް މިލިއަނަށް އަރާފައިވާ އިރު ބްރެޒިލްގެ އެ އަދަދު ދެ މިލިއަނަށް އަރާފައި ވެއެވެ. އަދި ދެކުނު އެފްރިކާއަކީ، މިހާރު ވައިރަހުގެ 350,879 ކޭސްއާ އެކު، އެފްރިކާ ބައްރުގައި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ.

ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު 14.2 މިލިއަނަށް އަރާފައިވާ އިރު އޭގެ ތެރެއިން 7.9 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ބަލީގައި 602,138 މީހަކު ވަނީ މަރުވެފަ އެވެ.