18 Jul 2020, 19:56
ބ. ބޮޑުފިނޮޅުން މި މަހުގެ ތިންވަނަ ދުވަހު ހައްޔަރުކުރި 19 ބިދޭސީންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނެފައިވަނީ ބޮޑުފިނޮޅުން މިމަހުގެ ތިން ވަނަ ދުވަހު ހައްޔަރުކުރި 19 މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށެވެ.
ބޮޑުފިނޮޅުން ބިދޭސިންތަކެއް ހައްޔަރުކޮށްފައިވަނީ ރިސޯޓެއްގެ ގޮތުގައު ތަރައްގީ ކުރަމުންދާ އެރަށުގައި މަސައްކަތްކުރާ ބިދޭސިންތަކެއް، މުސާރަ ނުލިބޭ މައްސަލާގައި ހަމަނުޖެހުން ހިންގާ މުދަލަށާއި އިމާރާތްތަކަށް ގެއްލުންދީ، އެރަށުގައި މަސައްކަތްކުރި ދިވެހިންތަކެއް ރަހީނުކޮށްފައި ވަނިކޮށެވެ.
އެގޮތުން ބޮޑުފިނޮޅުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންތަކެއް ފޭބުމަަށް މަސައްކަތް ކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިން ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށް އެމީހުން ރަހީނުކޮށްފައެވެ. ފުލުހުން ފަހުން ވަނީ އޭގެ ތެރެއިން ރަހީނުކުރި 12 މީހުން ސަލާމަތްކޮށްފައެވެ. އަދި އެކަކު މޫދުގައި އޮއްވާ ފުލުހުން ވަނީ އޭނާ ސަލާމަތްކޮށްފައެވެ.
ބޮޑުފިިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސިންނަށް، އެ އަމަލު ހިންގަން ހިތްވަރު ލިބުނީ އެމީހުންނަށް ބިރު ދައްކާ ހެދުމުން ކަމަށާއި، ހައްޔަރު ކުރި 19 ބިދޭސިންނަކީ ސީލް މޯލްޑިވްސް އިން ބިރު ދެއްކި 19 ބިދޭސީ އެއް ކަމަށް ބިދޭސިން ތަމްސީލުކުރާ ވަކީލުން ވަނީ ދާދި ފަހުން ބުނެފައެވެ.
ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބިދޭސިން ހައްޔަރު ކުރި ގޮތާއި، މުއްދަތު އިތުރު ކުރި ގޮތާއި، އެ ހާދިސާ ހިނގި ގޮތް އޮޅުން ފިލުވުމަށް ގާނޫނީ ވަކީލުންގެ ޓީމުން ބިދޭސިންނާއި ވަކިވަކިން ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ މައްސަލައާ ގުޅޭ މައުލޫމާތު ސިއްރު ކުރުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.