05 Jan 2012, 14:14
މޮޅު ގޯލުކީޕަރަކަށް ވާނީ ހެދޭ ކުށްތަކުން ފިލާވަޅެއް ލިބިގެން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ސްޕެއިން ކީޕަރު ޑޭވިޑް ޑެހެއާ ބުނެފި އެވެ. ފަހަކަށް އައިސް ކީޕަރު ޑެހެއާ ގެ ފަރާތުން އަންނަނީ ކުށްތަކެއް ތަކުރާރު ވަމުންނެވެ.
މިދިޔަ ހަފުތާގައި ބްލެކްބާން އާއި ދެކޮޅަށް ކުޅެ 3-2 ލަނޑުން މެންޔުނައިޓެޑް ބަލިވި މެޗުގައި ޑެހެއާ އަށް ހެދުނު ގޯހަކުން ބްލެކްބާން ލަނޑެއް ކާމިޔާބު ކުރި އެވެ. އެ މެޗުގައި ޑެހެއާ ގެ އިތުރުން މެންޔުނައިޓެޑްގެ ޑިފެންޑަރުންގެ ފަރާތުން ވެސް ގިނަ ކުށްތަކެއް ފާހަގަވެގެން ދިޔައެވެ.
"މޮޅު ކީޕަރަކަށް ވާނީ ހެދޭ ކުށްތަކުން ފިލާވަޅެއް ލިބިގެން. ސްޕެއިން ފުޓްބޯޅަ އާއި އިނގިރޭސި ފުޓުބޯޅަ މުޅިން ތަފާތު. އިނގިރޭސި ލީގުގައި ކޮންމެ ހިސާބަކުން ވެސް ހަމަލާއެއް އުފައްދާފާނެ ކަމަށް ތައްޔާރަށް ހުންނަން ޖެހޭ. މި ލީގަށް އައުމުގެ ކުރިން އަހަރެންނަށް އެނގޭ މިކަހަލަ ކަންތައްތަކެއް ކުރިމަތިވާނެ ކަން. ނަމަވެސް އެކަމަށް އަހަރެން ހުރީ ތައްޔާރު ވެގެން،" ޑެހެއާ ބުންޏެވެ.
ޑެހެއާ އަކީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން މެންޔުނައިޓެޑަށް މިސީޒަން ފެށުނުއިރު ބަދަލުވި ކީޕަރެކެވެ. މެންޔުނައިޓެޑްގެ ކުރީގެ އެއް ނަންބަރު ކީޕަރު އެޑްވިން ވެންޑަސާ ކުޅުމާއި ދުރަށް ދިއުމުން އެތަން ފޫބެއްދުމަށް ގެނައި ކީޕަރަކީ ޑެހެއާ އެވެ. ނަމަވެސް ޑެހެއާ އަށް ވެންޑަސާ ގެ ކާމިޔާބީ އާއި ހަމައަށް ދިއުމަށް ގިނަ ކާމިޔާބީ ތަކެއް ހޯދަން ޖެހެއެވެ.