ބޮލީވުޑްގެ ހުނަރުވެރި ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް މަރާ އެކު ބޮލީވުޑްގެ އަޑިނޭނގޭ އެތައް ސިއްރުތަކެއް އަންނަނީ ފާޅުވަމުންނެވެ. އެ ވާހަކަތައް އެއްވެސް ޖެހިލުމެއްނެތި ފަޅާއެރުވުމުގެ އެންމެ ކުރީގައި ވަނީ ބަތަލާ ކަންގަނާ ރަނައުތެވެ.

ސުޝާންތުގެ މަރާއެކު ކަންގަނާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއިން އެތައް ބަޔަކަށް ހައިރާންވުން ގެނައެވެ. އެތައް ހާސް ބައެއްގެ ހިތުގައި ސުވާލުމާކުތަކެއް އުފެދުނެވެ. ކަންގަނާ ބުނީ ބަޔަކު މީހުން ރާވައިގެން ސުޝާންތު ނައްތާލުމަށް މަސައްކަތްކުރި ކަމަށާއި ހުދު އޭނާއަށް ވެސް ބޮލީވުޑްގައި އެފަދަ އެތައް ކަންތައްތަކެއް ދިމާވިކަމަށެވެ. ސުޝާންތުގެ މަރާ މެދު ގިނަ ސުވާލުތަކެއް އުފައްދަމުން ރިޕަބްލިކް ވޯލްޑްގެ ޕްރޮގްރާމް "ނޭޝަން ވޯންޓްސް ޓު ނޯ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ކަންގަނާ ބުނީ ބޮލީވުޑަކީ ރައްޓެހިންނާއި އާއިލާ މީހުންނާއި ނުފޫޒުގަދަ މީހުންނާ ގުޅިފައިވާ މީހުންނަށް ފުރުސަތުދޭ އިންޑަސްޓްރީއެއް ކަމަށެވެ. އަދި ކަންގަނާ، ސުޝާންތު ފަދަ ބޭރުން އައިސްފައި ތިބި އެއްވެސް އެކްޓަރަކަށް ބޮލީވުޑުން ހާއްސަ ޖާގައެއް ދީފައި ނުވާ ކަމަށެވެ. އަދި އެ ފަދަ އެކްޓަރުންގެ ކެރިއަރު ފުޑުފުޑުކޮށްލުމަށްވެސް ބޮލީވުޑްގެ މަޝްހޫރު ބޮޑެތި ފިލްމު ކުންފުނިތަކުގެ ވެރިން ހިއްސާވާކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ބަތަލާ ކަންގަނާ ބުނީ އެންމެ ދެމަސްތެރޭ ޖުމްލަ 18 ބްރޭންޑަކުން އޭނާ މުޅިން ބާކީކުރި ކަމަށާއި އެންމެންގެ ތެރޭ އޭނާ އަގުވައްޓާލަން ގިނަ ބަޔަކު މަސައްކަތްކުރި ކަމަށެވެ.

ސުޝާންތުގެ މަރާއެކު އެންމެ ފާޅުކަން ބޮޑު ގޮތަކަށް ވާހަކަދައްކަމުން އައީ ކަންގަނާއެވެ. ފެށުނީއްސުރެ ކަންގަނާ އަންނަނީ ބޮލީވުޑަކީ ނެޕޮޓިޒަމްގެ ހާއްޔެއް ކަމަށް ބުނެ ތަފާތު ވާހަކަތައް ދައްކަމުންނެވެ.

އޭނާ ބުނީ ދެހާސް ސޯޅަވަނަ އަހަރު ޔަޝްރާޖް ފިލްމު ކުންފުނީގެ ޗެއާމަން އަދިތްޔާ ޗޯޕްރާ "ސުލްތާން"ގެ ސްކްރިޕްޓް ހިފައިގެން އެގެއަށް ގޮސް އެ ފިލްމުގެ ވާހަކަ އޭނާ އަށް ހިއްސާކުރި ކަމަށެވެ. އޭރުވެސް މިހާރުވެސް ބޮލީވުޑްގެ ތިން ޚާނުންނާއެކު މަސައްކަތްކުރުމަށް ދެކޮޅު ހަދާ ކަންގަނާ އެ ފިލްމަށް ނޫނެކޭ ބުނިކަން މީޑިއާގެ ޚަބަރަކަށް އެރުމުން އަދިތްޔާ އޭނާއަށް ބިރު ދެއްކި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ކަންގަނާ އަށް ކޮން ހިތްވަރެއް ލިބިގެން އަހަރެންގެ ފިލްމަށް ދެކޮޅު ތި ހެދީ. މިހިސާބުން މި ނިމުނީ. ބަލަން ހުރޭ ދެން ވާގޮތް! މިހެން ކިޔާފައި އޭނަ އަހަރެންނަށް މެސެޖުކުރީ،"

ބޮލީވުޑްގެ ބޮޑެތި ޑައިރެކްޓަރުން ސުޝާންތު އާ ކަންގަނާ އާ ދެމެދު ކަންތައްކުރި ގޮތުގެ ވާހަކަ ކަންގަނާ ވަނީ ފަޅާއަރުވާލައިފައި---

އޭނާ ބުނީ ސުޝާންތުގެ މަރާ ގުޅިގެން އޭނާއަށް ވަރަށް އަސަރުކުރި ކަމަށާއި ސަބަބަކީ ސުޝާންތު އަކީ ވެސް އޭނާ ފަދައިގެން ބޭރުން އައިސްފައި ހުރި އެކްޓަރަކަށް ވާތީ ކަމަށެވެ. ކަންގަނާ ބުނީ ސުޝާންތުގެ މަރު ތަހުގީގު އޭނާއަށް ނުކުރެވުނު ނަމަވެސް ބޮލިވުޑްގައި ކަންތައްތައް ހިނގާގޮތުގެ ވާހަކަތައް ކިޔައިދޭން ބޭނުންވާ ކަމަށެވެ. ނެޕޮޓިޒަމްގެ ވާހަކަ އެކި ފަހަރުތަކުގެ މަތިން ދެކެވުނުއިރު އެކަމަށް އޭނާއާ އެއްކޮޅު ހުރީ ސުޝާންތުކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ ކުރިން ސުޝާންތު ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ނެޕޮޓިޒަމް އަކީ ހުނަރުވެރި އެކްޓަރުން ކުރިނޭރުވުން ކަމަށާއި އެފަދަ އެކްޓަރުންގެ ހުނަރުތައް މަރާލުންކަމަށެވެ. ސުޝާންތު އެ އިންޓަވިއު ދިން ފަހުން އަދިތްޔާ ޗޯޕްރާގެ ޓެލެންޓް އެޖެންސީއާއެކު އެއްބަސްވުމެއްގެ ދަށުން މަސައްކަތްކުރުމަށް ރަންވީރު ސިންހް އާއި ސުޝާންތަށް ހުށައެޅިއެވެ. އެ ކުންފުނީގެ ދަށުން ސުޝާންތު ދެ ފިލްމެއް ކުޅުނެވެ. ބޮލީވުޑްގެ ވަރުގަދަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަށް ސުޝާންތުގެ ހުނަރު ފެނުމުން އޭނާގެ ފިލްމެއްގައި މަސައްކަތްކުރަން އެދުމުން ޔަޝް ރާޖް ފިލްމްސް އިން ވަނީ ބަންސާލީގެ ފިލްމު ކުޅެން ސުޝާންތު ދޫނުކުރާނެކަމަށް ބުނެފައެވެ. ސުޝާންތުގެ ކުއްލި މަރަށް ފަހު މުމްބާއި ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ބާންސާލީ ބުނީ ފަސް ފިލްމެއް ކުޅެން އޭނާ ސުޝާންތަށް ހުށައެޅި ކަމަށާއި ނަމަވެސް ޔަޝް ރާޖް ކުންފުނީގެ ނުފޫޒު ވަރުގަދަކަމުން އޭނާއަށް ފިލްމު ނުކުޅެވުނީ ކަމަށެވެ.

"އަހަރެން ސުޝާންތު ފަހަތުން ދުވިން ފަސް އަހަރު ވަންދެން. ހުށައެޅި ހުރިހާ ފިލްމުތަކަށް ވެސް އެމީހުން ދޫކުރީ ރަންވީރު،" ކަންގަނާ ބުނީ ބަންސާލީ އަކީ އެކްޓަރެއް ފަހަތުން ދުވަހަކު ދުވި މީހެއްވެސް ނޫންކަމަށެވެ.

އެ މައްސަލަތައް ދިމާވާން ފެށުމުން ސުޝާންތު ޔަޝްރާޖް ފިލްމު ކުންފުންޏާއެކު މަސައްކަތްކުރަން ބޭނުންނުވެގެން އެއްބަސްވުން އުވާލިއެވެ. އަދި އެކަމުގެ ސަބަބުން އަދިތްޔާ ޗޯޕްރާ ބޭނުންވީ ސުޝާންތު ބޮއިކޮޓްކުރުމަށެވެ. އެ ހާދިސާ އަށް ފަހު އަދިތްޔާގެ ކުޑައިރުގެ ރަހުމަތްތެރިޔާ ކަމަށްވާ ދަރްމާ ޕްރޮޑަކްޝަންގެ ވެރިޔާ ކަރަން ޖޯހަރު ބޭނުންވީ ސުޝާންތުގެ މުޅި ކެރިއަރުގައި ވެސް އެންމެ ބޮޑު ފްލޮޕް ފިލްމަށް "ޑްރައިވް" ހެދުމަށެވެ. ކަންގަނާ ބުނީ ކަރަން ޖޯހަރުގެ "ޑްރައިވް" ގެ ލީޑު ކުޅުމަށް ސުޝާންތު ހަމަޖެއްސީ އޭނާއަށް މަލާމާތްކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ބުނީ ފިލްމު ރިލީޒްކުރަން ހުރިހާ ކަމެއް ރޭވުމަށްފަހު ސުޝާންތަކީ ފްލޮޕް އެކްޓަރަކަށް ވުމުން އެ ފިލްމު ބަލަން ބަޔަކު އަންނާނެ ކަމަށް ގަބޫލުނުކުރެވޭތީ އެ ފިލްމު އޮންލައިންކޮށް ރިލީޒްކުރުމަށް ނިންމި ކަމަށް ކަރަން ބުނި ކަމަށެވެ.

ސުޝާންތު ފަދަ ހުނަރުވެރި އެކްޓަރެއް ބޮއިކޮޓް ކުރުމުގެ ފަހަތުގައި ބޮޑެތި ޑައިރެކްޓަރުންނެއް ތިބި އިރު ބައެއް މީޑިއާތައްވެސް ވާކަމަށް ކަންގަނާވަނީ ތުހުމަތުކޮށްފައެވެ.

"ސީއެންއެންގައި މަސައްކަތްކުރަމުން އަންނަ ރާޖިވް މަސަންދު ވަނީ ސުޝާންތު އާ ދިމާއަށް ރޭޕިސްޓަކަށްވެސް ގޮވާފައި. އޭނާ އަކީ ޑްރަގް އެޑިކްޓެކޭ ވެސް ބުނެ ވާހަކަދައްކާފައި،"

އިތުރަށް ވާހަކަ ދައްކަމުން ކަންގަނާ ބުނީ 2016 ވަނަ އަހަރު އޭނާ އަށް ބޮޑު ކާމިޔާބީއެއް ލިބި 19 ބްރޭންޑަކުން އެއްބަސްވުން ހަދާދައިވަނިކޮށް އޭނާގެ ކުރީގެ ލޯބިވެރިޔާ ރިތިކް ރޯޝަން އޭނާ އާ ދެކޮޅަށް މައްސަލައެއް ހުށައެޅުމުން އެ ހުރިހާ ބްރޭންޑަކުން އޭނާ ބާކީކޮށްލި ކަމަށެވެ.

އޭނާ ބުނީ އެ ދުވަސްކޮޅު އެކްޓިވިސްޓު ޖާވިދު އަޚްތަރު އޭނާއަށް ގުޅާ ރިތިކްގެ ކިބައިން މައާފަށް އެދެން ބުނިކަމަށާއި ރާކޭޝް ރޯޝަން (ރިތިކްގެ ބައްޕަ) ފަދަ ވަރުގަދަ އާއިލާއެއްގެ ދެމެދަށް ވަނުމުން އެމީހުން ކަންގަނާ ޖަލަށް ލާނެ ކަމަށެވެ. އެކަމަށް ކެތްނުވެގެން ކަންގަނާ އަމިއްލައަށް މަރުވާންޖެހިދާނެ ކަމަށްވެސް ޖާވިދު ބުނިކަމަށް އޭނާ ބުންޏެވެ.

ކަރަން ޖޯހަރު ލަންޑަންގެ އިކޮނޮމިކް ސްކޫލަށް ގޮސް އާންމުންގެ ތެރޭގައި ކަންގަނާގެ އަގުވައްޓާލަން މަސައްކަތްކުރި ކަމަށާއި ވަގުތުން ވަގުތަށް ކަންގަނާ ފިލްމު އިންޑަސްޓްރީ ދޫކޮށް ދާންޖެހޭނެ ކަމަށް ބުނިކަމަށެވެ.

"މުމްބާއީ ފުލުހުން ކީއްވެ ސުވާލުނުކުރަނީ ކަރަން ޖޯހަރަށް؟ ޖާވިދު އަހްތަރަށް؟ ރާޖީވް މަސަންދަށް؟ މަހޭޝް ބަޓަށް؟ އަދިތްޔާ ޗޯޕްރާއަށް؟ އެއީ އެ މީހުން ބާރުގަދަވީމަތަ؟ ޖާވިދު އަހްތަރަކީ މުމްބާއީގައި ކޮންމެ ކަމެއްވެސް ކޮށްލަން ކެރޭނެ ފަދަ މީހެއް،" ކަންގަނާ ބުނީ ސުޝާންތުގެ މަރުގެ ތަހުގީގު ރަނގަޅުގޮތުގައި ކުރަން ބޭނުންނަމަ މި މީހުންނާ ސުވާލުކުރަންޖެހޭނެކަމަށެވެ. އަދި ފިޔަވަޅު އަޅަންޖެހޭނެކަމަށެވެ.

ސުޝާންތުގެ މަރާއެކު ބޮލީވުޑްގެ ނެޕޮޓިޒަމްގެ ވާހަކަތައް އަންނަނީ ވަރަށް ބާރަށް ދެކެވެމުންނެވެ. އަދި ބޮލީވުޑްގެ އަޑިނޭނގޭ ބޮޑެތި ގިނަ ސިއްރުތަކެއް އަންނަނީ ހާމަވަމުންނެވެ.