18 Jul 2020, 20:55
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އަމްޖަދު މުސްތަފާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އަމްޖަދު މިރޭ 'ސަން' އަށް ވިދާޅުވީ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވުމުގެ ފަހަތުގައިވާ ސަބަބެއް ކަމުގައި އަމްޖަދު ފާހަގަކުރެއްވީ އިންޓާނާލް ބައެއް ކަންތައްތައް ހުރުމެވެ. އެގޮތުން ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާނެ މާހައުލެއް އެތަނުގައި ނެތުމުން މަގާމުން އިސްތިއުފާ ދެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތަފްސީލެއް އަމްޖަދު ނުދެއްވަ އެވެ.
މިދިޔަ ޖެނުއަރީ 21 ވަނަ ދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުން އަހުމަދު ޒާހިރު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އަމްޖަދު އައްޔަނުކުރައްވާފައިވަނީ މިދިޔަ މާޗު މާހުގެ 16 ގައެވެ.
އަމްޖަދަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން ބެޗެލާ އޮފް އާޓްސް އިން ޝަރީއާ އެންޑް ލޯ ފުރިހަމަކޮށްފައިވާ ބޭފުޅެކެވެ. އަދި އެންގްލިއާ ރަސްކިން ޔުނިވާސިޓީއިން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންވެސް ހާސިލުކޮށްފައިވެއެވެ.
ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް އައްޔަނު ކުރެއްވުމުގެ ކުރީން އަމްޖަދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައިވެސް ހުންނަވައިފައެވެ. އަދި އޭނާ ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަންވެސް ކުރައްވައިފައެވެ.