19:00


ރާއްޖޭގެ ކެބިނެޓުގެ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވި މައްސަލަ ބައިނަލް އަގްވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުގެ ފަލަ ސުރުޚީތަކުން މިހާރު ވަނީ ޖާގަ ހޯދާފަ އެވެ. އެގޮތުން އޭޝިޔާ ސަރަހައްދުގެ މީޑިއާތަކުން ފެށިގެން ދުނިޔޭގެ މަޝްއޫރު ބީބީސީ، އަލްޖަޒީރާ އަދި އޭއެފްޕީ ފަދަ ނިއުސް އޭޖެންސީތަކުން އަންނަނީ ހަލަބޮލިވެފައިވާ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އެކި ރިޕޯޓުތައް ގެނެސްދެމުންނެވެ.


މިހާރު މި ގެނެސްދެނީ ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅަމުންދާ ކަމަށް ބުނެ ރާއްޖޭގެ ކެބިނެޓު އިސްތިއުފާ ދިން މައްސަލަ ބައިނަލް އަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގެ މައްޗަށް ބަލައި ނިއުސްރޫމުން ހައްވާ ލުބްނާ ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.


ރާއްޖޭގެ ކެބިނެޓް އެއްފަހަރާ އިސްތިއުފާ ދިންތާ 24 ގަޑިއިރުވެސް ނުވަނީސް، ގައުމުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް، މި ޚަބަރު ވަނީ މުޅި ދުނިޔެއަށް ފެތުރިފަ އެވެ. އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނުގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހާ ސަރުކާރާ ދެމެދު ހިނގަމުންދާ ކޯޅުންތަކާއި، ކެބިނެޓުގެ ހުރިހާ ވަޒީރުން އިސްތިއުފާދެއްވި މައްސަލައިގެ އިތުރުން ދައުލަތުން ކުރާ ދައުވާއަކަށް މަޖިލީހުގެ ދެ މެމްބަރުން ހައްޔަރުމާ ގުޅިގެން މި ގައުމުގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކުގެ ވާހަކަ އެކި ސުރުޚީތަކުގެ ދަށުން ދުނިޔޭގެ މީޑިއާއިން އަންނަނީ ލިޔަމުންނެވެ.


އެގޮތުން ބީބީސީ އޮންލައިންގައި މި ޚަބަރު ގެނެސްދީފައިވަނީ 'މޯލްޑިވްސް ކެބިނެޓް ސްޓޭޖަސް މާސް ރެސިގްނޭޝަން' މި ސުރުޚީގެ ދަށުންނެވެ. އެ ޚަބަރުގައި ކެބިނެޓުގެ ވަޒީރުން އިސްތިއުފާދެއްވާފައިވަނީ ކެނޑިނޭޅި ސަރުކާރުގެ މަސައްކަތްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދާތީވެ ކަމަށް ބުނެފައިވެ އެވެ. އަދި މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން މަސައްކަތްކުރަމުން ގެންދަވަނީ ސަރުކާރުގެ ޕްލޭންތައް 'ވީޓޯ' ކުރެވޭ ގޮތަށް މަޖިލީހަށް ބާރު ހޯދުމަށް ކަމަށް، ރައީސް މުހައްމަދް ނަޝީދްގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވެ އެވެ.


މަޖިލީހުގެ ދެކޮޅުވެރިކަމާހެދީ ދިވެހި ރައްޔިތުންނަށް ސަރުކާރުން ވެފައިވާ އިޖްތިމާއި އަދި އިގްތިސާދީ ވައުދުތައް ފުއްދެއްވުމަށް ރައީސް ނަޝީދު ނުކުޅެދިފައިވާތީ، އެމަނިކުފާނުގެ މަގްބޫލުކަން މިހާރު ހީނަރުވަމުންދާކަންވެސް އެ ޚަބަރުގައި ފާހަގަކޮށްފައިވެ އެވެ.


އެ ޚަބަރުގައި، ރާއްޖޭގެ އިދިކޮޅު ޕާޓީއެއްގެ އޮފިޝަލަކާ ހަވާލާދެއްވާ އިތުރަށް ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކުގެ ނުރުހުމުގައިވެސް، ސަރުކާރުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވަޓައިޒް ކުރަން އުޅެނީ، ވައިގެ މަގުން އަރަބި ގައުމުތަކަށް ބޮމުގެ ހަމަލާ ދިނުމަށް އިޒްރޭލަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.


މި ޚަބަރުގެ އިތުރުން، ބީބީސީން ވަނީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބަދަލު ކުރެވުމެދުންދާ ބަހުގެ ހޫނު ހަމަލާތަކުގެ ރިޕޯޓެއްވެސް ގެނެސްދީފަ އެވެ. އެގޮތުން 'މޯލްޑިވްސް އޮޕޮސިޝަން ޓްރޭޑް ޗާޖަސް' ގެ ސުރުޚީގެ ދަށުން ގެނެސްފައިވާ އެ ޚަބަރުގައި ރާއްޖޭގެ ސަރުކާރާއި މަޖިލީހާ ދެމެދު 'ޕަވަރ' ނުވަތަ 'ބާރު' ހޯދުމަށް ސީރިއަސް ކޯޅުމެއް ހިނގަމުންދާ ކަމަށެވެ.


މި ޚަބަރުގައި މަޖިލީހުގެ ދެ މެމްބަރަކު ކޮރަޕްޝަނުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވާ މައްސަލަ ފާހަގަކޮށް، އިދިކޮޅު ފަރާތްތަކުން އެކަމުގައި ދެކޭ ގޮތް ހިމަނާފައިވެ އެވެ. އަދި ރާއްޖޭގެ ދިފާއީ ބާރުން މަގުތަކުގައި ހަރަކާތްތެރިވަމުންދާކަންވެސް ފާހަގަކޮށްފައިވެ އެވެ.


މާލޭ މަގުތަކުގައި ސިފައިން ހަރަކާތްތެރިވަމުންދާ ވާހަކަ ސްރީ ލަންކާގެ ބައެއް އަވަށްޓެރި ގައުމުތަކުގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 'ޓްރޫޕްސް ޑިޕްލޯއިޑް އިން މޯލްޑިވްސް އާފްޓާ މާސް ރެސިގްނޭޝަން' މި ސުރުޚީގެ ދަށުން ސްރީ ލަންކަންނިއުސް.ނެޓްގައި ޝާއިއުކޮށްފައިވާ ލިޔުމުގައިވެސް ގައުމުގައި މިހާރު ހިނގަމުނދާ ސިޔާސީ ހަމަނުޖެހުންތަކަށް  ބަލާފައިވެ އެވެ.


އަލް ޖަޒީރާގައި މި ޚަބަރު ގެނެސްދީފައިވަނީ ' އެންޓައާ ކެބިނެޓް ރިސައިންސް' މި ސުރުޚީގެ ދަށުންނެވެ. އެ ޚަބަރުގައިވެސް ޕްރައިވަޓައިޒޭޝަން ސިޔާސަތާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތަކާއި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ހުރަސް އަޅަމުންދާ މައްސަލަ ފާހަގަކޮށްފައިވެ އެވެ.


ކެބިނެޓުގެ އިސްތިއުފާގެ ޚަބަރާ ގުޅޭ އިތުރު ސުރުޚީތަކުގެ ތެރޭގައި ކެނޭޑިއަން ޕްރެސްގައިވާ 'މޯލްޑިވްސް ކެބިނެޓް ރިޒައިން އެން މާސް އޯވާ ކޮންފްލިކްޓް ބިޓްވީން ޕްރެސިޑެންޓް އެންޑް ޕާލިއަމެންޓް' އަދި ޓައިމްސް ލައިވް ވެބްސައިޓުގައިވާ މޯލްޑިވިއަން ކެބިނެޓް ރިޒައިން އެން މާސް' ގެ ގެ އިތުރުން 'މޯލްޑިވިއަން ކެބިނެޓް ރިޒައިން ބްލޭމިންގް އޮޕޮސިޝަން' ހިމެނެ އެވެ.


ދުނިޔޭގެ މީޑިއާގައި ރާއްޖޭގެ ނަން މީގެ ކުރިން އެންމެ ބޮޑަށް މަޝްއޫރުވެގެން ގޮސްފައިވަނީވެސް ހަމަ ރާއްޖޭގެ ކެބިނެޓާ ގުޅޭ ޚަބަރަކުންކަން ފާހަގަކޮށްލެވެ އެވެ. 2009 ވަނަ އަހަރު ކެބިނެޓުން ބޭއްވި މޫދު އަޑީގެ ތާރީޚީ ބައްދަލުވުން ވެގެން ގޮސްފައިވަނީ ދުނިޔޭގެ މަސްރަހުގައި ރާއްޖޭގެ ރައީސް، އަދި ކެބިނެޓުގެ ނަން ވިދާލާގެން ދިޔަ ކަމަކަށެވެ. ނަމަވެސް މިއަދު ރާއްޖެ އަނެއްކާވެސް ދުނިޔޭގެ މީޑިއާގެ ފަލަ ސުރުޚީ ތަކުން ޖާގަ މި ލިބުނީ ހަމަ އެ ކެބިނެޓް ' ގޮތް ހުސްވެގެން' އެއްފަހަރާ އިސްތިއުފާ ދިނުމުންނެވެ.