ނިއުދިއްލީ (ޖުލައި 18) : ޕާކިސްތާން، އިންޑިއާ، އަދި ބަންގްލަދޭޝް ގައި ކޮވިޑް-19 ފެތުރޭ މިންވަރު އާދަޔާ ޚިލާފަށް މައްޗަށްދާ ކަމަށާ މިއާއެކު ކޮވިޑް ގެ މައިމަރުކަޒަކަށް ދެކުނު އޭޝިއާ ގެ ސަރަހައްދު ވެގެން ހިނގައިދާނެކަމުގެ އިންޒާރު ރެޑް ކްރޮސް ޖަމާއަތުން ދީފި އެވެ.

ރެޑްކޮރޮސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާން، އިންޑިއާ، އަދި ބަންގްލަދޭޝްއަކީ ބޮޑެތި އާބާދީތަކެއް ހިމެނޭ ތިން ގައުމު ކަމަށާ އެ ގައުމުތަކުގައި ކޮވިޑް-19 ކޮންޓްރޯލް ނުވެ އަދި އެރޯގާ މިންވަރު އާދަޔާ ޚިލާފަށް މައްޗަށް ދިއުމަކީ ދުނިޔޭގެ ފެންވަރުގެ ކަންބޮޑުވުމެއްކަމުގައެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހުނު ކަމަށް ރިޕޯޓް ކުރި މީހުންގެ އަދަދު އެއް މިލިޔަނަށްވުރެ މައްޗަށް ގޮސްފައިވަނިކޮށް ރެޑްކްރޮސް އިން ނެރުނު ބަޔާނުގައި ޕާކިސްތާން، އިންޑިއާ، އަދި ބަންގްލަދޭޝްގައި ކޮވިޑް ފެތުރޭމިންވަރު ބޮޑުވުމުގެ ސަބަބުން ދެކުނު އޭޝިއާ މިސްރާބު ޖަހާފައިވަނީ އެމެރިކާއާއި ބްރަޒިލްފަދަ ކޮވިޑް ކޮންޓްރޯލް ކުރުމަށް ނުކުޅެދިފައިވާ އެވަބާގެ މައިމަރުކަޒަށް ވުމާދިމާއަށްކަން ފާހަގަކޮށް އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ޕާކިސްތާން، އިންޑިއާ، އަދި ބަންގްލަދޭޝް ހިމެނޭ ދެކުނު އޭޝިއާ ގެ ސަރަހައްދަކީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއް ބައި މީހުން ދިރިއުޅޭ ސަރަހައްދަކަށްވާއިރު މި ތިން ގައުމުގެ އާބާދީގެ ބޮޑުބައަކީ ފަގީރުންނެވެ. އަދި މި ތިން ގައުމަކީވެސް ރައްޔިތުންގެ މެދުގައި ސިއްޙަތާބެހޭ ހޭލުންތެރިކަންކުޑަ، ދިރިއުޅުމުގެ ހާލަތު ދަށް އަދި ސިއްހަތާބެހޭ އިންފްރާސްޓްރަކްޗަރ ބަލިކަށި ތިން ގައުމެވެ.

ރެޑް ކްރޮސްއިން ވަނީ އެގައުމުތަކުގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވިއްޖެނަމަ މުޅި ދެކުނު އޭޝިއާއަށް ކޮވިޑްގެ ނުރައްކާ ބޮޑުވެގެންދާނެކަމުގެ އިންޒާރު ކުރިންވެސް ދީފައެވެ. އަދި ސަރަހައްދީ ރޮނގުތައް އަލުން ހުޅުވާލައި އިގްތިސާދީ ހަރަކާތްތައް އަލުން ފެށުމަށް ދެކުނު އޭޝިއާގެ ގައުމުތަށް ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް އެކަމުގެ ހިޔަނި އެޅެމުންދާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސްވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް -19 ގެ އެންމެ ބޮޑު މަރުކަޒު ކަމަށްވާ އެމެރިކާއަށް ބަލާއިރު އެމެރިކާގައި އިގްތިސާދުގެ ހަރަކާތްތައް އަލުން ފެށުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރާ މަސައްކަތަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެމެރިކާ ނާކާމިޔާބު ވެފައިވާ މައްސަލައެވެ. އެމެރިކާގައި އިއްޔެވެސް 75 ހާސް މީހުން ކޮވިޑްއަށް ޕޮޒިޓިވްވެފައިވެއެވެ. މިއީ މިހާތަނަށް ބަލާއިރު ރެކޯޑް އަދަދެކެވެ.

ދުވާލެއްގެ މައްޗަށް މިހާގިނަ ބަޔަކު ކޮވިޑް އަށް ޕޮޒިޓިވް ވަމުންދާއިރު އެމެރިކާގެ އިގްތިސާދު އަލުން ހުޅުވާލައި އިގްތިސާދީ ހަރަކާތްތައް ފަށަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުކުރެވޭނެކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. ތަޖްރިބާކާރުން މިހެން ވިދާޅުވާއިރު އެމެރިކާގައި ކޮވިޑް ގެ ހާލަތު ކޮންޓްރޯލް ވުމުގެ ބަދަލުގައި އިތުރަށް ގޯސްވަމުންދާތީ އިގްތިސާދު ހުޅުވާލަން ޓްރަމްޕްގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށް އިގްތިސާދީ ރިޕޯޓްތައް ބުނެއެެވެ.

ނަމަވެސް ޗައިނާއާއި ޔޫރަޕްގެ ގައުމުތައް ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ހޯދަމުންދާތީ އިގްތިސާދީ ހަރަކާތްތައް އަލުން ފެށުމުގައިވެސް ޗައިނާއާއި ޔޫރަޕް ގެ ގައުމުތަކާ އަދި ޖަޕާނާއި ދެކުނު ކޮރެއާފަދަ އިރުމަތީ އޭޝިއާ އާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތައް މިހާރު ވަނީ މުހިއްމު ރާސްތާއެއް ކަޑައްތުކޮށްފައެވެ.

އަންނަ އޮގަސްޓް މަހުގެ ތެރޭގައި ޔޫރަޕްގެ ގިނަ ގައުމުތަކާއި ޗައިނާ، ޖަޕާން، އަދި ތައިލެންޑާއި މެލޭޝިއާފަދަ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ދުނިޔޭގެ ގައުމުތަކާއެކު ވައިގެ ދަތުރުތައް ފަށަން ކުރާ މަސައްކަތް ކާމިޔާބު ވުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ. ޗައިނާ މިހާރުވެސްވަނީ ވައިގެ ދަތުރުތައް ބައެއް ގައުމުތަކަކާއެކު ފަށާފައެވެ.

ދުނިޔެއަށް ބަލާއިރު ކޮވިޑް-19 ގެ މައި ދެ މަރުކަޒުގެ ގޮތުގައި މިހާރުއޮތީ އެމެރިކާއާއި ބްރަޒީލް އެވެ. ނަމަވެސް އިންޑިއާ ދަނީ ކޮވިޑްގެ މައި މަރުކަޒަކަށް ބަދަލުވަމުންނެވެ. އިންޑިއާއެކޭ އެއްފަދައިން ޕާކިސްތާނާއި ބަންގްލަދޭޝްގައި ކޮވިޑް ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ ކޮވިޑް ގެ ތިންވަނަ މަރުކަޒަކަށް އެތިން ގައުމު ހިއްސާކުރާ ދެކުނު އޭޝިއާގެ ސަރަހައްދު ވެގެންދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު އެއް މިލިޔަނަށް އަރާފައިވާއިރު ޕާކިސްތާނުގައި އެއަދަދުވަނީ ދެލައްކަ ފަސްދޮޅަސް ހާހަށްވުރެ މަތީގައެވެ. ބަންގްލަދޭޝްގައިވެސް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ ދެލައްކައަށް އަރާފައެވެ. މި ތިން ގައުމުގައިވެސް ކޮވިޑްގެ ކޭސްތައް ދުވަހެއް ދުވަހަކަށް ދަނީ ވަރަށް ބާރަށް އިތުރުވަމުންނެވެ. (ނޫސްއެޖެންސީތައް)