05 Jan 2012, 14:11
މިދިއަ އަހަރަކީ އުނދަގޫތަކާ ކުރިމަތިލާން ޖެހުނު އަހަރު ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ފާހަގަކޮށްފި އެވެ. ސީޒަން ފެށުނު އިރު ލިބެމުންދިޔަ ނާކާމިޔާބީ ތަކާއި ގުޅިގެން ވެންގާ އަށް ގިނަ ފާޑުކިޔުންތަކަކާއި ކުރިމަތިލާން ޖެހުނެވެ.
ވެންގާ އަށް ބޮޑު އަގުތަކެއް ހުށަހެޅުމުން އާސެނަލްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ސެސް ފެބްރިގާސް އާއި ސާމިރު ނަސްރީ މިސީޒަން ފެށުނުއިރު ދޫކޮށްލަން މަޖުބޫރު ވިއެވެ. އެ ދެކުޅުންތެރިން ނުލާ މިސީޒަން ފަށައިގަންނަން ވެންގާ އަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. ނަމަވެސް އާސެނަލްގައި ހުރި ހޮލެންޑް ފޯވާޑް ރޮބިން ވެންޕާސީ ވަނީ ވެންގާ އަށް ބޮޑު ލުޔެއް ހޯދައިދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދީފަ އެވެ.
"އަހަރެން ހިއެއްވެސް ނުކުރަން އަހަރު ނިމޭއިރު ގަދަ ހަތަރަކަށް ވެސް އަރާނެ ކަމަކަށް. މިއީ އަހަރެންގެ ކޯޗުކަމުގެ ކެރިޔަރުގައި ކުރިމަތިލާން ޖެހުނު އެންމެ އުނދަގޫ އަހަރު. ނަމަވެސް ކެތްތެރިކަމާއެކު، އެ އަނދަވަޅުން އަހަރެންނަށް ތެދުވެގަނެވުނު. އަހަރެމެންނަށް އޮތްހާ ވެސް އެއްޗަކީ ޗެމްޕިއަންސް ލީގު. އެތަށި ކާމިޔާބު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނަން." ވެންގާ ބުންޏެވެ.
ވެންގާ އަށް އަދިވެސް ވަރަށް ބޮޑު ފާޑުކިއުމެއް އަމާޒުވާނެ އެވެ. އާސެނަލަށް ފަނަރަ އަހަރު ދުވަހު ކޯޗުކަން ކޮށްދިން ވެންގާ އަށް އެކުލަބަށް ތައްޓެއް ހޯދައި ނުދެވި ހަ އަހަރު ވެފައިވުމުން ފާޑު ކިއުމެއް އަމާޒުވާނެ ކަމާއި މެދު ޝައްކެއް ނެތެވެ. އަދި މިއަހަރު ތައްޓެއް ހޯދައި ނުދެވިއްޖެނަމަ އެ ފާޑިކިއުން އިތުރުވެގެން ދާނެ އެވެ.