އެމެރިކާގެ ސިލިލް ރައިޓްސް ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވި އެއް އެކްޓިވިސް ޖޯން ލެވިސް އަވަހާރަވެއްޖެ އެވެ.

އޭނާ އަވަހާރަވީ އުމުރުން 80 އަހަރުގަ އެެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވް ނެންސީ ޕެލޯސީ ވިދާޅުވީ ޖޯންއަކީ މުޅި އެމެރިކާގައި އުފެދުނު އެންމެ ވަރުގަދަ އެއް ބަތަލު ކަމަށެެެވެ.

ޖޯންއަށް މިދިޔަ އަހަރު ވަނީ ޕްރޮސްޓޭޓް ކެންސަރު ޖެހިފަ އެެވެ.

ޖޯން އަވަހާރަވިއިރު ސިވިލް ރައިޓްސްގެ ހަރަކާތުގައި އިސްކޮށް އުޅުއްވި އެހެން އެކްޓިވިސްޓެއް ކަމަށްވާ ރިވް ސީޓީ ވިިވިއަންވެސް މިދިޔަ ހުކުރު ދުވަހު ވަނީ އަވަހާރަވެފަ އެވެ.

އަވަހާރަކޮށްލައިފައިވާ އެމެރިކާގެ މަޝްހޫރު ސިވިލް ރައިޓްސް އެކްޓިވިސްޓް ޑރ. މާޓިން ލޫދާ ކިންގްއާއެކު އިސްކޮށް އުޅުއްވި ހަ ލީޑަރުންގެ ތެރޭގައިވެސް ޖޯން ހިމެނިލައްވަ އެވެެ. އަދި އޭގެ ތެރެއިން އެންމަ ފަހުން އަވަހާރަވީވެސް ޖޯން އެވެެ.

ޖޯން ބޮޑަށް ފާހަގަވެފައިވަނީ އެމެރިކާގެ ސެލްމާގެ އެޑްމަންޑް ޕެޓަސް ބްރިޖްގައި ހިނގި "ބްލަޑީ ސަންޑޭ މާޗް"ގެ މުޒާހަރާތަކުގެ ތެރެއިން އެވެ. އެ މުޒާހަރާގައި ބައިވެރިވި 600 މީހުން ލީޑް ކުރުމުގައި އޭނާ އުޅުއްވި އެވެެ.

ސުލްހަވެރި އެ އެއްވުމުގައި ހިންގަވާފައި ދަނިކޮށް ފުލުހުން ވަނީ ޖޯން ބިންމައްޗަށް ވައްޓާލައި އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފަ އެެވެ. އެ އަނިޔާތަކުގެ ސަބަބުން އޭނާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލި އެވެ. ފުލުހުންގެ އަނިޔާވެރި އަމަލުތައް ޓީވީން ދެއްކުމުން އެމެރިކާގެ ދެކުނުގައި އޮތް ނަސްލީ ތަފާތުކުރުންތައް ވަރަށް ބޮޑަށް ހާމަވި އެެވެ.

އެ ހާދިސާއަށް މާގިނަ ދުވަސްތަކެއް ނުވަނީސް އެމެރިކާގެ ރައީސް ލިންޑަން ޖޯންސަން ވަނީ ވޯޓިން ރައިޓްސް އެކްޓް ކޮންގްރެސްއަށް ހުށަހަޅުއްވައި އެފްރިކަން އެމެރިކަން ދަރިކޮޅުގެ މީހުންނަށް ވޯޓު ލެވޭނެގޮތަށް ގާނޫނު ފާސްކޮށްފަ އެވެެ. -- އޭޕީ