18 Jul 2020, 18:24
މާލެއިން ފުރައިގެން ގޮސް ބ. ތުޅާދޫގައި ކަރަންޓީނުގައި ހުރި މީހަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ.
ތުޅާދޫ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މާހީނޫޒް އަބޫބަކުރު 'ސަން' އަށް ވިދާޅުވީ މިއަދު 15:30 ހާއިރު އެރަށުން 59 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ.
އެމީހަކީ މި މަހުގެ އަށް ވަނަ ދުވަހު މާލެއިން ތުޅާދޫއަށް ގޮސް ކަރަންޓީނުގައި ހުރި މީހެއް ކަމަށްވެސް މާހީނޫޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހާޓް އެޓޭކެއް ޖެހިގެން މިއަދު މަރުވި މީހާގެ ކޮވިޑް-19 އާ ގުޅޭ އެއްވެސް ކަހަލަ އަލާމާތެއް ނެތް ކަމަށެވެ. އެގޮތުން އެ މަރަކީ ކޮވިޑާ ގުޅުންހުރި މަރެއް ކަމަށް ނުބެލޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު ހެނދުނުވެސް އަޅުގަނޑުމެން ވާނީ ޗެކު ކޮށްފައި. ކޮވިޑާ ގުޅޭ އެއްވެސް ކަހަލަ އަލާމާތެއް އޭނާގެ ނެތް،" މާހީނޫޒް ވިދާޅުވިއެވެ.
މިއަދު ހާލު ބެލިއިރުވެސް އޭނާގެ ހާލު ރަނގަޅު ކަމަށް މާހީނޫޒް ވިދާޅުވިއެވެ.