18 Jul 2020, 00:17
ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްލާހު ހުށަހެޅުއްވުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ރައީސް ނަޝީދު މިގޮތަށް ހުށަހެޅުއްވީ، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އެ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވުމުން، އަނބުރާ ކޮމިޓީ އަށް ބިލު ފޮނުއްވަމުންނެވެ. އެމަނިކުފާނު އެދިވަޑައިގެންވީ، ރިޔާސަތުން ހުށަހަޅާފައިވާ އިސްލާހާއެކު، އެ ބިލާ މެދު އަލުން ކޮމިޓީއިން ވިސްނުމަށެވެ.
އިސްލާހުގައި، ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށާއި، އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެގައި ކުރާ ބިދޭސީންނަށްވެސް ރެސިޑެންޓް ވިސާ ދިނުމަށް ހިމަނާފައިިވެއެވެ.
އެ އިސްލާހަށް ކޮމިޓީގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، އެ އިސްލާޙު ފާސްވެއްޖެނަމަ، ވަރަށް ފަސޭހައިން ކޮންމެ ބިދޭސީއަކަށްވެސް ރެޒިޑެންޓް ވިސާ ލިބިގެންދާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެ އިސްލާހަކީ ރާއްޖޭގެ ސިޓިޒެންޝިޕް ބިދޭސީނަށް ދިނުމަށްޓަކައި އަޅާ ބުރިޖެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
"ދިހަ އަހަރަށް ގެ ކުއްޔަށް އުޅޭނެ ރާއްޖޭގެ އުޅޭ ބަންގްލަދޭޝް މީހުންނަށްވެސް. އެހެންވީމަ އެމީހުންނަށް އޮޓަމެޓިކުން ރެސިޑެންޓް ވިސާ ލިބުނީ ނޫންތޯ. މިއޮށް ހުރިހާ ދުވަހު މި ކިޔަނީ، އެއީ [ބިދޭސީންގެ މައްސަލައަކީ] ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް ކަަމަށް. މިއަދު މިކިޔަނީ ރާައްޖޭގައި ކޮޓަރިއެއް ކުއްޔަށް ހިފާ މީހަކަށްވެސް ރެޒިޑެންޝިޕް ދޭ ވާހަކަ،" ނަޝީދުގެ އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވިއެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމެއްގައިވެސް 10 އަހަރު ކުއްޔަށް އުޅޭ މީހުންނަށް ރެސިޑެންޓް ވިސާ ނުދޭ ކަމަށާއި އެގޮަތަށް އިސްލާޙު ގެނައުމަކީ އޭނާވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"10 އަހަރުގެ ލީސްއެއް ހޯދުމަކީ، ވަރަށް ފަސޭހަ ކަމެއް. ރާއްޖޭގައި އުޅޭކަށްވެސް ނުޖެހޭ ކޮންމެހެން. އަހަރަކު އެއްފަހަރު ރާއްޖެ އައިސް އުޅޭ މީހުންވެސް އުޅޭނެ. އެހެންވީމަ އެފަދަ ޑޮކުމެންޓެއް ހެދުމަށް އުދަނގޫ ނުވާނެ. އަޅުގަނޑަށް އެއްވެސް ގޮތަކަށް ތާއީދެއް ނުކުރެވޭ މިގޮތަށް އިސްލާހު ގެންނަން. އަދި އިންވެސްޓްމަންތަށް އަދަދެއް ކަނޑައަޅާނަމަ، އެއް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ވާން ޖެހޭނެ،" ކުރީގެ ޑެޕިއުޓީ ޕްރޮސެކުއުޓާ ޖެނެރަލް އުޝަމް ވިދާޅުވިއެވެ.
ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މެމްބަރުންވެސް އެ އިސްލާހާ ދެކޮޅު ހެއްދެވިއެވެ. އެގޮތުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ވިދާޅުވީ، ކުއްޔަށް އުޅޭ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދިނުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އެއްލައްކަ ރުފިޔާ އިންވެސްޓު ކުރާ ފަރާތްތަކަށް ރެޒިޑެންޓް ވިސާ ދިނުމަށް އެ އަދަދަކީވެސް ވަރަށް ކުޑަ އަދަދެއް ކަމަށާއި، އެހާ ކުޑަ އަދަދަކުން އިންވެސްޓު ކުރާ ފަރާތްތަކަށް ރެޒިޑެންޓް ވިސާ ދިނުމަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް އެންމެ ކުޑަވެގެންވެސް ތާއީދު ކުރެވެނީ، އެއް މިލިއަން ޑޮލަރަށް އެވަރުގެ ހުއްދައެއް ދިނުމަށް. އެގޮތަށް އަޅުގަނޑު ހުށަހަޅަން،" މެމްބަރު އިސްމާއިލް އަހްމަދު ވިދާޅުވިއެވެ.
ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުވެސް ވިދާޅުވީ، އެއް ލައްކަ ރުފިޔާއިން އިންވެސްޓު ކުރާ މީހުންނަށް ރެޒިޑެންޓް ވިސާ ދިނުމަކީ، ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އެކަމަށް އޭނާއަށްވެސް ތާއީދު ނުކުރެވޭ ކަމަށް ޝަރީފު ވިދާޅުވިއެވެ.
"މި އިސްލާހުތަކަކީ، އަޅުގަނޑަށް ބަލައިގަނެވޭނެ އިސްލާހެއް ނޫން. އެއްލައްކަ ރުފިޔާއަކީ ވަރަށް ކުޑަ އަދަދެއް...އަދި 10 އަހަރުގެ މުއްދަތައް ކުއްޔަށް އުޅޭ މީހުންނަށް ވިސާ ދިނުމަކީވެސް އެއްބަސްވެވޭނެ ކަމެއް ނޫން،" މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވިއެވެ.
މަޖިލިސް ކޮމިޓީގައި ނިންމާފައިވަނީ، މި އިސްލާހާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީއާ ބައްދަލު ކުރަމަށެވެ.
ކޮމިޓީގައި ހުރިހާ މެމްބަރުންވެސް އިއްތިފާގުވީ، ކުއްޔަށް އުޅޭ މީހުންނަށް ވިސާ ދިނުމަށް ނުފެންނަ ކަމަށެވެ. އަދި ރިޔާސަތުން ހުށަހެއްޅި އެހެން އިސްލާހުތަކާ ގުޅޭ ގޮތުން ތިން މިިނިސްޓްރީއަކާ ބައްދަލު ކުރުމަށް ކޮމިޓީން ނިންމިއެވެ. އެއީ، އިކޮނޮމިކް މިނިސްޓަރީއާއި ޖެންޑާ މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީއާ ބައްދަލު ކުރަމަށެވެ. އަދި އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން ބިލުގެ މަސައްކަތް ނިންމުމަށްވެސް ކޮމިޓީން ނިންމިއެެވެ.
މި އިސްލާހާ ގުޅިގެން ޝޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުންވެސް ދަނީ، ކަންބޮޑުވުން ފާޅުކުރަމުންނެެވެ.
އިމިގްރޭޝަން ގާނޫނު މިހާރު އޮތް ގޮތުން ރެޒިޑެންސް ވިސާ ދެނީ، އެންމެ ދެހާލަތަކަށެވެ. އެއީ ދިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށާއި ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެންއުޅޭ ބިދޭސީއަކަށް ދެވޭ ހުއްދައެއްގެ ދަށުންނެވެ. ނަމަވެސް އެ އިންވެސްޓުމަންޓުގެ އަދަދު ގާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ.
އެހެން ނަމަވެސް، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ހަދާފައިވާ ކޯޕަރޭޓް ރެޒިޑެންޓް ވިސާގެ ގަވައިދުގައި ބުނާ ގޮތުން، ވިޔަފާރިވެރިންނަށް ކޯޕަރޭޓް ރެޒިޑޭންޓް ވިސާ ދެވޭނީ، ރާއްޖޭގައި 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ އިންވެސްޓުކޮށްފައިވާ ފަރާތްތަކާއި، އެއް މިލިއަން ޑޮލަރު (15.4 މިލިއަން ޑޮލަރު) ރާއްޖޭގެ ބޭންކެއްގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ޑިޕޮސިޓްކޮށްފައިވާ ފަރާތްތަކަށާއި ނުވަތަ މާލީ މުޤާބިލެއް (މާލީ ސެކިއުރިޓީއެއް) ގައި، އެއް މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ފަރާތްތައް ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި ސަރުކާރުގެ ވުޒާރާއަކުން ހުއްދަކުރާ ރިއަލްއެސްޓޭޓްގައި، މަދުވެގެން އެއް މިލިއަން ޑޮލަރަށްވުރެ މަދުނުވާ އަދަދަކަށް އިންވެސްޓްކޮށްފައިވާ ފަރާތްތައްކަށް ކަމަށްވެސް އެ ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.