ބިދޭސީންގެ މައްސަލަ ހައްލުވާނީ، ރާއްޖޭގައި އެމީހުން ތިބޭނެ ގޮތް ހެދިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިގޮތަށް ވިދާޅުވި އިރު، ބިދޭސީންނަށް ރެސިޑެންސް ވިސާދޭ ހާލަތްތަކަށް ލުއި ދިނުމަށް އެމަނިކުފާނު ވަނީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައެވެ. އެގޮތުން އެމަނިކުފާނު އެދިވަޑައިގެންފައިވަނީ، 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި ކުއްޔަށް އުޅޭ ފަރާތްތަކަށާއި، އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ރާއްޖޭގައި އިންވެސްޓު ކުރާ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމަށެވެ.

ބިދޭސީންގެ މައްސަލައާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ ވެބްސައިޓުގައި އެމަނިކުފާނު މިއަދު ލިޔުއްވި މަޒުމޫނުގައި ވިދާޅުވީ، ބިދޭސީން ރަށަށް ފޮނުވާލުމާއި، އެމީހުން ހައްޔަރުކޮށް ބަންދު ކުރުމަކީ، މުޅި މައްސަލައަށް އޮތް ހައްލެއް ކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. އެ މައްސަލައަށް އޮތް ހައްލަކީ، އެމީހުންނަށް ރާއްޖޭގައި ތިބެވޭނެ ގޮތް ހަދައިދީގެން ކަމަށް އެމަނިކުފާނު ވިދާލުވިއެވެ.

"ގަވައިދާ ހިލާފަށް އުޅޭ މީހާ ގަވައިދުގެ ތެރެއަށް ވެއްދުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭން ޖެހެއެވެ. އަދި އޭނާ އުޅޭނެ ތަނެއް ދޭން ޖެހެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މި ދެކަންވެސް ނުކޮށްފިނަމަ، ރާއްޖޭއަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ހޯދަން ދަތިވާނީ އެކަންޏެއް ނޫނެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރަނޅު އަސަރު ކުރާނެއެވެ." ރައީސް ނަޝީދުގެ މަޒްމޫނުގައި މައްސަލައަށް ހައްލު ހޯދޭނެ ގޮތް ކަމަށް ބުނެ ލިޔެފައިވެއެވެ.

ބިދޭސީންގެ މުޅި މައްސަލައަށް ހަލެއް ގެނެވޭނީ ބިދޭސީން ފޮނުވާލުން ކަމަށް ވެރިންވެސް ވިދާޅުވާނަމަ، އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ވިދާޅުވާ ވާހަކައެއް ކަމަށް އެމނިކުފާނު ވިދާޅުވިއެވެ. އެގޮތަށް މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ލިޔުމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންނަށް ދިމާވަމުން ދިޔަ ގިނަ ގުނަ މައްސަލަތައް ކޮވިޑްގެ ބަލިމަޑުކަމާއެކު ހާމަވެގެން ދިޔަ ކަމަށެވެ. އެގޮތުން އެމީހުންގެ ދިރިއުޅުމުގެ ފެންވަރުގެ މައްސަލަތަކާއި، އެމީހުންނަށް ދޭން ޖެހޭ މުސާރަ ނުދިނުމުގެ މައްސަލަތަކާއި، އެމީހުންނާ މެދު އަމަލުކުރަމުންދާ ނިކަމެތި ގޮތުގެ މައްސަލަތައް، ކޮވިޑާއެކު ތިލަވެގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި އެންމެ މައްސަލަތައް ބޭރުމިހާއަށް މަޖުބޫރުކޮށްފައި ވަނީ މަގުމަތީގައި ގިނަވެފައި ހުރުމަށެވެ. މާލޭގައި ދިރިއުޅޭ ދިވެހި މީހާއާއި ބޭރު މީހާއާއި މައްސަލަ ދިމާވަނީ މާލޭގައ ދިރިއުޅޭ ދިވެހި މީހާގެ ޖާގައިގައި ބޭރު މީހާ ހުންނާތީއެވެ. މާލެ ތޮއްޖެހުމަށް މިއޮތް މިންވަރުން ބޭރު މީހުންނާއި ދިވެހިންނާއި އެންމެންނަށް މިތަނުގައި އުޅުމުގެ ޖާގަ ނެތީއެވެ" ރައީސް ނަޝީދު ލިޔުއްވި ތިން ސަފްހާގެ މަޒުމޫނު ފައްޓަވަމުން އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދެކުނު އޭޝީޔާގެ ހުރިހާ ގައުމަކަށްވުރެ ރާއްޖޭގައި ބޮލަކަށް ޖެހޭ އާންމުދަނީ އިތުރެވެ، ދިވެހިން ތަނަވަސްވެގެން ދިޔުމަކީ، ރާއްޖޭގައި ބިދޭސީންގެ އަދަދު އިތުރުވެގެން ދިޔަ ސަބަބެއް ކަމަށެވެ. އަދި އެއާއެކު މަދު ފައިސާކޮޅަކަށް އެމީހުން ލައްވާ މަސައްކަތް ކުރުވާކަން ލިޔުމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގެ އުފެއްދުންތެރިކަން ފަސް ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގެންދެވިފައި މިވަނީ، ވަރަށް ހެޔޮ އަގުގައި، އަދި ވަރަށް ނިކަމެތި ހާލަތުގައި މީހުން ގެންގުޅެ، އެމީހުންލައްވާ ވަރަށް ބުރަ މަސައްކަތް ގިނަ ދުވަސްވަންދެން ކުރުވީތީއެވެ. އެފަދަ ކަންކަން ހިންގުމުގައި، އެތައް ބަޔަކަށް ލިބޭ ޖާއިޒު އަދި ނާޖާއިޒު ފައިދާ ބޮޑުވުމުން އެކަންކަމަށް ޖާގަ ދެވިފައި އޮތަތީއެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިސޯޓު ތަރައްގީ ކުރުމަށްވެސް ބިދޭސީ މަސައްކަތްތެރިން ބޭނުން ކުރަނީ ނިސްބަތުން ކުޑަ އަދަދަކަށެވެ. އަދި މާލޭގައި ބިމުގެ އަގު އުފުލި، މާލޭ ބިން ކުއްޔަށް ދޫކޮށް، މާލޭ ވަރަށް ގިނަ މީހުން އަތުން މީގެ ކުރިން އަމިއްލައަށް ކުރަމުން އައި މަސައްކަތްތައްވެސް ހުއްޓާލި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، އަގު ހެޔޮކޮށް، ބިދޭސީން ގެނުވައި އެމީހުން ލައްވާ "ގުލާނު" ކުރުވަން ފެއްޓިކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިން ދިވެހިން ކުރަމުން އައި، ކުދި ކުދި މަސައްކަތްތައްވެސް ބިދޭސީން ލައްވާ ކުރުވުމުން، ރާއްޖޭގެ ޒުވާން ޖީލު މަސައްކަތުގެ ތެރެއަށް ނުކުންނަން ޖެހިފައި އޮތް މިންވަރު ދެހަކޮށްދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއވެެ.

ރައީސް ނަޝީދުގެ މަޒުމޫނުގައި ރާއްޖޭގައި ލިޔެކިޔުން ނެތް ބިދޭސީންގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމީހުން އަމިއްލައަށް އެ ލިޔެކިޔުންތައް ނައްތާލިކަމައް ވެދާނެ ކަމަށާއި ނޫން ނަމަ، އޭނާ ގެނައި މީހުން އެ ލިޔެކިޔުން ނައްތާލުން ކަމަވެސް ވެދާނެއެވެ.

"އޭނާ ރާއްޖެ އައީ ވަރަށް ބޮޑު ދަރަންޏެއްގައި އެޅި އެ ފައިސާ އަނބުރާ ނުދެއްކިއްޖެ ނަމަ އޭނާގެ މުޅި ހަޔާތް ގެއްލޭ ހަމަތަކަށް ރޭވިފައި އޮތް ނިޒާމެއްގެ ތެރެއިންނެވެ. އޭނާއަކީ، ކާކުކަން ދިވެހި ސަރުކާރަކަށްވެސް އަދި އޭނާގެ އަމިއްލަ ގައުމަށްވެސް ސާފުކުރެވޭނެ ގޮތެއް ނެތެވެ.' ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން އޭނާ ފޮނުވާލުމަށް އެދުނު ނަމަވެސް، އޭނާ ފޮނުވާލުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ރާއްޖޭގައި ލިޔެކިޔުން ނެތް 70،000 އެއްހާ ގިނަ ބިދޭސީން އުޅޭ އިރު، އެ އެންމެން ހިފާ ހައްޔަރުކޮށް ބަންދުވެސް ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ އިންސާނީ ހައްގުތަކުގެ ނަޒަރިއްޔާއިން ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ތަރައްގީވެފައިވާ ގައުމުތަކުންވެސް މައްސަލައަށް ހައްލު ހޯދީ، އެމީހުންނަށް އެގައުމުތަކުގައި ތިބެވޭނެ ގޮތް ހަދައިދީގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މިސާލު ޖެއްސެވީ، ޔޫރަޕްގެ ގައުމުތަކުން މި މައްސަލައަށް ހޯދި ކަމަށް ބުނާ ހައްލުތަކަށެވެ. އެގޮތުން ޔޫރަޕް ބިނާކޮށް ނިމުމުން ބޭރު މީހުން އެގައުމުތަކުންވެސް ބޭރުކޮށް ނުލެވުނު ކަމަށް ރައީސް ނަޝީދުވިއެވެ. އޭގެ ބަދަލުގައި އެގައުމުތަކުން، މައްސަލައަށް ހައްލު ހޯދައިދީނީ، އެ ބިދޭސީންނަސް އެގައުމުތަކުގައި ތިބެވޭނެ ގޮތް ހަދައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިނގިރޭސީވިލާތުގެ ގިނަ ބޮޑެތި ސިޓީތަކުގައި އިންޑިއާ ދަރިކޮޅާއި އެދި އެފްރިކާގެ އެކިއެކި ދަރިކޮޅުގެ ރަނގަޅު ޓައުންތައް އެހުރީ ބިނާވެފައެވެ...އިންގިރޭސީން ބޭރު މީހުންގެ ކަންތައް ކޮންވެސް މިންވަރަކަށް ހައްލުކޮށްފައި އެވަނީ، އެމީހުންގެ "ބޭރުކަން' ކަޑާލައިގެނެވެ. އެމީހުން އިނގިރޭސީވިލާތުގައި ތިބެވޭނެ ގޮތް ހަދައިދީގެންނެވެ. ދިރިއުޅޭނެ ތަންތަނާއި ކުރާނެ މަސައްކަތް ދީގެންނެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ ބަދަލުތައް ވެގެން ދިޔައީ، އިނގިރޭސީ އިގްތިސާދަށްވެސް ނުހަނު ހެޔޮ އަސަރުތަކެއް ކުރި ބަދަލުތަކެވެ. އެގޮތުން މިއަދު އިނގިރޭސީންގެ ދާހިލީ ވަޒީރާއި މާލީ ވަޒީރަކީވެސް އިންޑީއާ ދަރިކޮޅުގެ މީހުން ކަމަށާއި ލަންޑަނުގެ މޭޔަރަކީވެސް އެހެން ދަރިކޮޅެއްގެ މީހެއްކަން އެމަނިކުފާނު ވިދާޅުވިއެވެ.

އެ ލިޔުން ލިޔެގެން ބައެއް މީހުން ނުރުހިދާނެ ކަމަށާއި، ނަމަވެސް މީގެ ފަސް އަހަރު ފަހުން މި މައްސަލައަށް އޮންނާނީ މާބޮޑުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭރުންވެސް އަމަލު ކުރަން ޖެހޭނީ އެމަނިކުފާނު އެދަންނަވާ ހައްލުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

އިމިގްރޭޝަން ގާނޫނަށް ރައީސް ނަޝީދު ހުށަހެއްޅުވި އިސްލާހާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އެއިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.