ކަނޑުފޭރޭ މީހުންކަމަށް ތުހުމަތުކުރެވި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި ސޯމާލިޔާގެ 37 މީހަކު އަބުރާ އެ މީހުންގެ ގައުމަށް ފޮނުވާލުމަށް ތައްޔާރުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގެ މީޑިޔާ އޮފިޝަލު އިރުޝާދާ އަބްދުއްސައްތާރު މިއަދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެކި ފަހަރުމަތިން އަތުލައިގަތް ސޯމާލިޔާގެ 37 މީހަކީ ސޯމާލިޔާގެ ބައެއްކަން ނިއުދިއްލީގައި ހުންނަ އެ ގައުމުގެ އެމްބަސީން ޔަގީންކޮށްދީފައިވާ ކަމަށާއި އެމީހުންގެ ޓްރެވަލް ޑޮކިއުމަންޓް ވެސް މިހާރު ލިބިފައިވާ ކަމަށެވެ.

"މި ކޮޅުގައި އެމީހުން ބޭއްތިއްބުމަކީ ވެސް ފަސޭހަކަމަކަށް ނުވާނެ. އެއީވެސް ހަރަދެއް، އެހެންވެ އަޅުގަނޑުމެން އެމީހުން ފޮނުވާލުމަށް ކުރަންޖެހޭ މަސައްކަތް މިދަނީ ކުރަމުން،" އިރުޝާދާ ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި ސޯމާލިޔާގެ މީހުން މިހާތަނަށް ރާއްޖެއިން ފޮނުވާނުލެވި ތިބީ އެ މީހުންނަކީ ސޯމާލިޔާގެ ބައެއް ކަން އެގައުމުން ޔަގީންކޮށް ނުދީގެން ކަމަށް ސަރުކާރުންވަނީ ބުނެފަ އެވެ.

އެމީހުންގެ އަތުގައި ޕާސްޕޯޓެއް އަދި ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތެވެ.

އިރުޝާދާ ވިދާޅުވީ އެމީހުން އަބުރާ ސޯމާލިޔާއަށް ފޮނުވާލަން ދިމާވާ އެންމެ ބޮޑު ހުރަހަކީ ސޯމާލިޔާގައި މައި ސަރުކާރެއް ނެތި ވަކި ވަކި ސަރުކާރުތަކެއް އޮތުން ކަމަށާއި އެމީހުން ހަވާލުކުރާނީ ކޮން ސަރުކާރަކާއި ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މީހުން ހަވާލުކުރުމަށް ދެ ގައުމުގެ މެދުގައި އެކުލަވާލަން ޖެހޭ އެގްރިމަންޓްގެ ޓްރާފްޓް ނިމި ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށެވެ.

"އެމީހުންނަކީ ސޯމާލިއާގެ އެކި ހިސާބުތަކުން އައިސްފައި ތިބި މީހުން. އެ ގައުމުގައި ވަކި މައި ސަރުކާރެއް ނެތް. އެކި ތަންތަން ކޮންޓްރޯލް ކުރަނީ އެކި ގްރޫޕްތަކުން. އެހެންވީމަ އެ ހުރިހާ އެންމެންނާ އެގްރިމެންޓްގައި ސޮއި ކުރާނީ ތޯ. މިއީވެސް އުފެދޭ ސުވާލެއް،" އިރުޝާދާ ވިދާޅުވި އެވެ.

އެ ހުރަސްތަކާ ހުރެ ސޯމާލިޔާ މީހުން ފޮނުވާލުމުގެ މަސައްކަތުގައި އދ. ގެ އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަން ހޯދަމުން އަންނަ ކަމައްވެސް އޭނާ ވިދާޅުވި އެވެ.

"އެގޮތުން އެމީހުން އެ އާލައިންއަކުން ފޮނުވައެއް ނުލެވޭނެ. އެހެންވެ ވަކިން ބޯޓެއް ގެނެސްގެން ފޮނުވާލަން މަސައްކަތް ވެސް އެބަކުރެވޭ،" އިރުޝާދާ ވިދާޅުވި އެވެ.

ފުލުހުން މިއަދު ބުނީ ލައްވި 40 މީހަކު ތިބިއިރު އެމީހުންގެ ތަހުގީގު ނިމި 20 މީހަކު ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީއިރު އަނެއް 20 މީހުން ތިބީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ކަމަށެވެ.