މޮސްކޯ (ޖުލައި 19): ރަޝިއާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ޚަބަރަވްސްކް ކްރައިގެ ގަވަރުނަރު ހައްޔަރު ކުރުމާ ގުޅިގެން އޭނާ ދޫކޮށްލުމަށް ގޮވާލާ އެ ސަރަހައްދުގައި އިއްޔެ އެތައް ހާސް މީހުން މުޒާހަރާކޮށްފި އެވެ.

އެ ސަރަހައްދުގެ ސަރުކާރު އޮންނަ ޚަބަރަވްސްކް ސިޓީގައި ބޭއްވި މުޒާހަރާތަކުގައި 15،000 އާއި 50،000އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވި ކަމަށް ރަޝިއާގެ މީޑިއާތަކުން ލަފާ ކުރެ އެވެ. އަދި ފާއިތުވި ހަފްތާ ތެރޭ ކޮންމެ ދުވަހަކުވެސް މުޒާހަރާތައް ބާއްވާފައިވާ ކަމަށާއި އެއީ ޚަބަރަވްސްކްގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާތައް ކަމަށް މީޑިއާތަކުން ފާހަގަ ކުރި އެވެ.

ޚަބަރަވްސްކް ކްރައިގެ ގަވަރުނަރު ސާގެއި ފުރްގާލް ހައްޔަރުކޮށް ވެރިރަށް މޮސްކޯއަށް ގެންދިޔައީ މިމަހުގެ ނުވައެއްގަ އެވެ. ރަޝިއާގެ އިންވެސްޓިގޭޓިވް ކޮމިޓީން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރީ، އޭނާ ގަވަރުނަރުކަމަށް ވުމުގެ ކުރިން ވިޔަފާރިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އިރު، 2004 އާއި 2005އާ ދޭތެރޭ ބަޔަކު މަރާލި ހާދިސާތަކާ އޭނާއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ފުރްގާލް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އޭނާއަށް ތާއިދު ކުރާ މީހުން ވަނީ އޭނާ ހައްޔަރު ކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ޚަބަރަވްސްކްގެ ރައްޔިތުން ވަނީ ފުރްގާލް ގަވަރުނަރު ކަމަށް އައްޔަން ކުރީ އެ މީހުން ކަމަށާއި އެހެންކަމުން އޭނާ ކުށެއް ކުރި ނަމަ، އެ މައްސަލައިގެ ޝަރީއަތް އެ ސަރަހައްދުގައި ބޭއްވުމަށް ގޮވާލާފަ އެވެ.

ރަޝިއާގެ ލިބެރަލް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ފުރްގާލް 2018 ވަނަ އަހަރު ގަވަރުނަރު ކަމަށް އިންތިހާބުވީ އެގައުމުގައި ވެރިކަން ކުރާ ޔުނައިޓެޑް ރަޝިއާގެ މެމްބަރަކާ ވާދަކޮށެވެ. އަދި ފާއިތުވި ދެ އަހަރު ތެރޭ އޭނާ ވަނީ "ރައްޔިތުންގެ ގަވަރުނަރު"ގެ ގޮތުގައި މަޝްހޫރުވެފަ އެވެ. އޭނާ ވަނީ އޭނާގެ އަމިއްލަ މުސާރަ ކުޑަކޮށް، ކުރީގެ ގަވަރުނަރުގެ ދައުރުގައި ގަތް އަގުބޮޑު ޔޮޓެއް ވިއްކާލާ، މުޒާހަރާތައް ބޭއްވުމުން އެއްވުމުގެ ބައިވެރިންނާ ބައްދަލު ކުރައްވާފަ އެވެ.