18 Jul 2020, 21:32
"ނެލްސަން މަންޑޭލާ ރޫލްސް" ތަންފީޒުކުރަން ފެށުމުން ޖަލުގެ ގިނަ ކަންކަން އިސްލާހުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
"ނެލްސަން މަންޑޭލާ ރޫލްސް" އަކީ، އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާއަށް ނިސްބަތްކޮށް، ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނާ މެދު މުއާމަލާތްކޮށް ޖަލުތައް ހަރުދަނާ ކުރުމުގެ ގޮތުން ޖަލުތައް ބެލެހެއްޓުމުގައި ގެންގުޅެން އދ. އިން ކަނޑައަޅާފައިވާ މިންގަނޑަށް ކިޔާ ނަމެވެ.
މިއަދު ފާހަގަ ކުރަމުންދާ "ނެލްސަން މަންޑޭލާ އިންޓަރނޭޝަނަލް ޑޭ" ގެ މުނާސަބަތުގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް - ޔޫއެންއޯޑީސީ ގެ ފަރާތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ގުޅިގެން ނެލްސަން މަންޑޭލާ ޑޭ މަސައްކަތު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
އެ ބައްދަލުވުން ފައްޓަވައިދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުންކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ މިންގަނޑުތަކާއެއްގޮތަށް ޖަލުގެ ވަސީލަތްތައް ޤާއިމްކޮށް، ގައިދީންނާމެދު އަމަލުކުރުމަކީ ސަރުކާރުން އިސްކަންދެއްވާ ކަމެއް ކަމަށް މިނިސްޓަރި ވިދާޅުވިއެވެ.
އޭގެ ތެރޭގައި ޖަލުގެ ސިއްހީ ނިޒާމާއި، ގައިދީންގެ އަހުލާގާއި، މުއާމަލާތް ކުރެވޭ ގޮތާއި، މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރެވޭ ގޮތް ރަނގަޅުކުރުން ހިމެނޭކަން މިނިސްޓަރު ވިދާޅުވިއެވެ. އެމަގަށް ކުރެވޭ މަސައްކަތްތަކުގައި ގައިދީންގެ ހައްގުތައް ރައްކާތެރިކުރުމަށް ނެލްސަން މަންޑޭލާ ރޫލްސް އެހީވެދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން މިއަދު ވަނީ، "ނެލްސަން މަންޑޭލާ ރޫލްސް" ފޮތް ދިވެހި ބަހަށް ތަރުޖަމާކޮށް ޝާއިއުކޮށްފައެވެ.
އިމްރާން ވިދާޅުވީ، މިއީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް އިތުބާރާއެކު ކުރިއަށްދާންވީ ވަގުތުކަމަށެވެ. އަދި އެ ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރެވި، ޝާއިއުކުރެވިގެން ދިއުމަކީ މަސައްކަތަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއްކަމަށް އިމްރާން ވިދާޅުވިއެވެ. މިމަސައްކަތުގެ ތެރެއިން ސުލްހަ މަސަލަސްކަމާއި، ޑިމޮކްރަސީއާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ހާސިލްވުމަށްވެސް އެހީވެދޭނެކަން އިމްރާން ފާހަގަކުރެއްވިއެވެ.
ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ޝާއިއުކުރެވޭ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނެލްސަން މަންޑޭލާ ދުވަހަށްވުމީ އުފަލެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގައި މިދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރުކަންވެސް އިމްރާން ފާހަގަކުރެއްވިއެވެ.
ޖަލުތައް ހިންގުމަށާއި ޖަލުގައި ބަންދުކުރެވޭ މީހުންނާމެދު އަމަލުކުރުމުގައި އދ އިން ބަލައިގަންނަ އެންމެ ދަށް މިންގަނޑު ކަމަށްވާ، ، ނެލްސަން މަންޑޭލާ ރޫލްސް އދ. އިން މުރާޖާކޮށް ނެރުނީ 2015 ވަނަ އަހަރު އެވެ.