05 Jan 2012, 14:15
ރެއާލް މެޑްރިޑްގެ ސްޕެއިން ޑިފެންޑަރު ރައުލް އަލްބިއޮލް މިމަހުގެ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
ޗެމްޕިއަންސް ލީގުން ކެޓުމަށް ފަހު، ޔޫރޮޕާ ލީގު ކާމިޔާބު ކުރުމުގެ އަޒުމުގައިވާ މެންސިޓީ ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ގެންނާނެ ކަމަށް ބެލެވެ އެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔަކީ ރެއާލް މެޑްރިޑްގެ ބެންޗުން އާންމުކޮށް ފެންނަ ޑިފެންޑަރު އަލްބިއޮލް އެވެ.
ވެލެންސިއާ އަށް ކުޅުމަށް ފަހު އަލްބިއޮލް ރެއާލް އާއި ގުޅުނީ 2009 ވަނަ އަހަރު އެވެ. އެއަހަރު އަލްބިއޮލް އަކީ ރެއާލްގެ ފުރަތަމަ އެގާރަ އިން ފެންނަ ކުޅުންތެރިއެކެވެ. ނަމަވެސް ރެއާލްގެ ކޯޗުކަމާއި ހޯސޭ މޮރީނިއޯ ހަވާލުވި ފަހުން އަލްބިއޮލް އަށް ވަނީ އެފުރުސަތު ގެއްލިފަ އެވެ. މިދިޔަ ސީޒަންގައި ރެއާލްގެ އެންމެ ފަހަތަށް ކުޅެމުން ދިޔައީ ޕެޕޭ އާއި ރިކާޑޯ ކަވާޅިއޯ އެވެ. އަދި މިސީޒަނުގައި ރެއާލްގެ އެންމެ ފަހަތުން ފެންނަމުންދަނީ ޕެޕޭ އާއި ސާޖިއޯ ރަމޯސް އެވެ.
މިއަހަރު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓުބޯޅަ މުބާރާތުން އަލްބިއޮލް ޖާގަ ހޯދަން ބޭނުންވާ ނަމަ، ފުރަތަމަ އެގާރަ އަށް ކުޅެ މޮޅު ކުޅުމެއް ދައްކަން ޖެހެއެވެ. ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންގެ ގައުމީ ޓީމުން ޖާގަ ހޯދުމަކީ ކޮންމެ ކުޅުންތެރިއަކަށް ފަސޭހަވާނެ ކަމެއް ނޫނެވެ.