ނިޔުޔޯކް (19 ޖުލައި 2020) : ފާއިތުވި 4 މަސްތެރޭގައި ކޮވިޑް-19 ގެ ސަބަބުން 100 މިލިއަން މީހުން ފަގީރުންގެ ލިސްޓަށް އަރައިފި ކަމަށް އދ. ން ބުނެފިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނިއޯ ގްޓަރެޒް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން 100 މިލިއަން މީހުން ފަގީރު ހާލަތަށް ގޮސްފައިވާކަން އދ.ގެ ކަމާބެހޭ އިދަރާތަކުގެ ސާވޭތަކުންނާއި ގައުމުތަކުން އދ. އަށް ފޮނުވާފައިވާ ތަފާސްހިސާބުތަކުން ސާފުވާކަމުގައެވެ.

ކޮވިޑް-19 ފެތުރިގެން ދިޔައީ ފަގީރުކަން ނައްތާލުމަށް ދުނިޔޭގެ ގައުމުތަކުން ގިނަ ޕްރޮގްރާމްތަކެއް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދަނިކޮށްކަން ފާހަގަކުރައްވަމުން ގްޓަރެޒް ވިދާޅުވީ ކޮވިޑް ރޯގާގެ ސަބަބުން މިކާމިޔާބީތައް ގެއްލިގެންގޮސްފައިވާ ކަމުގައެވެ. އަދި ކޮވިޑްގެ ސަބަބުން ދުނިޔެއަށް އައި އިގްތިސާދީ ހީނަރުކަމާއެކު އިތުރު 100 މިލިޔަން މީހުން ފަގީރުންގެ ކެޓަގަރީއަށް ވަދެފައިވާކަމުގައެވެ.

ގްޓަރެޒް ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު މިވަރުގެ ބޮޑު އިގްތިސާދީ ދަތިތަކެއް ދުނިޔެ ތަހައްމަލް ކުރަންނުޖެހޭ ކަމުގައެވެ. ދެކުނު އެފްރިކާގެ މަޝްހޫރު ޒައީމް ނެލްސަން މަންޑޭލާގެ އުފަން ދުވަހުގެ މުނާސަބާ ފާހަގަ ކުރުމުގެ ބޭއްވި ރަސްމިއްޔާތެއްގައި ދެއްވި ލެކްޗާ އެއްގައި ގްޓަރެޒް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން 100 މިލިއަން މީހުން ފަގީރުންނަށް ވެގެންދިޔައިރު މަދު އަދަދެއްގެ މުއްސަނދިން ގެ މުއްސަނދިކަން އެރޯގާއާއެކު އިންތިހާއަށް ބޮޑުވެ މުއްސަނދިންނާއި ފަގީރުންގެ ފަރަގު އިތުރަށް ބޮޑުވެފައިވާ ކަމުގައެވެ.

ފަގީރުކަން ނައްތާލުމަށް ދުނިޔޭގެ ގައުމުތަކުން ކުރިޔަށް ގެންދިޔަ ޕްރޮގްރާމުތައް ކޮވިޑް-19 ގެ ސަބަބުން ވިއްސި ވިހާލިވެފައިވާއިރު ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަނެވޭނެ ދުވަހެއް ބުނެދޭން ނޭންގޭ ކަމަށްވެސް ގްޓަރެޒް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން 5 ޓްރިލިޔަން ޑޮލަރުގެ އިގްތިސާދީ ގެއްލުމެއް ދުނިޔެެއަށް ކުރިމަތިވެއްޖެ ކަަމަށާ އަންނައަހަރު ކުރީކޮޅު އެރޯގާގެ ވެކްސިނެއް ބަޒާރަށް ނުނެރެވިއްޖެނަމަ 13 ޓްރިލިޔަން ޑޮލަރުގެ ގެއްލުމެއް މިއަހަރުގެ ބާކީ އޮތް 5 މަހާއި އަންނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ގައުމުތައް ތަހައްމަލު ކުރަންޖެހޭނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފައިވެއެވެ. (ރޮއިޓާސް)