18 Jul 2020, 22:37
ފުލޫގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ގިނަވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.
އެޗްއީއޯސީއީގައި މިހާރު ކުރިއަށް ދާ ނޫސްވެެރިންގެ ބައްދަލުވުމުގައި ޑރ އަހުމަދު ޝަހީދު ވިދާޅުވީ ފުލޫގެ ނިޝަންތަކެއް ހުރެގެން ފުލޫ ކްލިނިކަށް ދައްކައިގެން ޓެސްޓް ކުރާ ސާމްޕަލްތަކުގެ ތެރެއިން އާންމުކޮށް ޕޮޒިޓިވްވަނީ ފަސް ޕަސެންޓް ކަމަށެވެ. އެކަމަކު ނިމިދިޔަ ހަފްތާގައި އެ އަދަދު ނުވަ ޕަސެންޓަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
"ނިމިގެން ދިޔަ ހަފްތާގެ ސްޓެޓިސްޓިކްސްތަކަށް ބަލާލައިފިއްޔާ އަޅުގަނޑުމެންނަށް ފާހަގަ އެބަކުރެވޭ ފުލޫ ކްލިނިކުތަކުން ނަގާ ސާމްޕަލްތަކުން ޕޮސިޓިވްސް ފެންނަ އަދަދު މިވަނީ މައްޗަށް ގޮސްފައި ކުރީގެ ހަފްތާތަކާ އަޅާ ބަލާ." ޑރ އަހުމަދު ޝަހީދު ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ ފްލޫ ކްލިނިކްތަކަށް ދައްކައިގެން ޕޮޒިޓިވްވާ ރޭންޖް މީގެ ކުރީ ހަފްތާތަކުގައި އެވަރެޖްކޮށް އުޅެނީ ފަސް ޕަސެންޓު ވަރުގައި ކަމަށެވެ. އެހެންނަމަވެސް ނިމިގެން ދިޔަ ހަފްތާގައި އެ އަދަދު ވަނީ ނުވަ ޕަސެންޓަށް މައްޗަށް ގޮސްފައި ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
"ވޭތުވެ ދިޔަ ހަފްތާގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ފްލޫ ކްލިނިކަށް ފްލޫގެ ނިޝާންތަކާއެކުގައި ދައްކަން ދާ މީހުންގެ އަދަދުވެސް ދުވަހަކުން ދުވަހެއް އިތުރުވަމުންދާކަމަށް،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝަހީދު ވަނީ މިރޭ ޑަބްލިން ޓައިމްއާ ގުޅޭ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެއީ ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ދެގުނައަށް އެރުމަށް ހޭދަވާނެ ކަމަށް ލަފާކުރާ ވަގުތެވެ.
"ޑަބްލިން ޓައިމް ކުރުވާ ވަރަކަށް އޭގެ މާނައަކީ ބަލި ފެތުރޭ މިންވަރު އަވަސްވާ ކަން،" އޭނާ ވިދާޅުވިއެވެ.
މީގެ ތިން ހަފްތާ ކުރިއާ އަޅާ ބަލާއިރު ރާއްޖޭގެ ޑަބްލިން ޓައިމް އަންނަނީ ކުރުވަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މީގެ ތިން ހަފްތާކުރީން ޑަބްލިން ޓައިމް 116 ދުވަހުގައި ހުރި ނަމަވެސް މިދިޔަ ހަފްތާގައި ޑަބްލިން ޓައިމް ވަނީ 39 ދުވަހަށް ކުރުވެފައި ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.
ޖުލައި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް 891 ސާމްޕަލެއް ފުލޫ ކްލިނިކްތަކުން ނަގާފައިވާއިރު އޭގެ ތެރެއިން 76 ސާމްޕަލް ވަނީ ޕޮސިޓިވްވެފަ އެވެ. އެޗްއީއޯސީއިން އިރުޝާދު ދެނީ ކިރިޔާވެސް ކޮވިޑްގެ އަލާމާތެއް ހުރި ނަމަ ފުލޫ ކްލިނިކަށް ދެއްކުމަށެވެ.