ކޮވިޑަށް ޕޮޒިޓިވްވެގެން ގޭގައި އައިސޮލޭޓްވެގެން އިން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އައިޝްވާރިޔާ ރާއީ އާއި އޭނާގެ ދަރިފުޅު އާރަދިއާ ބައްޗަން ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދޭން ފަށައިފިއެވެ.

އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު މުމްބާއިގެ ނާނަވަތީ ހޮސްޕިޓަލުގައި އެޑްމިޓްކުރި އިރު އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަން އާއި ބައްޕަ އަމީތާބު ބައްޗަން އަށް ވެސް އަންނަނީ އެ ހޮސްޕިޓަލުގައި މި މަހު 11 ވަނަ ދުވަހުން ފެށިގެން ފަރުވާކުރަމުންނެވެ.

ބަތަލާ އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ދެވަނަ ޓެސްޓުން ކަމަށް ޚަބަރުތައް ބުނެއެވެ. އަމީތާބުގެ އާއިލާގެ ގިނަ މެންބަރުންނެއް ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ އަންހެނުން ޖަޔާ ބައްޗަންގެ ނަތީޖާ ދައްކަނީ ނެގަޓިވްކޮށެވެ.

އިންޑިއާގައި ހަލުވިކަމާއެކު ބަލި އަންނަނީ ފެތުރެމުންނެވެ. މިދިޔަ ހުކުރު ދުވަހު އެކަނި ވެސް އިންޑިއާއިން ވަނީ 35,000 ކޮވިޑް ކޭސް ފެނިފައެވެ. އެއީ ރެކޯޑް އަދަދެކެވެ. ދުނިޔެއިން އެންމެ ގިނަ ކޮވިޑް ކޭސް ހިމެނޭ ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި އުޅެނީ އިންޑިއާއެވެ.