18 Jul 2020, 14:40
ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނާ މެދު މުއާމަލާތްކޮށް ޖަލުތައް ހަރުދަނާ ކުރުމުގެ ގޮތުން ޖަލުތައް ބެލެހެއްޓުމުގައި ގެންގުޅެން އދ. އިން ކަނޑައަޅާފައިވާ މިންގަނޑު "މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް ޝާއިއުކޮށްފި އެވެ.
ސާޅީސް ހަ ސަފްހާގެ މައްޗަށް އެކުލެވޭ އެ ތަރުޖަމާގެ "ޕީޑީއެފް" ކޮޕީ މިހާރު ހޯމް މިނިސްޓްރީގެވެބްސައިޓުން ކިޔައިލެވޭނެ އެވެ.
ޖަލުތައް ހިންގުމަށާއި ޖަލުގައި ބަންދުކުރެވޭ މީހުންނާމެދު އަމަލުކުރުމުގައި އދ އިން ބަލައިގަންނަ އެންމެ ދަށް މިންގަނޑު ކަމަށްވާ، ، ނެލްސަން މަންޑޭލާ ރޫލްސް އދ. އިން މުރާޖާކޮށް ނެރުނީ 2015 ވަނަ އަހަރު އެވެ.
ހޯމް މިނިސްޓްރީން ބުނީ "މަންޑޭލާ ރޫލްސް" ރާއްޖޭގެ ޖަލުތަކާއި މީހުން ބަންދުކޮށްފައި ތިބޭ ތަންތަނުގައި ތަންފީޒުކުރަން އދ.ގެ އޮފީސް ޑްރަގް އެންޑް ކްރައިމްސްއާ ގުޅިގެން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ވިދާޅުވީ މިދިޔަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ޖަލު އޮފިސަރެއްގެ އަތަށް މަންޑޭލާ ރޫލްގެ ތަރުޖަމާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވިދާޅުވީ ބަންދުގައި ތިބޭ މީހުންނާ އެންމެ ގާތުން މުއާމަލާތްކުރާ ބަޔަކީ ޖަލު އޮފިސަރުން ކަމަށާއި އެހެންކަމުން ޖަލުތަކުގެ މުޅި ނިޒާމާމެދު ޕްރިޒަންސް އޮފިސަރުންގެ ތަސައްވަރު ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން އެ ޕްރިޒަން އޮފިސަރުން ތިބޭއިރު، އޮފިސަރުންގެ ބަހާއި އަމަލުން އެ ސިޔާސަތު ކޮންމެހެންވެސް ފެންނަން ޖެހޭކަން އިމްރާންގެ ވަނީ ވިދާޅުވެފަ އެވެ.