18 Jul 2020, 13:38
އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މަތީ ހަރުފަތުގައި މީގެ އަހަރުތަކެއް ކުރިން ވިދާލި ލީޑްސް ޔުނައިޓެޑް 16 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އަލުން އަނބުރާ އެ ލީގަށް ޕްރޮމޯޓް ވެއްޖެ އެވެ.
ރޭ އިނގިރޭސި ޗެމްޕިއަންޝިޕުގައި ދެ ވަނައިގައި އޮތް ވެސްޓް ބްރޮމް ކުޅުނު މެޗުން ހަޑްސްފީލްޑް ޓައުން އަތުން 2-1 އިން ބަލިވުމުން ލީޑްސްއަށް ވަނީ ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރު ވެފަ އެވެ. ލީޑްސް ޔުނައިޓަޑް މިހާރު ޗެންޕިއަންޝިޕް ލީގުގެ ތާވަލްގެ އެއްވަނާގައި އޮތީ 87 ޕޮއިންޓާ އެކު ވެސްޓް ބްރޮމްވިޗް އަށްވުރެން އެއްމެޗު މަދުން ކުޅެ 5 ޕޮއިންޓު ކުރީގަ އެވެ.
އެއާ އެކު ލީޑްސްއަށް ލީގުގެ ޗެމްޕިއަންކަން ހޯދަން ބޭނުން ވަނީ އެންމެ ޕޮއިންޓް އެކެވެ. އެގޮތުން މާދަމާ އެ ޓީމު ކުޅޭ މެޗުން ޑާބީއާ ބައްދަލު ކުރާ މެޗުން އެއްވަރު ކޮށްލައިގެން ވެސް ލީގު ކަށަވަރުވާ އިރު މިއަދު ތިން ވަނައިގައި އޮތް ބްރެންޓްފޯޑް ކުޅޭ މެޗުން ސްޓޯކް އަތުން މޮޅުނުވިޔަސް ލީޑްސްއަށް އެއްވަނަ ލިބޭނެ އެވެ.
ތަފާތު ގިނަ މައްސަލަތަކެއް ދިމާވެ ލީޑްސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ޕްރިމިއާ ލީގަށް އަލުން އަންނަން އެކި ޕްރޮޖެކްޓް ފަށައިގެން މަސައްކަތް ކުރި ނަމަވެސް ހެދޭ ގޯސްތަކެއްގެ ސަބަބުން އެކަން ހާސިލްނުވަނީ އެވެ.
އެހެން ނަމަވެސް އާޖެންޓީނާގެ މާސެލޯ ބިއެލްސާއާ އެކު މީގެ ދެ އަހަރު ދުވަހު ކުރިން ޕްރިމިއާ ލީގުގެ ޖާގައަކަށް އަމާޒު ހިފައިގެން އެ ކުލަބުން ކުރި މަސައްކަތަށް މިއަދު ކާމިޔާބީއެއް ވަނީ ލިބިފަ އެވެ.
ދިގު މުއްދަތަކަށް ފަހު ލީޑްސް ޔުނައިޓަޑް ޕްރިމިއާ ލީގުން ޖާގަ ހޯދިއިރު އެންމެ ފަހުން އެ ޓީމު ޗެންޕިއަންސް ލީގުގައި ކުޅެފައި ވަނީ 2001 ވަނަ އަހަރުގެ ސެމީ ފައިނަލް ގައެވެ. ޕްރިމިއާ ލީގުން ޖާގަ ލިބުމަށް ފަހު އެ ޓީމުގެ ކެޕްޓަން ލިއަމް ކޫޕާ ބުނީ އެ ޓީމުގެ އަސްލު މަންޒިލަށް މިހާރު ދެވިއްޖެ ކަމަށް ބުނެފަ އެވެ.